ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ގާއިމުކުރުމަށްފަހު އެތަނެއް އުވާލުމަކީ އުދަނގޫކަމެއް ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވުމުން އެމްޑީޕީއަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އުގެއިލްއަށް މަލާމާތުގެ ރާގަކަށް ރައްދު ދެއްވައިފި އެވެ.

އުގެއިިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހެދުމަށްފަހު އެ އުވާލުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އަދި ކޮންސިއުލޭޓް އޮފީހެއް އުވާލެވޭނެ ހަމައެކަނި ގޮތަކީ އެ ގައުމަކާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިގެން ކަމަށްވުމުން އިންޑިއާގެ ކޮންސިއުލޭޓެއް އޮފީހެއް އައްޑޫ ސިޓީގައި ގާއިމުކުރުމުގެ ކުރިން ސަރުކާރުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ސަރުކާރުގެ ކެބިނެޓުން ވަނީ އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން ފާސްކޮށްފަ އެވެ. އެ ނިންމުން އަދި ރަސްމީކޮށް ރާއްޖެއަށް އަންގާފައިނުވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

އުގެއިލްގެ ޓުވީޓަށް ރައްދު ދެއްވާ ނިހާދު ވިދާޅުވީ، އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރުމުގެ މައްސަލައަކީ ކޮބައި ކަމާއި އަދި އުގެއިލް ހާސިލް ކުރަން އުޅުއްވާ މަގްސަދަކީ ކޮބައިކަމާމެދު ސުވާލު އުފައްދައިފަ އެވެ. މިއާއެކު ނިހާދުއަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. މީގެ ކުރިން ވެސް ނިހާދުގެ ބައެއް ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ މަލާމަތް ވަނީ އޭނާއަށް އަމާޒުވެފަ އެވެ.

އިންޑިއާއިން ގާއިމްކުރާ ކޮންސިއުލޭޓް އޮފީހާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. ވަކިން ހާއްސަކޮށް އައްޑޫ ޒުވާނުން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

ގިނަބަޔަކު އެކަމާ ދެކޮޅަށް އަޑޫ އުފުލަމުން ދާއިރު ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާ ސަރުކާރުގެ ނިންމުން ދިފާއު ކުރައްވައިފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ އެންމެ ދެކުނު އައްޑޫގައި އިންޑިއާއިން ކޮންސިއުލޭޓެއް އޮފީހެއް ގާއިމުކުރުމުން މުޅި ރާއްޖެއަށް އެކަމުގެ ފައިދާ ލިބި، ރާއްޖެ ކުރިއަރާނެ ކަމަށެވެ.