ރާއްޖޭގައި އުމުރުން 12 އަހަރުން މަތީ ކުދިންނަށް ފައިޒާ ވެކްސިން ދޭން ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

"ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ރާއްޖެއިން ބޭނުން ވަނީ ކޮވިޑް ވެކްސިންގެ ކަވަރޭޖް ވީހާ ބޮޑަށް ފުޅާކުރަން ޖެހޭ ކަމަށެވެ. އެގޮތުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިވަގުތު ލިބެންހުރި ވެކްސިންތަކުގެ ތެރެއިން ކުޑަކުދިންނަށް ދެވޭ ވެކްސިނަކީ ފައިޒާ ވެކްސިން. އެ ވެކްސިން އަޅުގަނޑުމެން މިގެންދަނީ ބާރަ އަހަރުން މަތީގެ ކުދިންނަށް ދޭން ތައްޔާރުވަމުން،" ޑރ. ޝާހު ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު ހުއްދަ ދީގެން ވެކްސިން ދެމުން އަންނަނީ އުމުރުން 18 އަހަރު ފުރިފައިވާ މީހުންނަށެވެ. ނަމަވެސް 18 އަހަރުން ދަށުގެ ގިނަ އަދަދެއްގެ ކުދިން ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުން އެބަގެންދެ އެވެ.

އެމެރިކާގެ ފައިޒާއިން އުފެއްދި ކޮވިޑް ވެކްސިން. ފޮޓޯ: ރޮއިޓާސް

ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވަނީ 12- 18 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ފަށައިފަ އެވެ.

ޑރ. ޝާހު ވިދާޅުވީ ފައިޒާ ވެކްސިންގެ އާ ސްޓޮކެއް ލިބުމުން 12- 18 އަހަރާ ދެމެދުގެ ކުދިންނަށް ދޭން ފެށޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ. ނަމަވެސް އާ ސްޓޮކެއް ލިބޭނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

ރާއްޖޭގައި މިހާރު ހައި ރިސްކް މީހުންނަށް ފައިޒާ ވެކްސިން ޖަހަމުން އެބަގެންދެ އެވެ. އެއީ ކޮވެކްސް ފެސިލިޓީ އިން ހަދިޔާކުރި، 5،850 ޑޯޒްގެ ވެކްސިނެވެ.

ރާއްޖޭގައި މިވަގުތު ދެމުން އަންނީ ޗައިނާގެ ސިނޯފާމް ވެކްސިނެވެ. މީގެ ކުރިން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝިލް ވެކްސިން ޖެހި އެވެ. ނަމަވެސް ސްޓޮކް ހުސްވުމުން މިވަގުތު އެ ވެކްސިން ނުޖަހަ އެވެ.

މިހާތަނަށް ރާއްޖޭގައި 311،325 މީހަކަށް ކޮވިޑް އެކި ވެކްސިންތަކުގެ އެއް ޑޯޒް ދީފައިވެ އެވެ. އަދި 171،303 މީހަކަށް ދެވަނަ ޑޯޒު ދީފައިވެ އެވެ.