އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުން ދާދިފަހުން އިސްލާހު ގެންނަން ހުށަހެޅީ މުދަލުގެ އަގު ހެޔޮކުރުމުގެ ނިޔަތުގައި ކަމަށް ވެދާނެ އެވެ. އަދި އެ އިސްލާހު ފާސްވުމުން މުދަލުގެ އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި އެވެ.

ނަމަވެސް، ފާސްވި އިސްލާހާއެކު އުއްމީދުކުރިވަރުގެ ބަދަލެއް އަތުވެއްޖެ ހެއްޔެވެ. މިދަނޑިވަޅު ވެގެންދިޔައީ ބައެއް ބާވަތްތަކުގެ އަގު ބޮޑުކޮށްގެން ބޮޑު ފައިދާއެއް ހޯދަން ވިޔަފާރިވެރިންނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ކަންވީ ވެސް އެހެންނެވެ.

މިފަހަރު، ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާއެކު ބާޒާރުން ސިނގިރޭޓްގެ އަގު ކުއްލިއަކަށް ބޮޑުވެއްޖެ އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުގައި އޮތް ބޯޓަކުން މުދާ ހުސްކުރަނީ. ފޮޓޯ: އެމްޕީއެލް

މިދިޔަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިގިރޭޓްގެ އަގަށް 200 ޕަސެންޓް ޑިއުޓީ ބޮޑުވެއްޖެ އެވެ. އެހެން ނަމަވެސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ މުދަލުގެ ޑިކްލަރޭޝަން ހުށާހަޅާފައިވާ މުދަލަށް ކުރީގެ ރޭޓުން ކްލިއަރެންސް ވެސް ދީފަ އެވެ.

ސިނގިރެޓް ވިއްކާ ބައެއް ވިޔަފާރިވެރިން ތިބީ ދަނޑިވަޅަށް ތައްޔާރުވެ، ސްޓޮކް ގެނެސް ރައްކާކޮށްފަ އެވެ. ޑިއުޓީ ބޮޑުވި ދުވަހުން ވެސް އެތަންތަނުން ވަނީ އަގު ބޮޑުކޮށްފަ އެވެ. ހަމަ އެގޮތަށް އެނާޖީ ޑްރިންކް އެތެރެކުރާ ފިހާރަތަކުން ވެސް ހެދީ އެހެންނެވެ.

މިފަހަރު އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނެވުނު އިސްލާހްގެ ސަބަބުން ބައެއް މުދަލުން ކުރިން ނަގަމުން އައި ޑިއުޓީ ވަނީ ކަނޑާލާފަ އެވެ. އޭގެ ތެރޭގައި ފަހާފޮށްޓާއި، ފޮއްޗާއި، ތިނޯސް، ރަބަރު، ރިބަން ފަދަ ފެހުމާއި ގުޅޭ ސާމާނުން ވަނީ ޑިއުޓީ އެއްކޮށް ކަނޑާލާފަ އެވެ. މީގެ ކުރިން ފެހުމަށް ބޭނުންކުރާ ބައެއް ތަކެތިން 25 ޕަސެންޓާ ހަމައަށް ޑިއުޓީ ނަގަ އެވެ.

ސަރުކާރުން ބުނާ ގޮތުން، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެވުނު އިސްލާހްގެ ސަބަބުން ދައުލަތައް ލިބޭ އާމްދަނީ އިތުރުވާއިރު، އާއްމުންނާއި ކުދި ވިޔަފާރިވެރިންނަށް މިކަމުން ފައިދާ ކުރާނެ އެވެ.

ނޯތު ހާބަރުގައި އޮތް ބޯޓަކުން ރަށަކަށް ގެންދަން މުދާ އަރުވަނީ. ފޮޓޯ: އެމްޕީއެލް

އެހެން ނަމަވެސް، ސުވާލަކީ، މިހާރު ބާޒާރުން ލިބެން ހުރި އަގަށް ވުރެ ހެޔޮ އަގުގައި ފަހާފޮށްޓެއް، ތިނޯހެއް ނުވަތަ އެ ނޫންވެސް އެއްޗެއް ލިބިދާނެބާވަ އެވެ؟ މިހާރު ވެސް ބާޒާރުގައި ފަހާފޮށްްޓެއްގެ އަގު ހުރީ 3،000 ރުފިޔާ އިން މަތީ އަގުތަކެއްގަ އެވެ. ފޮތި ވިއްކާ ފިހާރަތަކުން އާއްމުގޮތެއްގައި ހެދުން ފެހުމަށް ބޭނުންކުރާ ފޮތި މުށެއް ލިބެނީ 35 ރުފިޔާ އާއި 100 ރުފިޔާ އާއި ދެމެދުގެ އަގެއްގަ އެވެ.

ފޮއްޗާއި ފެހުމުގެ ސާމާނުގެ އިތުރުން އެއާކޮންޑިޝަނާއި، ދޮންނަ މެޝިނާއި، ފަންކާ، ބޮކި އަދި ގޭގައި ބޭނުންކުރާ ފެން ފިލްޓާ ފަދަ ތަކެތިން ނަގާ ޑިއުޓީ ވަނީ ކުޑަކޮށްފަ އެވެ.

