ކޮވިޑް-19 އާ ދެކޮޅަށް ފަރުވާ ދޭން އުފެއްދި މޮޑާނާ އާއި ޖެންސެން ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފި އެވެ.

މޯލްޑވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މޮޑާނާ އާއި ޖެންސެން ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ މިއަދު އެވެ.

އެމްއެފްޑީއޭއިން ބުނީ ސްޕެއިންގެ މޮޑާނާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަންގައި ދީފައިވާ ކަމަށެވެ. އެ ވެކްސިނަށް ހުއްދަ ދިނީ އުމުރުން 18 އަހަރުން މައްޗަށެވެ. މޮޑާނާ ބަޔޯޓެކް ސްޕެއިންގައި އުފައްދާ އެ ވެކްސިނަކީ ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓިންގައި ހިމެނިފައިވާ އަދި 49 ގައުމެއްގައި އިމަޖެންސީ ޔޫސް އެޕްރޫވަލް ލިބި ބޭނުން ކުރަމުންދާ ވެކްސިނެއް ކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ބުނެފަ އެވެ.

މޮޑާނާ ވެކްސިނަކީ 25- ޑިގްރީ އާއި 15- ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައި ބަލަހައްޓަން ޖެހޭ ވެކްސިނެކެވެ އަދި އެ ވެކްސިން އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ވެކްސިން އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހު އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަރުތުކޮށްފަ އެވެ.

ދެން ހުއްދަ ދިން ޖެންސެންގެ ވެކްސިނަށް ވެސް ހުއްދަ ދީފައިވަނީ 18 އަހަރުން މައްޗަށެވެ. ޖެންސެން ފާމަސޫޓިކަލް ކޮމްޕެނީސް އޮފް ޖޯންސަން އެންޑް ޖޯންސަންގެ އެ ވެކްސިނަކީ ވެސް ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓިންގައި ހިމެނިފައިވާ އަދި 42 ގައުމެއްގައި އިމަޖެންސީ ޔޫސް އެޕްރޫވަލް ލިބި ބޭނުންކުރަމުންދާ ވެކްސިނެކެވެ.އެ ވެކްސިން ވެސް ބަލަހައްޓަން ޖެހެނީ 25- ޑިގްރީ އާއި 15- ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައެވެ.

ޖެންސެންގެ އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ވެކްސިން އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހު އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަރުތުކޮށްފަ އެވެ.

އެމްއެފްޑީއޭ އިން ބުނީ މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް ހުއްދަ ދިނީ އެކަމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކުރުމަށްފަހު، ބަލަންޖެހޭ ޓެކްނިކަލް ކަންތައް ފުރިހަމައަށް ބަލައި ދިރާސާ ކުރުމަށް ފަހު އެމްއެފްޑީއޭ އަށް ލަފާދޭ ފަމަސޫޓިކަލް ބޯޑުގެ ލަފާގެ މަތިން ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދީފައިވަނީ އިންޑިއާގެ ކޮވިޝީލްޑް، ޗައިނާގެ ސިނޯފާމް އަދި އެމެރިކާގެ ފައިޒާ އާއި ރަޝިއާގެ ސްޕަޓްނިކްއަށް ރާއްޖޭގައި ވަނީ ހުއްދަ ދީފަ އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު "ހުރިހާ"އާ ވާހަކަދައްކަވަމުން ވިދާޅުވީ ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ އެ ވެކްސިންތަކަށް ދިނީ ބޭރު ގައުމަކުން ހަދިޔާކޮށްފި ނަމަ އަވަހަށް ބޭނުންކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

"އެ ވެކްސިންތައް މިވަގުތު ރާއްޖޭގައި ނެތަސް ބަޔަކު ހަދިޔާކޮށްފި ނަމަ އަޅުގަނޑުމެންނަށް އަވަހަށް ބޭނުންކުރަން ފެށޭނެ. މިހާރު ވެސް އެމެރިކާއިން އެ ވަނީ ވެކްސިން ހަދިޔާކުރަން ނިންމާފައި. އެކަމަކު އެ ގައުމުން ދޭން އުޅެނީ ކޮން ބްރޭންޑެއް ކަމެއް އަދި ނޭނގެ،" ޑރ. ޝާހު ވިދާޅުވި އެވެ.