ބީބީސީގެ ކޮމެޑީ ޝޯއެއްގައި ވާހަކަ ދައްކަމުން އިންޑިއާގެ ކޮމީޑިއަންއަކު އިނގިރޭސިން އިންޑިއާ މީހުންނަށް ސައި ތައްޔާރުކުރާނެ ގޮތް ކިޔާދިނުން އެއީ ޖޯކެއްގެ ގޮތުގައި ސިފަކުރި އެވެ. "އަހަރެމެންނަށް އަހަރެމެންގެ ސައި، ހަދާނެ ގޮތް އިނގިރޭސިން ކިޔާ ދެނީ ހަހަހަހަ،" އިނގިރޭސިންނަށް ޖޯކް ޖަހާފައި ވާހަކަ ދެއްކި ގޮތުން އިންޑިއާގެ އެ ކޮމީޑިއަންއަށް ސައިފަތަކީ އިންޑިއާގެ އެއްޗެއް ކަމަށް ހިތުގެ އަޑިން ގަބޫލުކުރެވިފައި އޮތްކަން ދޭހަވެ އެވެ.
އެ ކޮމީޑިއަންއެކޭ އެއްފަދައިން ވަރަށް ގިނަ ބަޔަކަށް ސައިފަތަކީ އިންޑިއާއިން އުފަންވި އެ މީހުންގެ އެއްޗެއް ކަމަށް ހީވެފައި އޮތްކަމުގައި ވިޔަސް އިންޑިއާގައި ސައިފަތް ގަހެއް ހެދުމުގެ އެތައް ހާސް އަހަރު ކުރިޔަށް ސައިފަތުގެ ތާރީޚު ދެމިގެންދެ އެވެ.
ސައިފަތުގަ ތާރީޚަށް ބަލާއިރު އީސާގެފާނުގެ މީލާދުގެ އެތައް ހާސް އަހަރު ކުރިން ވެސް އިންސާނުން ސައިފަތުގެ ބޭނުންކޮށް އުޅުނު ކަމަށްވެ އެވެ. ސައިފަތުގެ ތާރީޚު މިހާ ދިގު ކަމުގައި ވީނަމަވެސް ސައިފަތް ގަހަކީ ޗައިނާ ފިޔަވައި އެހެން އެއްވެސް ގައުމެއްގައި އެ ޒަމާނުގައި ހުރި އެއްޗެއް ކަމަށް ނުވެ އެވެ. ދާދި ފަހަކާ ޖެހެންދެން ވެސް ސައިފަތަކީ ހަމަ އެކަނި ޗައިނާގައި ހެދޭ އެއްޗެކެވެ. ޗައިނާގައި ބޮޑަށް ސައި ބޮއި އުޅުނީ ބޭސް ފަރުވާއެއްގެ ގޮތުންނެވެ. މީލާދީން ތިން ވަނަ ގަރުނުގައި ވެސް ބުއިމެއްގެ ގޮތުގައި ޗައިނާގައި ސައި ބޭނުންކޮށް އުޅުނު ކަމަށް ރެކޯޑުތަކުން ދައްކަ އެވެ.
ބުނެވޭ ގޮތުގައި ޗައިނާގެ ރަސްކަލެއް ކަމަށްވާ ޝެން ނުންގް ހިއްޕަވާ ފެނަކީ އަބަދުވެސް ކައްކައިގެން ހިހޫ ކޮށްގެން ބޯ ފެނެކެވެ. މިގޮތުން ރަސްގެފާނުގެ ފެންފޮދު ކައްކަމުން ދަނިކޮށް ކައިރީގައި ހުރި ގަހަކުން ދެތިން ފަތް އެއަށް ވެއްޓުނެވެ. އެ ހިސާބުން އެ ފެނުގެ ކުލަ ބަދަލުވެ، މީރު ވަހެއް އުފެދުނެވެ. އެ ރަސްގެފާނަކީ ބޭސް ފަރުވާއަށް ތަފާތު ފަތްޕިލާވެލީގެ އަޖުމަ ބައްލަވާ ބޭފުޅެއްކަމުން މި ފެނުން ފެންފޮދު ހިއްޕެވި އެވެ. އަދި އެއީ ބުއިމަށް މީރު، ސިއްހަތަށް ފައިދާ ހުރި ފެނެއް ކަމަށް ރަސްގެފާނަށް ގަބުލު ކުރެވުނެވެ.
އެންމެ ކުރީޒަމާނުގައި ޗައިނާގައި ސަޔަށް ކިޔައި އުޅުނީ "ޓޫ" އެވެ. ސަޔާ ސައިފަތަށް ނިސްބަތްކޮށް ޓޫ، މި ބަސް ޗައިނާގެ ގަދީމީ ލިއުން ތަކުން ފެނެ އެވެ. މިބަސް ފަހުން ބަދަލުވީ "ޗާ" އަށެވެ. ޗައިނާ ބަހުން މިހާރު ސަޔަށް ކިޔަނީ ޗާ އެވެ.
ޗައިނާގެ ސައިފަތުގެ މީރު ރަހަ އެންމެ ފުރަތަމަ ދެނެގަތް ޔޫރަޕްގެ ބަޔަކީ ޕޯޗްގީޒުންނެވެ. އެއީ މީލާދީން 1662 ހިސާބުގަ އެވެ. އެ ދުވަސްވަރު ޕޯޗްގީޒު މިޝަނަރީންނާއި ވިޔަފާރިވެރިން އޭޝިއާގެ ދަތުރުތަކުން އެނބުރި ދާއިރު ހަދިޔާގެ ގޮތުގައި ސައިފަތް ގެންދެ އެވެ. ސައިފަތުގެ ވިޔަފާރީގެ ފުރުސަތުތައް ދަނެގަނެ، ވިޔަފާރި މުދަލެއްގެ ގޮތުގައި ސައިފަތް ޔޫރަޕަށް ފުރަތަމަ ގެންދިޔަކަމަށް ވަނީ ޑަޗުންނެވެ. އޭރު ސައިފަތަކީ ހިސާބަށްވުރެ އަގު ބޮޑު ހަމަ އެކަނި ބޮޑެތި މުއްސަނދިންގެ ސުފުރާ މަތިން ނޫނީ ނުފެންނަ އެއްޗެކެވެ.
