އެތީޒަމް ނުވަތަ އެތީސްޓުންނަކީ ޚާލިޤުވަންތަ އިލާހެއްގެ ވުޖޫދިއްޔަތަށް އިންކާރުކުރާ ބަޔެކެވެ. ޢިލްމީ ދިރާސާތަކުގެ މައްޗަށް ބަރޯސާވުމުގެ ދައުވާ އުފުލާ ބައެކެވެ. ސައިންސްގެ ހޯދުންތަކާއި، އޭގެ ނަތީޖާއިން ކަންކަން ޤަބޫލުކުރުމަށް ގޮވައިލާ ބައެކެވެ. އެ މީހުންގެ އެންމެ ބޮޑު އެއް ދައުވާއަކީ ދުނިޔެ އުފެދުން އެއީ ބާރުގަދަ ގޮވުމެއްކަމަށް ބުނާ ދައުވާއެވެ. ސައިންސްގެ ބަހުރުވައިންނަމަ "ބިގް ބޭންގް ތިއަރީ" އެވެ.

"ބިގް ބޭންގް ތިއަރީ"އާ ބެހޭ ގޮތުން ސައިންސްވެރިން ބުނަނީ އެއީ ބާރުގަދަ ގޮވުމެއް ކަމަށެވެ. އެ މީހުން މިކަމުގެ ތާރީޚު ހުސްކޮށްލަނީ އަންދާޒީ ހިސާބަކަށެވެ. ގާތްގަނޑަކަށް މީގެ 3.8 ބިލިއަން އަހަރު ކުރިޔަށެވެ. އެ މީހުން ބުނާގޮތުން އެހާރުން ހުރިހާ ޒައްރާތުތަކެއް ކުޑަކަމުގެ އިންތިހާއަށް ކުޑަ ޖާގައަކަށް ޖަމާވެ، ހުސްވުމެއް ނެތް ހުރިހާ ހަކަތައަކާއި، އިންތިހާއީ ހޫނަކުން، "ސިންގުލައިރިޓީ" އޭ ކިޔުނު ބޯޅައެއް ފަދަ އެއްޗެއް އުފެދުނެވެ. ދެން ކުއްލިއަކަށް އެ ބޯޅަ ދުޅަވާހެން ފުފެންފަށައި ބާރުގަދަ ގޮވުމަކުން ގޮވިއެވެ. އަދި އެ ގޮވި ގޮވުމުގައި، އޭގެ ތެރެއަށް ޖަމާވި ހުރިހާ ހަކަތައަކާއި ހޫނެއް ބުރަބުރައިގެން ވިއްސިވިހާލި ވެގެން ދިޔައީއެވެ.

"ސިންގުލައިރިޓީ"ގެ ތެރޭގައި ޖަމާވެފައި ހުރި ހަކަތައާއި ހޫނުގެ ގިނަކަމާއި ބާރުގަދަ ކަމުން ބުރަބުރައިގެން ދިޔަ ކޮންމެ އެއްޗަކަށް އޭގެ ޙަރަކާތައް ބޭނުންވާ ހަކަތަ ލިބުނުކަމަށް އެވެރިން ބުނެއެވެ. ބުރައިންގެން ދިޔަ ކޮންމެ އެތިކޮޅަކީ ވަކި ގުރަހައެއް، ނޫނީ ތަރިއެއްކަމަށް މި ތިއަރީގެ އަހުލުވެރިން ކިޔައިދެއެވެ. އެގޮތުން އަޅުގަނޑުމެން ދިރިއުޅޭ ދުނިޔެއާއި، އެ ދުނިޔެއަށް އަލި ލިއްބައިދޭ އިރާއި، އޭގެ ވަށައިގެން ދައުރުވާ ހަނދުގެ އިތުރަށް ވެސް ގިނަ ޢަދަދެއްގެ ކައުކަބުތަކާއި، ގުރަހަތައް ފަލަކެއްގައި ދަތުރުކުރާ ވާހަކަ އެއީ މި ތިއަރީގެ ކުރިއެރުމުގައި އެ ވެރިން ހޯދާފައިވާ ހޯދުން ތަކެވެ.

