އެމްއެމްޕީއާރްސީން ޚިޔާނާތްތެރިވި ފައިސާގެ އެއްވެސް މިންވަރެއް ނުހޯދައި އަދަބަށް ލުއިދިނުމަށް އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރާއްޖޭގެ އެންމެ ފުރަތަމަ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހާދާފައިވާއިރު، އެމްއެމްޕީއާރްސީގެ ފައިސާގެ ލޯ ލާރިއެއްވެސް ދައުލަތަށް ލިބިއްޖެތޯ މުއިއްޒު ސުވާލު ކުރެއްވި އެވެ.

މުއިއްޒު ވިދާޅުވީ އެންމެ މުހިންމު ކަމަކީ ޚިޔާނާތުގެ ފައިސާ ހޯދުން ކަމަށާއި އެކަމުގެ ގެއްލުމުގެ ބަދަލުވެސް ލިބެންޖެހޭ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަދީބާއެކު އިއުތިރާފުގެ އެއްބަސްވުމެއް ޕްރޮސިކިއުޓާ ޖެރަލްގެ އޮފީހުން ގާއިމްކުރީ ޚިޔާނާތުގެ ބައިވެރިންގެ މައުލޫމާތު ތަހުގީގަށް ދިނުމަށް ޝަރުތުކޮށެވެ. ނަމަވެސް އަދީބު ޚިޔާނާތްވި ފައިސާ އަނބުރާ ދައުލަތަށް ހޯދުމާ ގުޅޭގޮތުން އެ އެއްބަސްވުމުގައި އެއްވެސް ކަމެއް ހިމަނާފައެއް ނުވެ އެވެ.

އަދީބު ބޭނުންކޮށްގެން ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ހުކުމް ކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އަދީބު މިހާރު ވިދާޅުވަނީ ތިމަންނާ ތައުބާވެ މައާފަށް އެދިއްޖައީމު ކަމަށެވެ. ނަމަވެސް މާޒީގައި އަދީބު އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އޭނާގެ އިޚްލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ތުހުމަތު ކުރެވޭ ގޮތުގައި މީގެކުރިން އަދީބު މަސައްކަތް ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު މެދުވެރިކޮށް ދައުވާތަކުން ސަލާމަތްވުމަށެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބު ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ ތައުބާވެ މާފަށް އެދުމަކީ ރިވެތި ސިފައެއް ކަމަށެވެ. އެކަމަކު ރައްޔިތުން މިއަދު އެންމެ ބޭނުންވަނީ އެއްވެސް ފަރާތެއް އިސްތިސްނާނުކޮށް އެމްއެމްޕީއާރްސީގެ ފައިސާ އިން ފައިދާ ލިބުނު ހުރިހާ ފަރާތްތަކެއްގެ ނަންތައް ހާމަކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އެ ޚިޔާނާތުގައި ބައިވެރިވި ހުރިހާ މީހުންނަށް ހައްގު އަދަބުލިބުން ކަމަށެވެ.