ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ދޫކުރާ "ގެދޮރުވެރިޔާ ލޯން" ގެ އިނީޝިއަލް ފަންޑަށް 170 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫސް "މިހާރު"އަށް ދެއްވި އިންޓަވިއެއްގައި އަސްލަމް ވިދާޅުުވީ، ލޯނު ދިނުމަށް ކަނޑައަޅާފައިވާ 170 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ލޯނު ނަގަން މީހުން ޝައުގުވެރި ވެއްޖެ ނަމަ، މި ފަންޑަށް ފައިސާ އިތުރު ކުރައްވާނެ ކަމަށެވެ. އެ ފަންޑު މެނޭޖުކޮށް ބަލަހައްޓާނީ އެޗްޑީއެފްސީއިންނެވެ.
"މިއީ އަބަދު ވެސް ގްރޯވަމުން [ފައިސާ އިތުރުވަމުން] ދާނެ ފަންޑެއް. ޕްލޭނަކީ ލޯނު ނަގާވަރު އިތުރުވަމުން އަންނަ ވަރަކަށް މި ފަންޑަށް ފައިސާ ވެސް އިތުރުކުރަމުން ދިއުން،" ވިސްނަވަނީ ދެމެހެއްޓެނިވި ގޮތެއްގައި މި ލޯނު ދޫކުރަމުން ދިއުމަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ލޯނުގެ ސްކީމްގެ ދަށުން، ކަނޑައަޅާފައިވާ އެންމެ މަތީ އަދަދަކީ، 700،000ރުފިޔާ އެވެ. އެ އަދަދުން ލޯނު ދޭ ނަމަ، 242 މީހަކަށް ލޯނު ދެވޭނެ އެވެ. ގެދޮރުވެރިޔާ ލޯނު ގިނަވެގެން 500،000 ރުފިޔާ އާއި 700،000 ރުފިޔާ ދެމެދުގެ އަދަދަކުން ދޭން ވަނީ ނިންމައިފަ އެވެ.
ލޯނުގެ އަދަދާ ގުޅިގެން އަސްލަމް ވިދާޅުވީ، 700،000 ރުފިޔާއިން އިން ރަށެއްގައި ދޭއް ނުވަތަ ތިން ކޮޓަރީގެ ގެއެއް އިމާރާތްކުރެވިދާނެ ކަމަށެވެ. ނަމަވެސް އެއީ އަމިއްލަ އަށް ނުވަތަ ރަށުގެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރާ ނަމަ އެވެ. މާލެ އިން ކޮންޓްރެކްޓަރެއް ގެންގޮސް މަސައްކަތް ކުރުވާ ނަމަ ހަރަދު އެއަށް ވުރެ ބޮޑުވާނެ އެވެ.
ލޯނު ސްކީމަށް ކަނޑައަޅާފައިވާ ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓަކީ ބޭންކުތަކާ އަޅާ ބަލާއިރު ނިސްބަތުން ކުޑަ އަދަދެކެވެ. އަސްލަމް ހިސާބު ޖެއްސެވީ 700،000ރ. ގެ ލޯނެއް ނަގާ ނަމަ އިންޓަރެސްޓަށް އަރާނެ އަދަދުތަކެވެ. އޭރުން މަހަކު ދައްކަން ޖެހޭނީ 5،015ރ. ކަމަށާއި އަދި އޭގެން އިންޓަރެސްޓުގެ ގޮތުގައި ދައްކާނީ މަހަކު 2،019ރ. އެވެ. އަދި 20 އަހަރުން ލޯނު ދައްކާ ނަމަ މުޅި ޖުމްލަ 1.2 މިލިއަން އަނބުރާ ދައްކަން ޖެހޭނެ އެވެ.
އެޗްޑީއެފްސީ އާއި ހައުސިން މިނިސްޓްރީ ގުޅިގެން ހައުސިން މިނިސްޓްރީ އާއި އެޗްޑީއެފްސީން ގުޅިގެން ދޫކުރާ އެ ލޯނަށް ޝަރުތު ހަމަވަނީ، ލޯނަށް އެދޭ ފަރާތުގެ ނަމުގައި އެހެން ބިމެއް ރަޖިސްޓްރީ ވެފައި ނެތުމާއި ބިން ރަޖިސްޓްރީ ވެފައިވާ ރަށުގެ ރަށްވެއްސަކަށް ވުމާއި ރަށްވެހި ވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އެ މީހެއްގެ އާއިލާ ދިރިއުޅޭތާ މަދުވެގެން ތިން އަހަރުވެފައިވާ މީހުންނަށެވެ.