އެކި ކަހަލަ އިންޒާރުތައް އޭނާއަށާއި ދޮށީ ދަރިފުޅު މުހައްމަދު ޖިދާދު އަހުމަދަށް ލިބެމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.
އީސަ މިހެން ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަސް ކުރަމުންނެވެ.
އީސަ ވިދާޅުވީ މީގެ ކުރިން އިންޒާރެއް ލިބުމުން އެއީ ހަމައެކަނި ރުޅި އައިސްގެން ބުނާ އެއްޗެއް ކަމަށް ބެލިޔަސް މިހާރު ލިބޭ އިންޒާރަކީ ގެއްލުމެއް ކަމަށެވެ. އެގޮތުން އޭނާ އަށާއި އޭނާގެ ދޮށީ ދަރިފުޅަށް އެކި ކަހަލަ އިންޒާރުތައް ލިބެމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު ވެސް އަޅުގަނޑަށް ވެސް އިންޒާރު ލިބެމުން އަންނަނީ. އަޅުގަނޑުގެ ދޮށީ ދަރިފުޅަށް ވެސް އިންޒާރު ލިބެމުން އަންނަނީ،" އީސަ ވިދާޅުވި އެވެ.
އެހެން ނަމަވެސް ލިބެމުން އަންނަނީ ކޮން ކަހަލަ އިންޒާރެއް ކަމެއް އީސަ މަޖިލިހުގައި ވިދާޅުވެފައިނުވެ އެވެ. އަދި އެމައްސަލަ ފުލުހުންނަށް ހުށަހެޅި ކަމެއް ވެސް އީސަ ވިދާޅުވެފައެއް ނުވެ އެވެ.
ބިލާ މެދު ބަސް ކުރަމުން އީސަ އިތުރަށް ވިދާޅުވީ ރައްކާތެރިކަން ދޭން ފަށައިގަންނަން ޖެހޭނީ ތިން ބާރުގެ ވެރިންނާއި މަޖިލީހުގެ މެންބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންނާ ހަމައިން ކަމަށެވެ. ރާއްޖޭގެ ހާލަތު އޮތް ގޮތަށް ބަލާ އިރު ދައުލަތުގެ އިސް ވެރިންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. މިހާރުވެސް އެކަން މާ ލަސްވެއްޖެ ކަމަށް އީސަ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި އީސަ ބައިވެރިވެވަޑައިގެންފައިވާއިރު، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ދިން ކަމުގެ ދައުވާ އީސަގެ މައްޗަށް އުފުލާ ޝަރީއަތް ފަށަށް ކްރިމިނަލް ކޯޓުގައި އޮތީ ތާވަލުކުރި ނަމަވެސް މިއަދުގެ ޝަރީއަތް ވަނީ ކެންސަލު ކޮށްފަ އެވެ.
ޕީޖީ އޮފީހުން މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުއްވާ އަދި އެމައްސަލާގެ ޝަރީއަތް ބޭއްވުމަށް ތާވަލުކޮށްފައިވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންދެވުމަށް އަސްރާވަނީ އެދިވަޑައިގެންފަ އެވެ.
އެކަމާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އެފަދަ މައްސަލަތަކުގައި އެކަހަލަ ހާދިސާ ހިނގާ ކަމަށާއި އަދި އަސްރާ އެފަދައިން އެދިވަޑައިގެންނެވި ނަމަވެސް މި މައްސަލާގައި ދައުވާކޮށް ކާމިޔާބުކުރެވޭނެ ކަމަށެވެ.
އެ ތުހުމަތުތަކަށް އިންކާރު ކުރައްވައި އީސަ ވިދާޅުވެފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މި މައްސަލައިގައި ފާޑުކިއުން އަމާޒުވެ ޕްރެޝާ ބޮޑުވުމުން އޭނާ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ. އެއީ، އޭނާއަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް ބަލާތީ، މުއައްސަސަތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަަމަށެވެ.