މިހާރު ފަސްޖެހުމެއް ނެތި މީހުން މެރުން އާންމުވެފައިވާ ކަމަށާއި މުޖުތަމައުގެ އަމާންކަން ގެއްލިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރަހީނު ކުރުމަށް ފަހު އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ކުރެއްވި ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ފަސްޖެހުމެއް ނެތި މިފަދަ ބޮޑެތި ކުއްތައް އާންމުވެއްޖެ ކަމަށާއި އަދި ތަހުގީގުގައި މައްސަލަ ބަލާ ކޯޓުތަކުގެ އިހުމާލުވެސް ބޮޑު ކަމަށެވެ. އަދި އިންސާފު ނުލިބޭ އެތައް މަރެއްގައި ރާއްޖެގެ ޖިނާއި އަދުލުގެ ނިޒާމު ވަގި ނެތިފައިވާ މަންޒަރު ފެންނަމުންދާ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ދިވެހި މުޖުތަމަޢުގެ އަމާންކަން ގެއްލި ފެއިލްޑް ސްޓޭޓަކަށް ވެއްޖެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފުލުހުން މިއަދު ހެނދުނު ބުނީ އެ ކުއްޖާ ގެއްލުނު މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދަން ކުރި މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮތްވައި ރޭ ދަންވަރު 2:38 ގައި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ކުއްޖާ މަރާލުމަށްފަހު ފޮއްޓަކަށްލާފައި އެއްލާލާފައި އޮތީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުންނަށް ވަދެވޭ ގޮތަށް އޮންނަ ހިސާބު މޫދުގަ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމުން އެކަން ފުލުހުން ހާމަކޮށްފައިނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި މިކަމުގައި ކަމާބެހޭ މުއައްސަސާތަކުންގެ ޒިންމާ އެންމެ ރަގަޅަށް އަދާކޮށްފައިވޭތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.