ބޮލީވުޑް ފިލްމީތަރި ޝުޝާންތު ސިން ރާޖްޕުތުގެ މަރަށް އަހަރެއް ވާން ކައިރިވެފައި ވަނިކޮށް އޭނާގެ އޭރުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯރްތީ ޝުޝާންތުގެ އާއިލާ އިތުރު ތުހުމަތުތަކެއް ކޮށްފި އެވެ.
ރިއާ ޗަކްރަބޯރްތީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ދިން ބަޔާނުގައި ބުނެފައި ވަނީ ޝުޝާންތުގެ ދައްތައާ އޭނާގެ ފިރިމީހާއަށް ވަނީ ވަރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ ޝުޝާންތުގެ އާއިލާއަކީ މަސްތުވާތަކެތި ބޭނުންކުރާ އާއިލާއެއް ކަމަށާއި އެ މީހުން ގޭގައި އެކަން ވަރަށް ގިނައިން ކުރާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކުލުނަޒަޕަންކިއާ ޑްރަގް ޝުޝާންތުމެން ގޭގައި ވަރަށް ގިނައިން ބޭނުންކުރާ ކަމަށް އެބަޔާނުގައި ރިއާ ވަނީ ތުހުމަތު ކޮށްފަ އެވެ.
ރިއާ މިބަޔާނުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުން ޝުޝާންތު އޭނާގެ ދައްތައާއެކު ދިރިއުޅުނުއިރު ޝުޝާންތުގެ ފުރާނައަށް ގެއްލުންވެދާނެ ކަމުގެބިރު ހީވާކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ރިއާއާ ދިމާވުމުގެ ކުރިން ވެސް ޝުޝާންތުއަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހެއްކަން ބަޔާނުގާ ބުނެފައިވެ އެވެ.
ޗާޖްޝީޓްގައި ސާރާ އަލީ ޚާން ރިއާއަށް މެރުއާނާ ބޭނުންކުރުމަށް ދައުވަތުދިން ކަމަށް ވެސް ބުނެފައިވެ އެވެ. މެރުއާނާ ސިނގިރެޓް ސާރާ ބޭނުންކުރުމަށްފަހު ރިއާއަށް ދިން ކަމަށް ބުނެފައިވާއިރު، 2017 ވަނައަަހަރުގެ ޖޫން ހަތަރަކުން ހަޔަކަށް ސާރާއާ ރިއާ އާ ދެމެދު ބަދަލުކުރެވިފައިވާ މެސެޖްތަކާ ބެހޭ ގޮތުން ވެސް ރިއާ ވަނީ ވާހަކަ ދައްކާފަ އެވެ.
ޝުޝާންތުގެ މަރުގެ މައްސަލަ އަލުން ބަލަން ފެށުމާ ގުޅިގެން އޭރު ޝުޝާންތުގެ ބޮޑީގާޑްއާއި ކައްކާ އަދި އޭނާއާއެކު އެއް ފްލެޓެއްގައި ދިރިއުޅުނު ސިދާތު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ސިދާތު ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައިދަރުބާދުންނެވެ.
ޝުޝާންތުގެ މަރަށް އަހަރެއް ވެގެން ދިޔައިރު ކޮންމެ ދުވަހަކުހެން އޭނާއަށް ސަޕޯޓުކުރާ އެތައް ފޭނުންނެއް އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް އަންސާފު ހޯދައިދޭން ގޮވާލަމުންނެވެ.