ކޮވިޑް-19ގެ ބަލީގައި މަރުވި އުމުރުން ދިހަ އަހަރުގެ ފަތިމަތު މިޝްކާ މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގީ ރިޕޯޓެއް އަންނަ ހަފްތާއެއްގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، މިޝްކާގެ މަރުގެ މައްސަލާގައި ވަރަށް ފުރިހަމަ ތަހުގީގެއް ކުރަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިހާރުވެސް ފިޔަވަޅުތަކެއް އަޅާ އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ދާ ކަމަށް މިނިސްޓަރު ނަސީމް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިޝްކާގެ ފަރުވާ ލަސްވީ އެމްބިއުލަންސް ދިއުން ލަސްވެގެން ނޫން ކަމަށާއި އެމްބިއުލޭންސްއާ ހަމައަށް މެސެޖު ދިއުން ލަސްވެގެން ކަމަށެވެ.

"ހަގީގަތުގައި މި ރިޕޯޓުން ދައްކާ ގޮތުގައި އެމްބިއުލޭންސް ލަސްވީކީ ނޫން، އެމްބިއުލޭންސާއި ހަމައަށް މެސެޖު ނުގޮސްގެން ލަސްވީ. އެމްބިއުލޭންސަށް އެނގުމުން 10 މިނެޓު ތެރޭގައި އެ ގެއަށް ގޮސްފައި ވަނީ،" ނަސީމް ވިދާޅުވި އެވެ.

އެމްބިއުލަންސް ދުއްވާ ފަރާތްތަކާއި އެކަމުގައި އުޅޭ މުވައްޒަފުންނަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކޯލްސެންޓަރުގެ ހިދުމަތް ވެސް އިތުރަށް ހަރުދަނާ ކޮށްފައި ވާނެ ކަމަށެވެ. އެގޮތުން އެމްބިއުލާންސް ފޮނުވުމަށް އެދޭ ފަރާތްތަކަށް އެ ހިދުމަތް ލިބެންދެން ކޯލް ސެންޓަރުން އެކަން މޮނީޓާ ކުރަމުން ދާނެ ކަމަށާއި ޑޮކްޓަރަކަށް ނަމަ، އެ ހިދުމަތަށް އެދޭ ފަރާތާއި ޑޮކްޓަރަކާއި ގުޅާ ދިނުމަކީ ވެސް ކޯލް ސެންޓަރުގައި ތިބޭ ކުދިންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.