ހދ. ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކުރި މައްސަލައާ ގުޅިގެން ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު މިދިޔަ ހޮނިހިރު ދުވަހުގެ 29 އަހަރުގެ މީހަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކުރި މައްސަލައާ ގުޅިގެން ކޯޓު އަމަރެއްގެ ދަށުން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ހައްޔަރުކުރީ 24 އަހަރުގެ މީހަކާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން، އެ ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާދިނުމަށް މާލެ ވަނީ ގެނެސްފަ އެވެ. މިހާރު އޭނައަށް އޭޑީކޭ ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ. ޑޮކްޓަރުންނާއި ހަވާލާދީ އޭނާގެ އާއިލާއިން ބުނެފައި ވަނީ އޭނާއަށް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށާއި ހާލު ސީރިއަސް ކަމަށެވެ.

އޭނާގެ ބޮލުގައި ދަގަނޑަކުން ޖެހުމުގެ ސަބަބުން ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅިފައިވާއިރު އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.