ރާއްޖޭގައި އަނދިރި ދައުލަތެއް އެބަ އޮތެވެ. އެއީ މިހާރު ޔަގީން ކަމެކެވެ. އެ ވާހަކަ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު ހުންނެވި އެންމެ ފުންނާބު އުސް ބޭފުޅާ އެވެ. އެބޭފުލާގެ ސިޔާސީ ބަސްމަގު އެންމެ ގިނަ މީހުން ގަބޫލްކުރާ ވެސް ބޭފުޅާ އެވެ. ނޭނގޭ ކަމަކީ އެ އަނދިރި ދައުލަތަކީ ކޮބައިކަމެވެ.
އަނދިރި މިބަސް ދިވެހިންނަށް ވެރިކަމަކާ ގުޅުވައިގެން އެންމެ ރަނގަޅަށް އެނގެނީ ޕޯޗްގީޒުންގެ ފަރާތުން މާލޭގައި ބަހައްޓާފައި ހުރި ގަވަރުނަރެއް ކަމަށްވާ އަނދިރި އަނދިރިންގެ ނަމުންނެވެ. އަނދިރި އަނދިރިން ރާއްޖޭގައި ވެރިކަން ކުރީ އޭރު ރާއްޖޭގައި ރަސްކަން ކުރަމުން ދިޔަ ހިލާލީ ދަރިކޮޅުގެ ތެރޭގައި ވެރިކަމާހެދި ކޯޅުން ބޮޑުވެ އޭރުގެ ރަސްގެފާނު ހަސަން 9 އޭނާގެ ވެރިކަން ހިމާޔަތްކުރުމަށް ޕޯޗްގީޒުންގެ އަތުން މަދަދަށް އެދުމުން އެ ރަސްގެފާނުގެ ރަސްކަން ހިމާޔަތް ކޮށް ދިނުމުގެ ނަމުގަ އެވެ. ވެރިކަން ކުރީ ވެސް އެ ރަސްގެފާނުގެ ނަންފުޅުމަތީގަ އެވެ.
ތިމާގެ މަސްލަހަތު ހިމާޔަތްވެ އަމިއްލަ ނަފުސަށް ފައިދާ ކުރާކަމަށް ވަންޏާ ވެރިކަމުގައި ހުންނަން "އައްޔެކޭ އަންދިރި އެކޭ ވަކި ތަފާތެއް ނެތޭ" ގޮވި ބަޔަކު ވެސް އޭރު ތިއްބެވެ. ޚާއްސަކޮށް ވެރިކަމުގެ ކޮއިލު ތެރޭގަ އެވެ. އަނދިރި އަނދިރިންގެ 15 އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ ވެރިކަމަކީ ރާއްޖޭގެ ތާރީޚު ދުށް އެންމެ އަނދިރި ސަފުހާތައް ކަމަށް މުއައްރިޚުން އެއްބަސްވެ އެވެ. ދިވެހި ގައުމުގެ މިޖީލުގެ އުސްތާޒު މަރުހޫމު މުހައްމަދު ޖަމީލު ދިދީ އެ ދުވަސްވަރު ސިފަކުރަައްވާފައި ވަނީ "ހަނދާނުގެ ފަށްފުށުން މީ ފެންނަ ތާރީޚީ ބަޔާނެއްތާ، އަނދާ އަޅިޔަށް ވެ މިނިވަންކަން މިދީބުގެ ދިޔަ ޒަމާނެއްތާ" މިފަދައިންނެވެ.
އަނދިރި އަނދިރިންގެ އަނދިރި ދައުލަތުން ރާއްޖޭގައި ހިނގި އަނދިރި ވެރިކަން ދިވެހި ދަރިންތަކެއްގެ ހިއްމަތާއި މިންނަތުން ނިމުމަކަށް ގެނެސްފައި އޮއްވާ ދިވެހންގެ ވެރިކަމަށް ދެވަނަ ފަހަރަށް ހިޔަނި އަޅައިލީ އިންޑިޔާގައި އޮތް އިނގިރޭސި ދައުލަތުގެ ހިމާޔަތުގެ ވަރައިންނެވެ.
