ސަރުކާރުން އިންޓަނެޓުގެ އަގުތަކަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތައް އަމަލުނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ބުނެފި އެވެ.

ސަރުކާރުން އިންޓަނެޓް އަގު ހެޔޮކުރިކަން އިއުލާނު ކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޭމްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ ސަރުކާރުން ގެނައި ބަދަލުތަކުގެ ފައިދާ ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުމަށް އެ އިދާރާއިން މަސައްކަތްކުރާނެ ކަމަށެވެ. އަދި އެއްބަސްވެފައިވާ އަގުތަކަށް އިހުތިރާމުކޮށް ސިޔާސަތުގައި ކަނޑައަޅާފައިވާ ގޮތަށް ޚިދުމަތް ފޯރުކޮށްދޭކަން ކަށަވަރުކުރުމަށް އެ އިދާރާއިން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިލްޔާސް ވިދާޅުވީ އިންޓަނެޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރާއި އަގުތައް ހުންނަނީ ކޮމިއުނިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކާއި އެއްގޮތަށް ކަން ބަލަމުންދާނެ ކަމަށެވެ. އަދި އެހެން އެކަންނުވާ ނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޓަނެޓްގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޝަންތަކަށް ވަނީ ގެނެސްފަ އެވެ. މި ބަދަލު ގެނައުމުން ގޭބިސީތަކާއި ވިޔަފާރިތަކުގައި ބޭނުންކުރާ އިންޓަނެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮވެގެންދާނެ އެވެ.

ސަރުކާރުން ހުށައަޅާފައިވާ އަގުތަކަކީ:

  • 5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ
  • 15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ
  • 25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 700ރ. އަށް 200 ޖީބީ

އެގޮތުން ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓްގެ ޚިދުމަތް އަގު ހެޔޮވެގެންދާއިރު މޯބައިލް އިންޓަނެޓް އޮކްޓޯބަރު މަހުން ފެށިގެން އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އިންޓަނެޓްގެ އަގުހެޔޮކޮށް ހެޔޮ އަގުތައް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭ އެންމެ ބޮޑު ދެ ކުންފުނި ކަމުގައިވާ ދިރާގާއި އުރީދޫގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެން، ސަރުކާރުން ކަނޑައެޅި އުސޫލުތައް ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާ ޓެކްނޯލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭ ގޮތަކަށް މުޅި ސަރުކާރު ގުޅައިލައި، ޑިޖިޓަލް އައިޑީ ތައާރަފްކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ކަމާބެހޭ މާހިރުންގެ މަޝްވަރާގެ މަތިން ސަރުކާރުގެ އަމާޒަކަށްވީ އިންޓަނެޓްގެ ޚިދުމަތަށް ޖުމްލަ ގޮތެއްގައި ހެޔޮ ބަދަލެއް ގެނައުމަށް ކަމަށާއި ސަރުކާރުގެ އަމާޒަކީ މި ޓެކްނޮލޮޖީއާ ދިވެހިރާއްޖެއިން އަރަރާ ހަމަކުރުން ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.