ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް މަޖިލީހުގެ ކަރާމަތަށް އަރަގެންފައިވާ ކަމަށް ބުނެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅި މައްސަލަ އެމްޑީޕީގެ މެމްބަރުންގެ އަގުލަބިއްޔަތުން ބޭރުކޮށްލުމުން ރައީސް ނަޝީދަށް ތާއީދުކުރާ މަޖްލިސް މެމްބަރުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓީއިން ކުރިއަށް ގެންދާ އިންކުއަރީއަށް ސަލާމަތީ ބާރުތަކުން ހާޒިރުކުރުމަށް އެނގުމުން އެމްއެންޑީއެފްއިން ބުނެފައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ސުވާލުކުރުމަށް ހާޒިރުނުކުރެވޭނެ ކަމަށެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ މަޖިލީހުގެ އިމްތިޔާޒުތަކަށް ޑިފެންސް މިނިސްޓަރުގެ ނައިބު ޒަމީލް އަރައިގެންފައިވާ ކަމަށް ބުނެ މައްސަލައެއް ހުށައަޅާފަ އެވެ. ނަމަވެސް އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ކޮމެޓީން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.
މިކަމާ ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރައްވަމުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ ވިއްކައިގެން މަޖިލިހަށް ހޮވިވަޑައިގެންނެވި ބޭފުޅުން މިއަދު އެމަނިކުފާނުގެ ކަރަށް ފައިން އަރާފައިވާ ކަމަށެވެ.
މިމައްސަލާއާ ގުޅިގެން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ ސަރުކާރަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން މުހައްމަދު ވަހީދު ވިދާޅުވީ އިމްތިޔާޒު ކޮމެޓީއިން އެ މައްސަލަ ބޭރުކޮށްލީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެދިވަޑައިގަތުމަށް ކަމަށެވެ. ބަލި އެނދުގައި އޮތް ރައީސް ނަޝީދު ހުށައެޅުއްވި އެ މައްސަލަ ބޭރުކޮށްލަން "ބާޣީ" ނާޒިމް ހުށަހެޅުއްވީ ސަރުކާރުން އެދިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި އެމްޑީޕީގެ މެމްބަރުންނަކީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އެވެ.
އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް އެ ކޮމިޓީގެ މުގައްރިރަކީ ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. އަދި ކޮމިޓީގެ ނައިބު މުގައްރިރަކީ ވިސާމެވެ.
މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހުމަތުކޮށް، އިމްތިޔާޒް ކޮމިޓީއަށް މައްސަލަ ހުށަހެޅީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ސިފައިންގެ ފަރާތުން ކޮމިޓީގައި ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުއައްސަސާގެ ފަރާތުންކަން ބަޔާންކޮށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ އޭނާ ކަމަށް ވާތީ އެވެ. އެގޮތަށް ސޮއި ކުރައްވައި އެންގެވުމަކީ ގާނޫނާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ރައްޔިތުންގެ މަޖިލީހުން އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.