ޔަންގޯން (04 ޖޫން)- މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ކުރީގެ ލީޑަރު އަންގް ސަން ސޫކީ އަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އޭނާ ތަމްސީލުކުރަން ގާނޫނީ ފަރާތަކަށް ހުއްދަދީފައި ނުވާ ކަމަށް ބުނެ ސޫ ކީގެ އިސް ވަކީލު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދައުލަތުގެ ސިއްރުތައް ހާމަކުރުމުގެ ދައުވާގައި ޖޫން މަހުގެ 23 ވަނަ ދުވަހަށް ސޫ ކީގެ އިތުރުން އިތުރު ހަތަރު މީހެއްގެ ޝަރީއަތް ތާވަލު ކޮށްފައިވާއިރު އެ ހުރިހާ މީހުން ވެސް ޝަރީއަތުގެ މަޖިލީހުގައި ދިފާއުކުރާނީ އަމިއްލައަށް ކަމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި އޮންނާތީ ސޫ ކީގެ އިސް ވަކީލު ކިން މުއަންގް ޒޯ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ގާނޫނީ ގޮތުން އެބޭފުޅުން ތަމްސީލު ކުރާނެ ފަރާތެއް ނެތި ޝަރީއަތުގެ ދެފުށް ފެނުން ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތް،" ޒޯ ވިދާޅުވި އެވެ.

އާއްމު އުސޫލެއްގެ ގޮތުން ޝަރީއަތް ތާވަލްކުރުމުގެ ކުރިން ދައުވާ ކުރެވޭ ފަރާތަށް އެކަން އަންގާ ގާނޫނީ އެހީ ހޯދުމުގެ ފުރުސަތު ދޭ ނަމަވެސް ސޫ ކީއަށް އެ ފުރުސަތު ދީފަ އެއް ނުވެ އެވެ.

ސޫ ކީ 75، އަށް ކުރެވިފައިވާ ދައުވާއަކީ މިޔަންމާގައި ކުރެވޭ އެންމެ ހަރުކަށި ޖިނާއީ ދައުވާތަކުގެ ތެރެއިން އެއް ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ސޫ ކީ އަށް 14 އަހަރުގެ ޖަލު ހުކުމެއް އައުން ގާތެވެ.

ސޫ ކީގެ މައްސަލަ މިޔަންމާގެ ސަރުކާރުން ހުށައަޅާފައި ވަނީ ސީދާ އެ ގައުމުގެ ސުޕްރީމް ކޯޓަށެވެ. އެންމެ މަތީ ކޯޓަށްވުމާއެކު އެ ކޯޓުންކުރާ ހުކުމްތައް އިސްތިއުނާފެއް ނުކުރެވޭނެ އެވެ.

މިކަމާ ބެހޭ ގޮތުން މިޔަންމާގެ ސްޕްރީމް ކޯޓުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. –-ދަ ސްޓްރެއިޓްސް ޓައިމްސް