"لا إله إلا الله" މި ކަލިމައަކީ ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗަށްވުރެ، ހެޔޮކަން ބޮޑުވެގެންވާ ކަލިމައެކެވެ. ދިވެހިބަހުން ޝަހާދަތުގެ ދެ ކަލިމައޭ ބުނެވެނީ، އިސްލާމްދީނުގެ ފުރަތަމަ ރުކުން ކަމުގައިވާ "شهادة أن لا إله إلا الله و أن محمد رسول الله" މި ޢިބާރާތަށެވެ. މިއީ އިންސާނަކު އަމިއްލަ އިޚްތިޔާރުގައި އިސްލާމްވެއްޖެކަން އޭނާއަށާއި އޭނާފަދަ އެހެން އިންސާނުންނަށް އެނގި އިޢުލާނުވެގެން އަންނަ ކަލިމައެވެ. އެހެންކަމުން އީމާންކަމުގެ އެންމެ މަތީ ދަރަޖައަކީ ވެސް މިއީ ކަމުގައި އިސްލާމްދީން ކަނޑައަޅައެވެ.
މަރުމަތީ ޝަހާދަތް ކިޔުމުގެ ތައުފީޤު ލިބިއްޖެ މީހާއީ ސުވަރުގެ ވަންތަ ވެރިއެކެވެ. އެކަން ބަޔާންކުރައްވައި މި އުންމަތައް ކައުކުރެއްވި މާތް ޞާޙިބާ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވީ "مَنْ كَانَ آخِرُ كَلامِهِ لا إِلَهَ إِلا اللَّهُ دَخَلَ الْجَنَّةَ." )رواه أبو داود ( 3116 ) މާނައީ: "އެ މީހެއްގެ އެންމެ ފަހު ކަލިމައަކީ "لا إِلَهَ إِلا اللَّهُ" ކަމުގައި ވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ." އަޅުގަނޑުމެން އެންމެންނީ އެފަދަ ބަޔަކު ކަމުގައި ލައްވާނދޭވެ!
ޙަދީޘްފުޅުގައި ބަޔާންވެގެން އެވަނީ އާންމު ޤާއިދާއެކެވެ. އެ ކަލިމަ ދުލުން ކިޔައިފި ކޮންމެ މީހަކަށް ދުނިޔެއާއި އާޚިރަތުގައި އަމާންކަން ލިބިގެން ވެއެވެ. އެ މީހަކު ބިރުގަނެ މާޔޫސްވާން ޖެހޭ އެއްވެސް ޙާލަތެއް އޭނާއާ ކުރިމަތި ނުވާނެއެވެ. އަދި އޭނާގެ މަރުމަތީ އެކަލިމަ ކިޔުނު މީހާއަށް އުފާވެރި ކަމުގެ ކޮޅުނެތް ކޮޅަށް އުފާފާގަތިކަން ހުއްޓެވެ. ސުވާލަކީ އެއީ އެހައި ފަސޭހައިން ކިޔޭނެ ކަލިމައެއްބާވައެވެ؟
މަރުމަތީ ޝަހާދަތް ކިޔުމުގެ ތައުފީޤަކީ މަދު ބަޔަކަށްނޫނީ ﷲ ނުދެއްވާ ހަނި ފުރުޞަތެކެވެ. އެފަދަ މީހަކު ކަމުގައި އަޅުގަނޑާއި ތިބާ ވެސް ލައްވާނދޭވެ! އެކަން ބިނާވެގެން ވަނީ ދުނިޔޭގައި އެ މީހެއްގެ ޢަމަލުތައް ބެހެއްޓި ގޮތެއްގެ މައްޗަށެވެ. އޭނާގެ އެ ޢަމަލުތަކުގައި އިޚްލާޞްތެރިކަން ޚިޔާރުކުރި މިންވަރަކަށެވެ. ﷲގެ ރުހުން ހޯދަން ހިތުގައި ކަނޑައެޅި ނިޔަތުގެ މައްޗަށެވެ. އެއާއި ޚިލާފަށް، ބޮޑާވެ ކިބުރުވެރިވާ ޙާލު ދުނިޔޭގެ ދުވަސްތައް ހޭދަކޮށް މަރުގެ ވަގުތުގައި މިކަލިމަ ކިޔައިގެން ސުވަރުގެ ދާން އެދޭ މީހާއަށް މި ފުރުސަތެއް ނޯންނާނެއެވެ.
