ހޮންގްކޮންގް (21 ޖޫން) - ހޮންގް ކޮންގުގެ ސަރުކާރާ ދެކޮޅަށް ހިންގާ ނޫހެއް ކަމަށްވާ އެޕަލް ޑެއިލީ ހުއްޓާލަން ޖެހިފައިވާ ކަމަށް އެނޫހުގެ ވެރިޔާ ޖިމީ ލައި ގެ ތަރުޖަމާނަކު ބުނެފި އެވެ.

ޖަލުގައި ހުރި ޖިމީ ބުނިގޮތުގައި ނޫސް ހުއްޓާލުމަށް ޖެހިފައި ވަނީ އެ ގައުމުގެ އިދާރާތަކުން އެ ނޫހުގެ ހުރިހާ ފައިސާއެއް ފްރީޒް ކޮށްފައި ވާތީ އެވެ.

އެގޮތުން ޖޫން މަހުގެ 26 ވަނަ ދުވަހަކީ އެ ނޫސް ޗާޕު ކުރެވޭނެ އެންމެ ފަހު ދުވަސް ކަމަށް ބުނެ ނޫހުގެ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯއެއް ވަނީ ރޮއިޓާސްއަށް ފެނިފަ އެވެ.

އެއްވެސް ލުޔަކާ ނުލާ ކުންފުނީގެ ހުރިހާ މުދަލެއް ފްރީޒްކުރުމުން މުވައްޒަފުންނަށް މުސާރަ ނުދެވި ނޫސް ހިންގަން ދަތިވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތަކުން މައުލޫމާތު ދީފައިވެ އެވެ.

މި މައްސަލަ އާއެކު ހޮންގްކޮންގްގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ގިނަ ފަރާތްތަކަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެޕަލް ޑައިލީގެ އެސެޓްތައް ފްރީޒް ކޮށްފައިވާއިރު އެ ނޫހުގެ ޗީފް އެޑިޓާ ހިމެނޭ ގޮތަށް މެނޭޖްމަންޓްގެ ގިނަ ފަރާތްތަކެއް ވަނީ ސަރުކާރުގެ ހިންގުމަށް ހުރަސް އަޅަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފަ އެވެ.

ގާތްގަނޑަކަށް 600 މުވައްޒަފުންނާއެކު ހިންގަމުން އައި އެޕަލް ޑެއިލީ ހުއްޓާލުމަކީ އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަކަށް ވާތީ އެ ކުންފުނިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. -- ރޮއިޓާސް