ނަވާރަ ސަތޭކަ ނުވަދިހައިގެ ފަހުކޮޅު އަދި ދެހާހުގެ ކުރީކޮޅު ބެލުންތެރިންގެ މެދުގައި ބާޑު މަގުބޫލު ކަމެއ ހޯދި އެމެރިކާގެ ސިޓްކޮމް "ފްރެންޑްސް"ގެ ރީޔޫނިއަން ސްޕެޝަލް ރިލީޒް ކޮށްފި އެވެ.

އެޗްބީއޯ މެކްސްއިން އުފައްދާ ޕްރޮޑިއުސްކުރި މި ރީޔޫނިއަންގައި ސީރީޒްގެ ލީޑު ރޯލުން ފެނުނު ހަ ބައިވެރިން ވެސް ފެނިފައިވެ އެވެ.

ސްކްރިޕްޓްނުކޮށް ކުރިއަށް ގެންދިޔަ މި ރީޔޫނިއަންގައި ތަރިން ވަނީ އެ ސީރީޒްގެ ޝޫޓިން ކުރިއަށްދިޔަ ވާނާ ބްރަދާސް ސްޓޫޑިއޯގެ ސްޓޭޖް 24 ގައި ރީޔޫނިއަންއަށް ހާއްސަކޮށްގެން ތައްޔާރުކުރި ފްރެންޑްސް ގެއަށް ޒިޔާރަތްކޮށް ސީރީޒްގެ ގިނަ ހަނދާންތަކެއް އާކޮށްފަ އެވެ.

ލީޑް ހަ ތަރިންގެ އިތުރުން ގިނަ މެހެމާނުންތަކެއް ވެސް ރީޔޫނިއަންގެ ތެރޭގައި ފެނިގެންދިޔަ އެވެ. އޭގެ ތެރޭގައި ލޭޑީ ގާގާ، ޖަސްޓިން ބީބާ، ބީޓީއެސް އަދި ޑޭވިޑް ބޭކަމް ހިމެނެ އެވެ.

އިއްޔެ މެންދުރުގެ ވަގުތެއްގައި ރީޔޫނިއަން ޕްރިމިއާކުރުމާއެކު ގިނަ ބަޔަކު ވަނީ އިންޓަނެޓް މެދުވެރިކޮށް ވަގުތުން އެ އެޕިސޯޑު ބަލާފަ އެވެ. ގާތްގަނޑަކަށް ދެ ގަޑިއިރަށް ދެމިގެން ދިޔަ ރީޔޫނިއަންއަކީ ގިނަ ދުވަސްތަކެއްގެ އިންތިޒާރަށް ލިބުނު ފޮނި ނިމުމެއްގެ ގޮތުގައި އެމީހުން ސިފަ ކުރެ އެވެ.

ފްރެންޑްސްއަކީ ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގްބޫލު ކަމެއް ހޯދި ސީރީޒްއެކެވެ.