ބޮލީވުޑްގައި 60-1950 ގެ އަހަރުތަކުގެ ތެރޭގައި ވިދާލި ދިލިޕް ކުމާރުގެ ސިއްހީ ހާލު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފި އެވެ.
ނޭވާ ލާން އުނދަގޫވާތީ ދިލިޕް އެޑްމިޓް ކޮށްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުގެ ސްޕަޝަލިސްޓުނުގެ ޓީމަކުން މިހާރު އަންނަނީ ދިލިޕްއަށް ފަރުވާ ދެމުންނެވެ.
ދިލިޕް ކުމާރަށް ހަށިގަނޑުގައި އޮކްސިޖަން ނުހިފަހައްޓައިދޭ ބައްޔެއް ކަމަށްވާ ބައިލެޓަރަލަ ޕްލުއަރަލް އެފިއުޝަން ޖެހިފައިވާ ކަމަށާއި މިވަގުތު އޮތީ އޮކްސިޖަން ސަޕޯޓްގައި ކަމަށް ޑޮކްޓަރުގެ ޓީމުން ބުނެ އެވެ. ނަމަވެސް ހާލު ސްޓޭބަލްވަމުން އަންނަ ކަމަށާއި މިހާރު އޮތީ އައިސީޔޫގައި ނޫން ކަމަށް ވެސް އެ ޓީމުން ބުންޏެވެ.
ދިލިޕް ކުމާރުގެ ހާލު އާއްމުކުރަމުން އޭނާގެ ޓުވިޓާ އެކައުންޓުގައި ދިލިޕް ޓެސްޓުތަކެއް ކުރުމަށް ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ކަމަށާއި ސްޕެޝަލިސްޓުންގެ ޓީމަކުން އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
މި ޓުވީޓާއެކު ބޮލީވުޑްގެ ފަންނާނުންގެ އިތުރުން ގިނަ އާއްމުން ވެސް ވަނީ ދިލިޕްއަށް އަވަސް ޝިފާއަކަށް އެދި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ. ދިލިޕްއަކީ އިންޑިއާގައި ލެޖެންޑްރީ އެކްޓަރެއްގެ ގޮތުގައި ބެލެވޭ އާއްމުންގެ އިހްތިރާމާއި ލޯބި ހޯދާފައިވާ ތަރި އެކެވެ.