ސޯލް (10 ޖޫން) - އުތުރު ކޮރެއާގެ ހަރުކަށި ލީޑަރު ކިމް ޖޮންގް އުންގެ އެންމެ ފަހުގެ ފެނިލުމާއެކު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އޭނާގެ އަތުކުރީ ގަޑި އެވެ.

އަގުގެ ގޮތުން ބަލާނަމަ 12،000 ޑޮލަރުގެ އެ ގަޑި މީހުންގެ ސަމާލުކަމަށް އައީ އެ ގަޑީގެ އަގު ބޮޑުވެގެނެއް ނޫނެވެ.

މަޝްހޫރު "އައިޑަބްލިއުސީ ޝަފްހޯސަން ޕޯޓޯފިނޯ ބްރޭންޑް"ގެ އެ ގަޑީގެ ކަމަރު ކުރިއަށްވުރެ ބާރުކޮށްފައިވާކަން ފާހަގަވުމާއެކު ގިނަ ބަޔަކު ވަނީ ކިމްގެ ބަރުދަން ލުއިވީ ކަމަށް ބުނެ ވާހަކަ ދައްކަން ފަށާފަ އެވެ.

ކުރިން އާއްމުކޮށްފައިވާ ފޮޓޯތަކާއި އެންމެ ފަހުން ނަގާފައިވާ ކިމްގެ ފޮޓޯތައް އަޅާކިޔާއިރު، ފަހުގެ ފޮޓޯތަކުގައި ކަމަރު ބާރުކޮށްފައިވާކަން އެނގެން ހުރެ އެވެ. މިއާއެކު އާއްމުންނަށް ނުފެނި ދިޔަ ދިގު މުއްދަތުގެ ތެރޭގައި ކިމް އޭނާގެ ބަރުދަން ލުއި ކުރަން މަސައްކަތް ކުރިކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ކިމްގެ ބަރުދަނަކީ އޭނާގެ ހަރުކަށި ވެރިކަން ދެމިގެންދާނެ މުއްދަތެއް ދެނެގަތުމަށް ޖާސޫސީ އިދާރާތަކުން އަބަދު ވެސް ބަލަމުންދާ ކަމެކެވެ. ސަބަބަކީ ކިމްގެ އާއިލާގައި ހިތުގެ ބަލި ދައުރުވެފައިވާއިރު ބަރުދަން އިތުރުކޮށް ހުރުމަކީ ކިމް ވެސް ހިތުގެ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަކަށް ވީމަ އެވެ.

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއަކުން ވަނީ ކިމްގެ ބަރުދަނުގައި 140 ކިލޯގްރާމް ހުންނާނެ ކަމަށް ލަފާ ކޮށްފަ އެވެ. ކިމްގެ ސިއްހަތަކީ ދޭތެރެ ދޭތެރެއިން ކޮރެއާ އާއި ދުނިޔޭގެ މީޑިއާގެ ސަމާލު ކަމަށް އަންނަ ކަމެކެވެ.

އުތުރު ކޮރެއާގެ އިގްތިސާދާ ބެހޭ ގޮތުން ވެރިކަން ކުރާ ޕާޓީއިން ބޭއްވި ބައްދަލުވުމެއްގައި ފާއިތުވި ހޮނިހިރު ދުވަހު ކިމް ބައިވެރިވެފައި ވަނީ އާއްމުންނަށް ނުފެންނަތާ އެއްމަސް ދުވަސް ފަހުންނެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް