ވޮޝިންޓަން (08 ޖޫން) - ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގާ ސަރުކާރު ވެބްސައިޓްތަކާއި ވިޔަފާރި ވެބްސައިޓްތަކުގެ އިތުރުން ބޮޑެތި މީޑިއާ ވެބަސައިޓްތަކެއް މިއަދު ޑައުންވެއްޖެ އެވެ.

ޓްރެފިކް ބޮޑު ވެބްސައިޓުތައް ކަމަށް ވާ ރެޑިޓް، އެމޭޒަން، ސީއެންއެން، ޕޭޕެލް އަދި އަލްޖަޒީރާ ފަދަ ވެބަސައިޓްތަކަށް ދިން މި އެޓޭކްގައި މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށް ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފަ އެވެ.

މަޝްހޫރު ބޮޑެތި ވެބްސައިޓްތަކަށް މައްސަލަތައް ކުރިމަތި ވާންފެށީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ފާސްޓްލީގެ ނެޓްވޯކްތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި މައްސަލަ ފާހަގަކޮށް ހައްލު ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެއެވެ.

މި މައްސަލަ ކުރިމަތި ވެފައިވާ ވެބްސައިޓްތަކުން "އެރާ 503" ގެ މެސެޖެއް ޑިސްޕްލޭވެ އެވެ. މަޝްހޫރު މީޑިއާތަކަށް ކުރިމަތި ވި މި ނެޓްވޯކް މައްސަލާގައި ހަބަރު ފެތުރުމަށް ދަތިވެގެން ދިޔަ އެވެ.

މައްސަލަ ޖެހުނު ވެބްސައިޓްތައް މަޑުމަޑުން ރަނގަޅުވަމުން އަންނައިރު މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް ފާސްޓްލީ އިން ވަނީ މާފަށް އެދިފަ އެވެ. --އަލްޖަޒީރާ