އިންސާނާ ދުނިޔެ އަށް ނިކަމެތިކަންމަތީ ފޮނުއްވަވައި، އާރެއް ބާރެއް ނެތް ދުވަހު އޭހާގެ ޚިދުމަތުގައި އެހެން އިންސާނުއްތަކެއް ލައްވައި އެބައިމީހުންގެ ހިތުގައި އޭނާ އަށްޓަކައި ރަޙުމާއި ކުލުނު ލެވީ ﷲ سبحانه وتعالى އެވެ. އެ ހުރިހާ ނިޢުމަތެއްގެ މަތީ ބޮޑުވެ، ތަސައްރުފު ފުދި ތިމާގެ އަމިއްލަ ޙާލައިގެން ދުނިޔޭގައި އުޅެވެން ފެށުމުން ހެއްދެވި ފަރާތްމަތިން އޭނާ ހަނދުމަ ނެތިދެއެވެ. މުދަލާއި ފައިސާ ލިބި އަމިއްލަ މިނިވަންކަންމަތީ އުޅެވެން ފެށުމުން ތިމާގެ ބޮޑުކަން ހީވެ، އަމިއްލަ ނަފްސުގެ މައްޗަށް ބަސްކިޔޭނެ އެކަކު ވެސް ނުހުންނާނެކަމަށް ދެކެ، ދުނިޔޭގައި ޖައްބާރުވެގެން އުޅޭ މީހުންގެ ގާތަށް މަރު އަންނަ ހިނދު ޝަހާދަތުގެ ދެކަލިމަ ކިޔުމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ.
އެފަދަ މީހުންގެ މިސާލު ޖައްސަވަމުން ކީރިތި ޤުރުއާނުގައި ޔޫނުސް ސޫރަތުގެ 90 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ ﴿حَتَّىٰ إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لَا إِلَٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ﴾ (سورة يونس: ٩٠) މާނައީ: "ދެން އެ فرعون، غرق ވީހިނދު އޭނާ ބުންޏެވެ. إسرآءيل ގެދަރިން إيمان ވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން إيمان ވެއްޖައީމެވެ. އަދި އަހުރެން ވަނީ مسلم ންގެ ތެރެއިންނެވެ." ނަމަވެސް އެ ނުލަފާ ޖައްބާރުކަލޭގެ ކިބައިން އެކަން ޤަބޫލު ނުވެވުނެވެ.
މަރުގެ ވަގުތު އައިސްޖެހި އޭނާގެ ލޯމައްޗައް ފެނުމުން އޭނާ ޝަހާދަތުގެ ދެކަލިމަކިޔެވެ. ނަމަވެސް އެއަކުން އޭނާ އަށް ކުރި އެއްވެސް ފައިދާއެއް ނެތެވެ. އެކަން އެނގެނީ އަންނަނިވި އާޔަތުންނެވެ. ﴿آلْآنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ الْمُفْسِدِينَ﴾ (سورة يونس: ٩١) މާނައީ: "(އެވަގުތު فرعون އަށް އެންގެވިއެވެ. ކަލޭ ތިޔަ إيمان ވީ) މިހާރު ހެއްޔެވެ؟ ކަލޭ މީގެ ކުރިން ވަނީ އުރެދިފައެވެ. އަދި ކަލޭވީ، ފަސާދަކުރާ މީހުންގެ ތެރެއިންނެވެ."
ޝަހާދަތުގެ ދެ ކަލިމައިން ފައިދާ ނުކުރާ ވަގުތަކީ މިއީއެވެ. އެމީހެއްގެ މުޅި ޙަޔާތުގައި ﷲ އަށް އުރެދި އެކަލާނގެ ރަސޫލާއާށް ފުރައްސާރަކޮށް، އެ އިލާހުގެ ދީނަށް ތަބާވާ މީހުންނަށް ޖެއްސުންކޮށް ހަދާ މީހާއަށް މަރުގެ އިހުސާސް ކުރެވޭ ވަގުތު މި ކަލިމަ ކިޔުމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ.
ماشاء الله.. تبارك الله