މިއަދަކީ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހެވެ. ބައިނަލްއަޤުވާމީ އެދުރުންގެ ދުވަހެވެ. ޢިލްމުގެ ދަންމަރުން ހިތްތައް ރޯޝަންކުރާ އެންމެހައި ފަރާތްތަކަށް މި ދުވަހުގެ ތަހާނީ އަރިސްކުރަމެވެ. ތިޔައީ މާތް މަޤުޞަދެއްގައި ކަމަރު ބަނދެގެން ތިބި، ހީވާގި އުސްތާޒުންނެވެ. ތިޔަ ބަޠަލުންގެ ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ. ކޮވިޑުގެ މި ހާލަތުގައި އެއްވެސް ތަނެއްގައި ކުލަގަދަކޮށް މި ދުވަސް ފާހަގަ ނުކުރެވޭކަމީ، އެދުރުންނަށް ކުރިމަތިވި ހިތާމައެކެވެ. މި ހާލަތުގައި ހިތްވަރާއި އަޒުމާއެކު ގައުމު ބިނާކުރުމުގައި، ތިޔަ ކުރާ މިންނަތް މަސައްކަތް ފާހަގަކުރަމެވެ. ކިތަންމެ ދަތި ހާލެއްގައި ނަމަވެސް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް އެޅުމެއް ނެތި، ތިޔަ ކުރަނީ އެހައިމެ ބުރަ، އަގު ނުކުރެވޭނެ ފަދަ ޚިދުމަތެކެވެ. ދަރިވަރުންނަށް ޓަކައެވެ. ގައުމުގެ ކުރިމަގަށް ޓަކައެވެ. ފޫހިވުމެއް ވަރުބަލިކަމެއް ނެތި ޖޯޝާއި ފޯރީގައެވެ.

ތިޔައީ އަބަދުވެސް މި ގައުމު ފަޚުރުވެރިވާ ބަޠަލުންނެވެ. ތިޔަ ޚިދުމަތަށް ފަސް ޖެހުމެއް ނެތެވެ. ކިތަންމެ ގިނަ އަޑިގުޑަންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެ ކަމަކާ ކުރިމަތިލަނީ ކެރިގެންނެވެ. ކަށިން ހިތްވަރު ނެރެގެންނެވެ. މިއީ ވެސް އެ ފަދަ ދަނޑިވަޅެކެވެ. ކޮވިޑުގެ މި ހާލަތުގައި ވެސް، އެދުރުން ދެއްކީ ނަމޫނާއެވެ. ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ތިބިކަން އަންގައިދެމުންނެވެ. ރެޔާއި ދުވާލު ދަރިވަރުންނަށް ޚިދުމަތްކުރުމަށް ޓަކައި އަތުކުރި އޮޅާލިއެވެ. ބެލެނިވެރިންގެ އުފަލަށް ޓަކައި ރޭގަނޑުގެ ނިދި ގުރުބާން ކުރިއެވެ. ރަނގަޅު އަގުހުރި ފިލާވަޅުތައް ތައްޔާރު ކުރުމުގައި ޓެކްނޮލޮޖީގެ ތެރެއަށް ވަދެ، އެއަށް އަހުލުވެރިވިއެވެ. އެކަމަށް ޓަކައި ތަމްރީނުތަކާއި ކޯސްތައް ހެދިއެވެ. ދަރިވަރުންނަށް ޓަކައެވެ. ގައުމުގެ ކުރިމަގު އުޖާލާކުރުމުގެ މާތް މަޤުޞަދުގައެވެ.

ތިޔައީ ދަރިވަރުންގެ ހިތްތަކުގެ ރާނީންނާއި ރާޖާއިންނެވެ. އެ ކުދިންގެ ދެވަނަ މައިންބަފައިންނެވެ. އެ ކުދިން އެ ބަޔަކަށް އެންމެ އިތުބާރުކުރާ ފަރާތްތަކެވެ. ނަމޫނާ އަކަށް ބަލާ "ރޯލްމޮޑެލް"އިންނެވެ. ތިޔަ މުދައްރިސުންގެ ފަހަތުން ހިނގަމުން ދާ އެތައް ދަރިންނެއް އެބަ ތިއްބެވެ. ތިޔަ ދޭ އިރުޝާދު ކަނުލައި އަޑުއަހައި، އެއަށް އަމަލުކުރާ އެތައް ދަރިވަރުންނެެއް އެބަ އުޅެއެވެ. މައިންބަފައިންގެ ބަހަށްވުރެ މުދައްރިސުންގެ ބަސް އިސްކުރާ އެތައް ދަރިވަރުންނެއް އެބަ އުޅެއެވެ. ސަބަބެއް ނެތި އެއް ނޫނެވެ. ތިޔަ އަތްތަކުގެ އޯގާވެރިކަމުގެ ސަބަބުންނެވެ. ތިޔަ ހިތްތަކުގެ ދީލަތިކަމުގެ ސަބަބުންނެވެ. ތިޔަ ފުރާޅުގެ ހިމާޔަތުގެ ސަބަބުންނެވެ. ތިޔައީ ދަރިވަރުންގެ ހިތްތަކުގެ ރަހުންނާއި ރަނިންނެވެ. އެ ދަރިވަރުންނަށް މަގުދައްކާ އާރުކާޓީންނެވެ.