"އިނގިރޭސިންގެ ހިމާޔަތުގެ އުނގަށް" ދިވެހިން ފޭބީ ވެސް މާލޭގެ ބޮޑު ދެއާއިލާއެއްގެ މެދުގައި ދައުލަތުގެ ބާރުވެރިކަމާ މެދު އުފެދިފައި އޮތް ވާދަވެރިކަމެއްގެ ތެރެއިންނެވެ. ވެރިކަމުގައި ދެމިތިބުމަށް "ދިވެހިންނަށް އެންމެ ރަނގަޅު ވާނީ އިނގިރޭސިން ފަދަ ބޮޑު ދައުލަތެއްގެ ހިމާޔަތުގެ ދަށުގައި ތިބެގެން" ކަމުގައި ބުނެ އިނގިރޭސިންނަށް ފޮނުވި ސިޓީ އެއްގެ ޒަރީއާއިންނެވެ.
ޕޯޗްގީޒުންނެކޭ އެއްފަދައިން އިނގިރޭސިން ވެސް ދިވެހިންނަށް ދިނީ ހިމާޔަތެވެ. އިނގިރޭސިންގެ ހިމާޔަތް ހޯދި މީހުނަށް ވެރިކަމުގެ ފޮނި މީރުކަން ލިބުނެވެ. ދަރިންގެ ދަރިންނަށް ދާންދެން އުފަލާ އަރާމުގައި އުޅެވޭވަރަށް އާރާއި ބާރާއި ޖާހު ލިބުނެވެ. އޭގެ އަގަކަށް ދިވެހި ރައްޔިތުންގެ އަތުން ބީވެގެން ދިޔައީ މިނިވަންކަމެވެ. ދިވެހި ރާއްޖޭގެ ރަދުނަނާއި ރަސްކަމާއި ސަރުކާރު އޭގެ ޒާތުގައި ހިނގަ ހިނގާ އޮތެއްކަމަކު ދައުލަތުގެ ހުރިހާ ކަމެއް ނިންމަން މަޖުބޫރުވެފައި އޮތީ އިނގިރޭސިންގެ އަނދިރި ދައުލަތުން ބޭނުންވާ ގޮތަކަށެވެ. ފަރުދާގެ ފަހަތުގައި އަނދިރި ދައުލަތުން ކުޅެމުން ދިޔައީ ކޮންކަހަލަ ރޯލެއްކަން ޚުދު ދައުލަތުގެ އިސް ބޭފުޅުންނަށް ވެސް އޭރު ރޭކާލާހެނެއް ހީއެއް ނުވެ އެވެ.
ރާއްޖެ، ރަސްކަމަކުން ޖުމުހޫރިއްޔަތަކަށް ބަދަލުވުމުން އިނގިރޭސިންގެ އަތްދަށުން އެ ލިބުނީ މިނިވަންކަން ކަމުގައި ހީކުރައްވައި ދިވެހި ރާއްޖޭގެ އޭރުގެ ސަރުކާރުން މިނިވަންކަމުގެ "އުހާ" ނުހަނު އުފަލާއެކު ފާޅު ކުރިކުރުން އެއީ މިދެންނެވި ބަހުގެ ހެއްކެކެވެ. މުޅި ރާއްޖޭގައި ކާނިވާ ބާއްވާ ރާއްޖެތެރެއިން މީހުން މާލެ ގެނެސް މުޅި މާލޭގެ މަގުމަތީގައި ފާރުރާނައި ރީތީގެ މުބާރާތް ބާއްވައި ނިމިގެން ހިންދެމިލައި ބަލާލިއިރު މިނިވަންކަން ލިބިއްޖެކަމުގައި ހީކޮށް ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ހިމާޔަތުގެ މަޅިވީ އިހުނަށް ވުރެ ބާރެވެ. އެމަޅިން ސަލާމަތް ވުމަށް ފަހުން އައި ބަޔަކު އުފުލަން ޖެހުނު ބުރަ ވަކީން ކުޑަ އެއް ނޫނެވެ.