ޗައިނާގެ ސައިފަތަށް އިނގިރޭސިންގެ މެދުގައި ޝައުގު ވެރިކަން އުފެދުނީ 1357މ. ހާތާގަ އެވެ. އެ ދުވަސްވަރު ޗައިނާއިން ސައިފަތް ގަނެގެން އިނގިރޭސިވިލާތަށް ގެންދަން ފެށި އެވެ. ސައިފަތް ގަތުމުގައި އިނގިރޭސިންނަށް އެންމެ ދަތި ކަމަކަށްވީ އިނގިރޭސި މުދަލަށް ޗައިނާއިން ސައިފަތް ނުވިއްކުމެވެ. އެހެންކަމުން ސައިފަތް ގަތުމަށް ގިނަ އަދަދެއްގެ ރިހި ފައިސާ އިނގިރޭސިންނަށް ޚަރަދު ކުރަން ޖެހުނެވެ. މިކަމުން ސަލާމަތްވުމުގެ ގޮތުން އިނގިރޭސިން ޚިޔާރުކުރީ ޗައިނާގެ ދަނޑުވެރިންނަށް އަފިހުން ސްމަގްލް ކޮށްގެން ބަދަލުގައި ސައިފަތް ހޯދުމަށެވެ. އެ ދުވަސްވަރު އިނގިރޭސިންގެ އަތްދަށުގައި އޮތް ޕާކިސްތާނާއި އަފްޣާނިސްތާނުގެ ހުސް ބިންތަކުގައި އަފިހުން ހިތަކަށް ހެދިފައި އޮވެ އެވެ.
ޗައިނާގެ ދަނޑުވެރިންނާ މެދު އިނގިރޭސިން ކަންތައް ކުރަން ފެށި އާ އުކުޅު ޗައިނާގެ ސަރުކާރަށް އެނގުމުން އަފިހުން ސްމަގްލްކުރުމާ މެދު ވަރަށް ބޮޑަށް ސަމާލުވެ ހަރުކަށި ފިޔަވަޅު އެޅި އެވެ. އެ ހިސާބުން ފެށިގެން އިނގިރޭސިން އެޅި ފިޔަވަޅަކީ މިހާތަނަށް ދުނިޔޭގައި ހިނގި ގަސްގަހާ ގެއްސާއި އިންޓަލެކްޗުއަލް ޕްރޮޕަޓީސްގެ އެންމެ ބޮޑު ވައްކަން ކަމުގައި މުއައްރިޚުން ސިފަކުރެ އެވެ.
ސައިފަތުގެ ވިޔަފާރީގައި ޗައިނާގެ ބާރު ކަނޑުވާލުމަށްޓަކައި 1848މ. ވަނަ އަހަރު އިނގިރޭސިން ޗައިނާއިން ސައިފަތް ގަހުގެ އޮށް ވަގަށް ބޭރު ކުރި އެވެ. އެއީ އެ ދުވަސްވަރު ޗައިނާއިން ވަރަށް ބޮޑަށް މަނާކޮށްފައި އޮތް ކަމެކެވެ. މި ސްމަގްލް ކުރި އޮށްތައް ގެންދިޔައީ އިންޑިއާގެ އާސާމަށެވެ.
އާސާމުގެ ބިމުގައި ސައިފަތް ގަސް ހެއްދުމުގެ ކާމިޔާބު ތަޖުރިބާކުރުމަށް ފަހު އިންޑިއާގައި ސައިފަތް ހައްދަން ބޭނުންވާ އިނގިރޭސިންނަށް އިންޑިއާއިން ބިން ދޫކުރި އެވެ. އެ ބިންތަކުގައި ބޮޑެތި ސައިފަތް ދަނޑުތައް ހައްދައި އިންޑިޔާގެ ސައިފަތް މުޅި ދުނިޔެއަށް އެކްސްޕޯޓް ކުރަން ފެށި އެވެ. އިންޑިއާ އެކޭ އެއްފަދައިން ސްރީލަންކާގައި ވެސް 1887މ. ގައި ސައިފަތް ހައްދަން އިނގިރޭސިން ފެށި އެވެ. އޭގެ ޒަމާންތަކެއް ފަހުން އިނގިރޭސިވިލާތުގެ ކޯންވޯލްގައި ހައްދާ ސައިފަތް މިހާރު ޗައިނާއަށް އެކްސްޕޯޓް ކުރެ އެވެ.
އިންޑިޔާއާ އާއި ސްރީލަންކާގައި ސައިފަތް ދަނޑުތަކާއި ފެކްޓްރީތައް ކިތަންމެ ގިނަ ކަމަށް ވިޔަސް ހަގީގަތުގައި އެ ތަންތަނުގެ ހަގީގީ ވެރިންނަކީ މިހާރު ވެސް އިނގިރޭސިންނެވެ. ލިޕްޓަން އާއި ޓެޓްލީ އާއި ޓްވިންގްސް އާއި ޓައިފޫ ފަދަ ސައިފަތުގެ ނަން މަޝްހޫރު ބްރޭންޑްތަކަކީ އިނގިރޭސި ބްރޭންޑް ތަކެވެ.