ރަޝިއާއިން ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ވީހާވެސް އަވަހަކަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފްއާ ދެއްވައިފި އެވެ.
ރަޝިއާގެ ޕޮރިން މިނިސްޓަރު ވެކްސިން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބަދުﷲ ޝާހިދުއާއެކު ފޯނު މެދުވެރިކޮށް ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ރަޝިޔާގެ ފޮރިން މިނިސްޓަރާއެކު ކުރެއްވި މަޝްވަރާތަކުގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑްގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ އަދި މިހާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭ ގޮތުން ރަޝިއާގެ ފޮރިން މިނިސްޓަރަށް މައުލޫމާތު އަރުވާފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ޚާރިޖީ ވަޒީރުން މަޝްވަރާކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ސްޕުޓްނިކް ވެކްސިން ރާއްޖެ ގެންނަން މިހާރު ކުރަމުން ދަނީ އެގްރީމަންޓްގައި ސޮއިކުރުމަށް ކުރަން ޖެހޭ ކަންކަން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ އެގްރީމަންޓްގައި ސޮއިކުރާތާ ހަތަރު ހަފުތާގެ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.
ސްޕުޓްނިކް ވެކްސިން ގަތުމަށް ބޭނުންވާ އެގްރީމެންޓް މިހާރު ރާއްޖެއަށް ލިބިފައިވާއިރު އެޓާނީ ޖެނެރަލްގެ އޮފީހުން އެ އެގްރީމަންޓް ދިރާސާކޮށް، ކޮމެންޓްތަކެއް ލިޔުމަށްފަހު ފޮރިން މިނިސްޓްރީ މެދުވެރިކޮށް ވަނީ ފޮނުވާފަ އެވެ. ސްޕުޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ރާއްޖެއަށް ގެންނަން ނިންމާފައިވެ އެވެ.
މިހާރު ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިން އާއި ޗައިނާގެ ސައިނޯފާމް ވެކްސިންގެ އިތުރުން އެމެރިކާގެ ފައިޒާ ވެކްސިން އެވެ.