މިއަދަކު ރާއްޖޭގައި ޕޯޗްގީޒުނެއް ނެތެވެ. އިނގިރޭސިންގެ ހިމާޔަތުގެ މަޅި ދިވެހިންގެ ކަރުން މޮހެވިއްޖެ އެވެ. އެކަމަކު މިއަދު ވެސް ދިވެހި ރާއްޖޭގެ ސަރުކާރަށް ހިޔަނިއަޅާ އަނދިރި ދައުލަތެއް އެބަ އޮތް ކަމަށް އެކަން އެނގޭ ފަރާތަކުން ވިދާޅުވަންޏާ އަޑު އިވޭ މީހުންނަށް ޖެހޭނީ އެ ދައުލަތަކީ ކޮބައިތޯ ވިސްނައި ބަލައި ހޯދާށެވެ. މާޒީގެ ވެދިޔަތަނުގައި އުފެދިފައި ހުރި އަނދިރި ދައުލަތްތައް އުފެދިފައި ހުރި ގޮތާއި އެދައުލަތްތަކުން ކަންތައް ކުރި ގޮތަށް ވިސްނާލުމުން އެ ވިދާޅުވާ އަނދިރި ދައުލަތް ފާހަގަ ކޮށްލަން ފަސޭހަ ވާނެ އެވެ.
މާޒީގެ ދެފަހަރެކޭ އެއްފަދައިން މިއަދު ވެސް ދިވެހި ދައުލަތުގެ އެތެރޭގައި ވަނީ ކޯޅުން ގަނޑެއް އުފެދިފަ އެވެ. ވެރިކަމުގެ ބާރުގެ ދަހިވެތިކަމުގައި ބޭރު ގައުމުތަކުގެ ހިމާޔަތަށް ބަޔަކު ގޮވަމުން ދިޔައީ ދާދި އިހަކަށް ދުވަހު އެވެ. ހިމާޔަތް ހޯދުމަށް ސަލާން ޖެހީ ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުގައި ކިލަނބު ކަމެއް އުފެދުނުނަމަ އުފެދުމަށް އަބަދުވެސް ސަބަބެއް ކަމަށް މެދުވެރިވާ ފަސްގަނޑު ކަމުގައިވާ އިންޑިއާ އިންނެވެ.
އެގައުމުގެ ދީލަތި އެހީތެރިކަމުގައި ވެރިކަމަށް އައި ސަރުކާރެއް މިވަގުތު ވެރިކަމުގައި އެބަ އޮތެވެ. އެހެންކަމުން އެގައުމުގެ އަނދިރި ދައުލަތެއް ރާއްޖޭގައި ހަރަކާތްތެރި ނުވާނެގޮތަކީ ނެތް ކަމެކެވެ. މިކަން ހީއެއްގެ ގޮތުގައި އޮތް އޮތުން ޔަގީން ކަމަކަމަށް ބަދަލުވީ ރާއްޖޭގެ ވެރިކަމުގައި މިވަގުތު ހުންނެވި އެންމެ ބާރުގަދަ މިނިސްޓަރު ކަމުގައިވާ އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިޔަ ހަފުތާގައި ނޫސްވެރިން ގާތުގައި އެކަން ވަރަށް ސަރީހަ ކޮށް ވިދާޅުވުމުންނެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވި ގޮތުގައި ދިވެހި ރާއްޖޭގެ ސަރުކާރަށް އިންޑިއާގެ ނުފޫޒު އެބައޮތެވެ. އެ ނުފޫޒަކީ އިންޑިޔާގެ ދުޝްމިނުންގެ ބާރު ރާޢްޖޭގައި ގަދަވިޔަ ނުދިނުމަށްޓަކައި އޮންނަ ނުފޫޒެވެ.
ކިތަންމެ ރީތި ބަސްމަގަކުން ވިދާޅުވިޔަސް އެ މަނިކުފާނަށް އެ އެއްބަސްވެވުނީ ދިވެހިން ގުޅުން ބަދަހިކުރާނެ ގައުމަކާ ގުޅުން ބަދަހި ކުރާނެ މިންވަރު ނިންމުމުގެ އަމިއްލަ ބާރު ދިވެހިންނަށް މިހާރު ނެތް ކަމެވެ. އެކަން ކަނޑައަޅަނީ އިންޑިޔާއިން ކަމެވެ.
ގައުމެއްގެ މިނިވަންކަން ގެއްލޭނީ ކިހާވަރެއް ވީމާ ހެއްޔެވެ؟ އިނގިރޭސިންގެ ހިމާޔަތުގައި ތިބި އިރުވެސް ޕޯޗްގީޒުންގެ އަޅުވެތިކަމުގައި ތިބި އިރުވެސް ދިވެހިންނަށް ނެތީ މިހާރު އިންޑިއާގެ އަތް ދަށަށް ގޮސްގެން މިއުޅޭ ބޭރު މީހުނާ އަމިއްލަ އިޚުތިޔާރުގައި ގުޅުން އުފެއްދުމުގެ މިނިވަން ކަމެވެ.