ޓީޗަރުންގެ މަސައްކަތްތަކަކީ ބުރަ ބޮޑު މަސައްކަތެއް. އެ މަސައްކަތަށް ޝުކުރުވާން ޖެހޭ

ތިޔައީ މި ގައުމުގެ އެންމެ އަގުހުރި ޚިދުމަތުގައި ތިބި، ގައުމުގެ ޙަޤީޤީ ބާނީންނެވެ. ތިޔައީ މި ގައުމު ބިނާކޮށް އާރާސްތު ކޮށްދޭ ބާރެވެ. ގައުމަށް ޙަޤީޤީ ތަރައްޤީއާއި އަރުތަ ހޯދައިދިނުމުގެ މޭސްތިރީންނެވެ. ޤައުމުގެ ކުރިމަގަށް ފެންދީ ކުރިފަޅުވާ ބަޔަކީ ތިޔަ އެދުރުން ނޫން ކޮންބައެއް ހެއްޔެވެ؟ ތިޔަ ޚިދުމަތަށް ޝުކުރުއަދާކުރާނީ ކިހިނެއް ހެއްޔެވެ؟ މިހެން އަންނަ އެންމެ ދުވަހަކުން މިކަން ކުރެވޭނެ ހެއްޔެވެ؟ މި ގޮތަށް ފާހަަގަ ކުރާ އެންމެ ދުވަހެއްގައި، އެދުރުންގެ ކަރު، މާފަތިތަކުން ފުރާލުމުން ފުދުނީ ކަމަކަށް ގަބޫލެއް ނުކުރަމެވެ. ގައުމުގެ ކުރިމަގަށް ޓަކައި އެދުރުން ވާ ގުރުބާނީގެ އަގުއަދާ ކުރެވުނީކަމަކަށް ނުދެކެމެވެ. ބަނޑުއަޅައި ނުވިހެއެއް ކަމަކު، އަމިއްލަ ދަރިން ފަދައިން، ދަރިވަރުންނަށް ދެމުން ގެންދާ ލޯބީގެ ބަދަލު ދެވުނީ ކަމަކަށް ވެސް ނުބަލަމެވެ. އެހެންނަމަވެސް މި ފަދަ އެންމެ ދުވަހަކީ ވެސް އެ ޚިދުމަތުގެ އަގު ވަޒަންކުރަން ލިބުނު ރަނުގެ ފުރުސަތަކަށް ވާނެއެވެ. އެދުރުންގެ ޚިދުމަތާ މެދު ވިސްނަން ލިބުނު ފުރުސަތަކަށް ވާނެއެވެ.

އެދުރުންގެ އުފަލަކީ ދަރިވަރުންގެ ކާމިޔާބީއެވެ. ހިތްހަމަ ޖެހުމަކީ އެ ދަރިވަރުންގެ ނަތީޖާއެވެ. އަބަދުގެ ވެސް ދުޢާއަކީ އެ ކުދިން އުފަލުގައި ފިޔަ ޖަހަމުން ދާތަން ދުށުމެވެ. އެއީ ސާފު ތެދުވެރި ލޯތްބެކެވެ. ކިލަނބުވުމެއް ނެތި، ދާއިމަށް ދެމިގެންވާ ސާފު ގުޅުމެކެވެ. ދުވަހުގެ ހެޔޮޮ އެދުމާއި ތަހާނީ އެންމެހައި އެދުރުންނަށް ހިތުގެ ޢުމުޤުން އަރިސްކުރަމެވެ. އެދުރުންނަށް ޙައްޤު ޝުކުރާއި އިޙްތިރާމް މުޖުތަމަޢުގެ ތެރެއިން ލިބިގެން ދިއުމަކީ އަޅުގަނޑުގެ އެދުމެވެ. ދުޢާއަކީ އެދުުރުންނަށް ފާގަތި ބާއްޖަވެރި ކުރިމަގެއް މިންވަރު ކުރެއްވުމެވެ.

އެޑިޓަރުގެ ނޯޓް: ޝިއުނާ އަޙުމަދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދާރިސެކެވެ. އޭނާ ވަނީ ދިވެހި ބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ. އޭނާ ވަނީ އެކިއެކި މަޖައްލާތަކާއި ސައިޓްތަކުގައި ތަފާތު މައުޟޫޢުތަކަށް އާޓިކަލްތައް ލިޔެ ޝާއިޢުކުރައްވާފައެވެ.