ކަސްޓަމްސް އިން ބުނީ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހާއެކު އަހަރަކު ގާތްގަނޑަކަށް 178 މިލިއަން ރުފިޔާގެެ ޑިޔުޓީގެ މާފުވުމެއް ވިޔަފާރިވެރިންނަށް ލިބޭނެ ކަމަށެވެ. މިކަމުގެ ސަބަބުން އާއްމުންނަށް އެކަމުގެ ފައިދާ ކުރަންޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މީގެ ކުރިން ކަސްޓަމްސް އިން ޑިޔުޓީ ނަގަމުން ގޮސްފައިވަނީ މުދަލުގެ ސީއައިއެފް އަގުންނެވެ. ނަމަވެސް ގާނޫނަށް ގެނައި އިސްލާހާއެކު ޑިޔުޓީ ނަގާނީ އެފްއޯބީ އަގުންނެވެ.

ނަމަވެސް، ކުރިއެކޭ އެއްގޮތަށް މުދަލުގެ ފްރައިޓްގެ އިތުރުން އިންޝުއަރެންސް ކޮށްގެން ގެންނަ ހާލާތުގައި އިންޝުއަރެންސް ޕްރިމިއަމް އަށް ޖެހޭ އަދަދު އަދި އެހެނިހެން ހަރަދު ހިމެނޭ ނަމަ އެ މައުލޫމާތު ޑިކްލަރޭޝަން ހުށަހަޅާ މަރުހަލާގައި ބަޔާންކުރަން ޖެހޭނެ އެވެ.

އޭގެ އިތުރުން އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި ބަދަލާ އެކު ރެވެނިއު ސްޓޭމްޕަށް ދައްކަން ޖެހޭ ފީ 90 ޕަސެންޓް ބޮޑުވުމުން ރާއްޖެ އެތެރެކުރާ މުދަލުގެ އަގު އިތުރަށް އުފުލޭނެ ކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.

މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުގައި އޮތް ބޯޓަކުން މުދާ ހުސްކުރަނީ. ފޮޓޯ: އެމްޕީއެލް

އިމްޕޯޓް ޑިއުޓީ އާއި ދައްކަން ޖެހޭ ފީތަކަށް ބަދަލު ގެނެސް މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ. ކުރިން 100ރ. ގެ މުދަލަށް 10 ލާރީގެ ރެވެނިއު ސްޓޭމްޕެއް ދައްކަން ޖެހޭ އިރު އަލަށް ގެނައި ބަދަލާ އެކު 100ރ. ގެ މުދަލަށް 1ރ. ގެ ރެވެނިއު ސްޓޭމްޕެއް ދައްކަން ޖެހެ އެވެ. އެހެން ކަމުން ކުރިން އެއް މިލިއަން ރުފިޔާގެ މުދާ ގެންނަ ވިޔަފާރިތަކުން 1،000ރ. ގެ ރެވެނިއު ސްޓޭމްޕެއް ދައްކަން ޖެހޭ އިރު މިހާރު އެ ވިޔަފާރިތަކުން 10،000ރ. ގެ ރެވެނިއު ސްޓޭމްޕެއް ދައްކަން ޖެހޭނެ އެވެ.

މި ބަދަލާ މެދު ހިތްހަމަނުޖެހިގެން، ސޯޝަލް މީޑިޔާގައި ވެސް ގިނަ ވިޔަފާރިވެރިން ބުނިގޮތުގައި ސްޓޭމްޕް ފީ ބޮޑުކުރީ ވިޔަފާރިތަކަށް އޭގެ ނެދޭވޭ އަސަރުކުރާ މިންވަރަށެވެ.

ބައެއް ވިޔަފާރިވެރިން ބުނަނީ ޑިއުޓީ ކުޑަކުރިއިރު، ކަޅުބާޒާރުން ޑޮލަރު ގަންނަން ޖެހުމުން މުދަލުގެ އަގު އިތުރަށް އުފުލޭނެ ކަމަށެވެ. އެހެންވެ ޑިއުޓީ ކުޑަކުރިޔަސް އޭގެ މާބޮޑު ފައިދާއެއް މިވަގުތު ނުފެންނާނެ ކަމަށް ވެސް ވިޔަފާރިވެރިއަކު ބުންޏެވެ.

"މިވަގުތު ޑޮލަރު އުޅެނީ ކަޅުބާޒާރުގައި 19.30ރ އަށް. އޭގެ މާނައަކީ ބޭންކު ރޭޓަރަށް ވުރެ ކޮންމެ 100 ޑޮލަރަކުން 388ރ. ބޮޑުވީއޭ. ދެން ބޮޑުވި ތަން ނުލައި ކިހިނެތް ވިޔަފާރިކުރާނީ،" ބާޒާރުމަތީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ބޭފުޅަކު ވިދާޅުވި އެވެ.

ވިޔަފާރިވެރިން ބުނީ މިއޮތީ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓިފައި ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި، ޓޫރިޒަމް ހުއްޓި، އެތައް ސަތޭކަ ބައެއްގެ ވަޒީފާ ގެއްލި، ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމުން އިގްތިސާދު މިވަނީ ނުރައްކާތެރި ފައްތަރަކަށް ވެއްޓިފަ އެވެ. މި ދަނޑިވަޅުގައި ޑިއުޓީ ކުޑަކުރިޔަސް ރައްޔިތުންނަށް އޭގެ ސަބަބުން މާބޮޑު ފައިދާއެއް ކުރާނެ ކަމަށް ނުބެލެވެ އެވެ.