ރާއްޖޭގެ ވެރިކަމަށް ހިމާޔަތްދޭ އަނދިރި ދައުލަތެއް އޮތްކަން އެނގި، އެ ދައުލަތަކީ އިންޑިއާ ސަރުކާރުކަން ތިލަވެގެން އަންނައިރު އެއާ ގުޅުން ހުރި އެހެން ކަންތައްތަކެއް ވެސް ދަނީ ހާމަވަމުންނެވެ.
ރާއްޖޭގެ މިއަދުގެ ސަރުކާރު ދެމިއޮތުމަށް ހިންގާ ތަރައްގީގެ ހުރިހާ މަޝްރޫއު ތަކެއް ހިންގަމުން ގެންދަނީ އިންޑިއާ ސަރުކާރުންނެވެ. އެކަންކަމުގައި އެންމެ އިސް ރޯލެއް އަދާ ކުރަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއިންނެވެ. ދިވެހި ސަރުކާރުގެ ބާރު ނުހިނގާ ގޮތަށް އެ އެމްބަސީގެ ބެލުމުގެ ދަށުގައި މިލިޓަރީ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓަކާއެކު އިންޑިއާ ސިފައިންގެ ލަޝްކަރެއް ހަތިޔާރާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަ ތިއްބެވެ. ރާއްޖޭގެ އުތުރާއި ދެކުނާއި މެދުތެރޭގައި އެ މީހުންގެ މަރުކަޒުތައް ދަނީ ގާއިމު ކުރަމުންނެވެ. މާޒީއަށް ބަލާއިރު ޕޯޗްގީޒުންނާއި އިނގިރޭސިން ވެސް ރާއްޖޭގައި ބާރުގަދަ ނުކުރާ މިންވަރަށް އިންޑިއާ މިވަނީ ރާއްޖޭގައި ފައި ހަރުކޮށްފަ އެވެ.
އިންޑިޔާގެ ހައިކޮމިޝަނުން ރާއްޖޭގައި އަނދިރި ދައުލަތެއް ހިންގަނީއޭ ވިދާޅުވާން ސިޔާސީ ގޮތުން ފުންނާބު އުސް، އަމުދުން އެ ހައިކޮމިޝަނުން މާޒީގައި ސިޔާސީ ހިމާޔަތް ހޯއްދަވައިފައި ހުންނެވި ބޭފުޅަކަށް ވިދާޅުވާން އެހާ ފަސޭހަފުޅެއް ނުވާނެ އެވެ. ނަމަވެސް އަނދިރި ދައުލަތެއްގެ ވާހަކަ އެމަނިކުފާނު ތިލަކޮށް ދެއްވުމުން ދިވެހި ސަރުކާރުގެ މައްޗަށް ހިޔަނި އަޅައިގެން މިވަގުތު އޮތް އަނދިރި ދައުލަތަކީ އިންޑިއާކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެ އެވެ.
2008 ކުން ފެށިގެން ރާއްޖެ މިވަނީ އިގިރޭސިން އުފެއްދި ނަފުރަތު ޕާޓީގެ ސަބަބުން އެމީހުންގެ އަޅުވެތި ކަމުގައި 2011 ގައި އައްޑޫގައި އިންޑިޔާގެ ނަމުގައި އެއަޅަނީ ސީދާ އިގިރޭސިންގެ މިލިޓަރީ ބޭސް އިންޑިޔާ ކަނޑަށް ވެރިވެ ގަނެ އިގިރޭސިންގެ ކުރީގެ އިސްތިޢުމާރު ޢިޔާދަ ކުރަން ކޮމަންވެލްތުގެ ކުޑަޖަހައިގެން . ގައުމު މިނިވަން ކުރަން އެމްޑީޕީގެ ލޮބުވެތި ރައްޔިތުން ތެދުވާންޖެހޭ އެމްޑީޕީގެ އާންމު މެމްބަރުންނަ ކީ ދީނާއި ގައުމު ދެ ކެ. ލޯބިވާ ބަޔެއް ކޮރަޕްޓު ލީޑާޝިޕެއް އޮތަސް !