ސައިންސްގެ ތަރައްޤީއަކީ އިންސާނުންނަށް އޭގެ ފައިދާކުރާ އެއްޗެކެވެ. މިއަދު މި ފެންނަ ޢުމްރާނީ ތަރައްޤީއަކީ ތާރީޙުގެ ސަފުހާތަކުން ޖާގަހޯދި އެކިއެކި ފިލޯސަފަރުންނާއި، ސައިންޓިސްޓުންގެ ހޯދުންތަކުގެ އެދެވޭ ނަތީޖާއެވެ. އެހެނަސް ސައިންސްގެ އެއްވެސް ހޯދުމަކީ ޤުދުރަތުގެ ނިޒާމުގައި ކަންކަން ހިނގާ ފުރަތަމަ ސަބަބު ބަޔާންކޮށްދެވޭ އެއްޗެއްކަމުގައި ޙުދު ސައިންސްވެރިން ވެސް ޤަބޫލެއް ނުކުރެއެވެ. ހިނގާ ކޮންމެ ކަމެއް، ހިނގާގޮތަކީ މިއީ ކަމާއި، އެކަން ހިނގުމަށް މެދުވެރިވަނީ މިވެނިއެވެނި ސަބަބެއްކަމަށް ބުނާއިރު، އެ ބުނި ސަބަބުގެ ސަބަބު ބުނެދިނުމަށް ސައިންސްވަނީ މިއަދާހަމައަށް ވެސް ނުކުޅެދިފައެވެ. އަޅުގަނޑުމެން ވާހަކަ ދައްކަމުން މިއަންނަ ބާރުގަދަ ގޮވުމަށް ބަލައިލަމާހެއްޔެވެ؟

"ބިގް ބޭންގް ތިއަރީ"ގެ ނަމުގައި އެ ގޮވިގޮވުމުގެ އަސްލަކީ "ސިންގުލައިރިޓީ" ކަމުގައި ބުނާއިރު ސިންގިއުލައިރިޓީގެ ސަބަބަކީ އޭގެ 3.8 ބިލިއަން ކުރީގެ ހުރިހާ ޒައްރާތުތަކެއް ޖަމާވުމެވެ. އެހެން ކަމަށް ވާނަމަ އެ ޒައްރާތުތައް ޖަމާވުމުގެ ސަބަބު ކޮބައިތޯއެވެ؟ އަދި އެ ޒައްރާތުތައް ހުރުމުގެ ސަބަބު ވެސް ކޮބައި ބާއެވެ؟ އެ ޒައްރާތުތަކުގެ ސަބަބު ކިޔައިދޭނެ މީހަކު ވާނަމަ، އެ ކިޔައިދޭ ސަބަބުގެ ސަބަބު އެއީ ކޮން އެއްޗެއްކަން ވެސް ކިޔައިދޭނެ ސަބަބެއް ބޭނުންވާނެއެވެ. މި ހަމައިން ކަމުގެ ފަސްފަހަތަށް ބަލަމުން ކިތަންމެ ދުރަށް ދިޔަކަމުގައި ވިޔަސް، ސައިންސަށް ބުނެނުދެވޭ ފުރަތަމަ ސަބަބު ހަމަ އެގޮތުގައި އިންސާނީ ބުއްދިއަށް ވަންހަނާވެފައި އޮންނާނެއެވެ.

ސައިންސްގެ ޢިލްމުގައި ކުރިއަރާ ދިޔަ ބަޔަކު ކުރިއަރާދިޔައީ، އޭގެ ކުރީގެ މުފައްކިރުންނާއި، މުޚްތަރިޢުންގެ ޢިލްމީ މަސައްކަތްތަކުގެ ހިޔަނީގައެވެ. އެފަދަ މީހުންގެ ތެރޭގައި އިސްލާމީ ޢިލްމުވެރިން ވަރަށް ގިނަކަން ސައިންސްގެ ތާރީޚު ހެކިދެއެވެ. އަޅުގަނޑުމެން މިއަދު ބޭނުންކުރާ ކޮމްޕިއުޓަރުގެ ފެށުން ވެސް ގޮސް ނިމެނީ މުސްލިމް ޢާލިމެއްގެ ހޯދުންތަކާ ހަމައަށެވެ. މިއީ އަދި އެހެން މައުލޫއެއްގައި ބަލައިލުން ރަނގަޅު ވާހަކަ ތަކެކެވެ.

އިސްލާމީ ހުރިހާ ސައިންސްވެރިންނެއް ދުނިޔޭގެ އުފެދުމާ ބެހޭގޮތުން ޤަބޫލު ކުރައްވާ ކުރެއްވުމަކީ، އެއީ ހުރިހާ ޢިލްމެއް ލިބިވޮޑިގެންވާ، ކުޅަދުންވަންތަ، ފަރާތަކުން އުފެއްދެވި އުފެއްދެވުމެއް ކަމެވެ. އެއީ އުފައްދަވާ ފަރާތެވެ. އެޢީ އަލް-ޚާލިޤެވެ. އެ އިލާހު އެދިވޮޑިގެންނެވި ކޮންމެ އެއްޗެއް އެދިވޮޑިގެންނެވި ކޮންމެ ގޮތަކަށް، އިސްވެ ދިޔަ މިސާލަކާ ނުލައި އުފައްދަވަތެވެ. އަދި އެ އިލާހުގެ އުފެއްދެވުމުގައި އެއްވެސް އުނިކަމެއް ވާތީ އެއްވެސް މަޚުލޫޤަކަށް ނުފެންނާނެއެވެ.

ދުނިޔެ އުފެއްދެވުމާ ބެހޭގޮތުން، ނުވަތަ އެތަން ވުޖޫދު ކުރެއްވެވި ގޮތް ވަރަށް ޞަރީޙަ ޢިބާރާތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ބަޔާން ކުރަށްވައިފައެވެ. ވަޙީކުރަށްވަނީ ﴿ أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ﴾ ‎(سورة الأنبياء: ٣٠) މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ތިމަންމެން ވަކިކޮށްލެއްވިކަން، كافرވި މީހުން ނުދަންނަނީ ހެއްޔެވެ؟" މިއާޔަތުގައި ވަރަށް ސާފުކޮށް ބަޔާންވެފައި މިވަނީ "ބިގް ބޭންގް ތިއަރީ"އެވެ. މި ތިއަރީއަށް އޭގެ ފަހު ސަބަބު ނޭގުނަސް، ބަޔާންވެ ދިޔަ އާޔަތުން މި ތިއަރީގައި އެބުނާ ދައުވާގެ ހުރިހާ ކަމެއް ސާބިތު ކޮށްދެއެވެ. އޭގެ އެންމެ ފަހު ސަބަބު ވެސް ބަޔާންވެ އެނގެއެވެ.

އުޑުތަކާއި، ބިން، އެކަތިގަނޑަކަށް ވެފައިވަނިކޮށް، އެ ދޭތި ތިމަންމެން ވަކިކޮށްލެއްވި ވަކިކޮށްލެއްވުން އެއީ "ބިގް ބޭންގް ތިއަރީ"އިން ކިޔައިދޭ ބާރުގަދަ ގޮވުމެވެ. "ސިންގުލައިރިޓީ" އަކީ އުޑުތަކާއި، ބިން، އެކަތިގަނޑަކަށް ވެފައި އޮތްއޮތުމެވެ. އޭގެ ސަބަބަކީ ނެތުމުގެ ތެރެއިން ތަކެތި ވުޖޫދު ކުރަށްވާ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ﷲ ތަޢާލާއެވެ. އެ އިލާހު ކައުނު އުފައްދަން އިރާދަކުރެއްވި އިރާދަކުރެއްވުމެވެ. އެކަމަށް އިރާދަކުރެއްވި ގޮތެވެ. ސައިންސްގެ މިތިއަރީއާއި އާޔަތާ ދިމާވެއެވެ. ތިއަރީން އުފެދޭ ޖަވަބު ނުލިބޭ ސުވާލާއި މީހުންގެ ސިކުނޑިއަށް ތަޞައްވުރު ނުކުރެވޭ ކަންތައްތަކަށް މިއާޔަތުން ޙައްލު ލިބެއެވެ. "އެދޭތި ތިމަންމެން ވަކިކޮށްލެއްވިކަން، كافرވި މީހުން ނުދަންނަނީ ހެއްޔެވެ؟" އޮތް އޮތުމެވެ. އެއިން އެނގެނީ ދުނިޔެ އުފެއްދެވީ ﷲ ތަޢާލާކަމެވެ. އެ އިލާހުގެ ކުޅަދުންވަންތަކަމުން ކަމެވެ.

އެ އާޔަތުގައި ދެން ސުވާލުކުރަށްވަނީ " كافرވި މީހުން ނުދަންނަނީ ހެއްޔެވެ؟" އޭގެ މުޚާޠަބު އެދަނީ ﷲގެ ރުބޫއްބިއްޔަތުވަންތަކަމަށް އީމަންނުވާ ސައިންސްވެރިންނަށެވެ. އެ މީހުން އެކި ހޯދުންތައް ހޯދައި ކަމުގެ އަސްލު ސަބަބު އޭގެ އަސްލު ޚާލިޤަށް ނިސްބަތް ނުކޮށް، އެކިއެކި ނަންނަމުގައި އެ ކަންކަމުގެ ވާހަކަ ދައްކައި މީސްތަކުން މަގުފުރައްދަނީއެވެ.

އެފަދަ އެއްވެސް ފުލެއްބިތެއް ނެތް ވާހަކައަކުން އީމާންތެރިންގެ އީމާނަށް ގުޑުމެއް ނާރާނެއެވެ. ﷲގެ ކުޅަދުންވަންތަކަމާއި، އެއިލާހުގެ ރުބޫބިއްޔަވަންތަ ސިފައާމެދު ޝައްކެއް ނުކުރާނެއެވެ. ސައިންސްގެ ބޭނުން އެދެވޭގޮތުގައި ހިފާނެއެވެ. ކަންކަން ހިނގާގޮތް ދަސްކުރާނެއެވެ. އެކަންކަމުގެ ސަބަބު ލެއްވި ކަށަކުޅަދުންވަންތަ އިލާހުގެ ފުރިހަމަކަން ދެނެގަންނާނެއެވެ. އެ އިލާހަށް އޮންނަ އިމާނާއި ލޯބި އިތުރު ކުރުމަށެވެ.