ކުންފުނިން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ފެނަކަ ކޯޕަރޭޝަނުން ގޮވާލައިފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ ވާހަކަތަކެއް މީޑިއާގައި ހާމަކުރުމާ ގުޅިގެން އެކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ކުންފުނީގެ މެނޭޖުމަންޓުން ރައްޔިތުންގެ ހައްގަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް އަދި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.
ފެނަކަ އާއި މެދުގައި ހަގީގަތާއި ހިލާފު ވާހަކަ ފަތުރާ ފަރާތްތަކާމެދުގައި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފެނަކައިން މިހެން ބުނެފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ކޮރަޕްޝަން މައްސަލަތަކެއް އުޅެ ކަމަށް ބައެއް މީޑިއާތަކުގައާއި ސޯޝަލް މީޑިއާގައި ފެތުރެން ފެށުމުންނެވެ. މީގެ ކުރިން ވެސް އެ ކުންފުނީގެ އިސްވެރިންގެ ކޮރަޕްޝަން ވާހަކަތަކެއް ވެސް ވަނި ފެތުރިގެން ގޮސްފަ އެވެ.