މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު 25 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައިސްފައި ވަނީ 9،538 ޓޫރިސްޓުންނެވެ. އަދި ބޯޑަރު ހުޅުވާލުމުން އައި އަދަދު ވަނީ 18،867 އަށް އަރައިފަ އެވެ.

ކޮވިޑާ ގުޅިގެން މާޗް 27ގައި ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި 15ގަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި މަހު އެވްރެޖްކޮށް ދުވާލަކު އައީ 100 ޓޫރިސްޓުންނެވެ. އަދި އޮގަސްޓް މަހު އައިސްފައި ވަނީ އެވްރެޖްކޮށް ދުވާލަކު 218 މީހުންނެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު ވަނީ 318 އަށް އިތުރުވެފަ އެވެ. މިއީ 45 ޕަސެންޓްގެ އިތުރުވުމެކެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހު 696 މީހުން އައިސްފައިވެ އެވެ. އޮގަސްޓް މަހު އައީ 373 މީހުން އަދި ޖުލައި މަހު އައީ 218 މީހުންނެވެ. އަދި ސެޕްޓެމްބަރު މަހު އެއް ދުވަހާ އެންމެ މަދުން ޓޫރިސްޓުން އައި ދުވަހު 97 މީހުން އައިސްފައިވެ އެވެ. އޮގަސްޓް މަހު އައީ 71 މީހުންނެވެ. އަދި ޖުލައި އެ އަދަދު އުޅެނީ 32 ގަ އެވެ.

މިދިޔަ މަހު ރައްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އެ ގައުމުން 2065 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 65 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރަޝިއާއިން އައި އަދަދު އިތުރުވީ، ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކެނޑިފައި އޮތުމަށްފަހު، ރަޝިއާގެ ގައުމީ އެއާލައިން އޭރޯފްލޮޓުގެ ދަތުރުތައް ސެޕްޓެމްބަރު 11ގައި ފެށުމާ ގުޅިގެންނެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޔޫއޭއީން އެވެ. އެ ގައުމުން 1029 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ އޮގަސްޓް މަހާ އަޅާބަލާއިރު 37 ޕަސެންޓް ދަށް އަދަދެކެވެ. ތިންވަނައަށް އެންމެ ގިނަ އިން ޓޫރިސްޓުން އައީ އެމެރިކާ އިންނެވެ. އެގައުމުން 935 މީހުން އައިއިރު އެއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 39 ޕަސެންޓް އިތުރު އަދަދެކެވެ.