ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާއާއި ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއި އަލީ ވަހީދާ ދެމެދު ވަރުގަދަ ބަހުސެއް ހިނގައިފަ އެވެ.
ކުރީގެ މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަވަނީ އޮންލައިންކޮށެވެ. ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ ފަރާތް ރާއްޖެއިން ބޭރުގައި ހުރެގެން އޮންލައިންކޮށް ޝަރީއަތެއްގައި ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. އަދި އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައި ހުންނަވައިގެންނެވެ.
މިމައްސަލާގައި ދައުލަތުގެ ވަކީލުގެ ގޮތުގައި ޝަރީއަތަށް ވަޑައިގެންނެވީސީދާ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމެވެ. މިއީ ކްރިމިނަލް ކޯޓުގެ ޝަރީއަތަކަށް ޕީޖީ ޝަމީމް ވެސް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާއި ޖިންސީ އަނިޔާކުރުމުގެ ދައުވާގެ ޝަރީއަތުގެ މަޖިލިސް އޮންލައިންކޮށް ކުރިޔަށް ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ޝަމީމް ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ މިކަމާ މެދުގައި މިހާރު ގޮތެއް ނިންމާފައިވާ ކަމަށާއި އެކަން ނިންމީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ލަފާގެ މަތިން ކަމަށެވެ.
ގާޒީ އެހެން ވިދާޅުވުމުން ވެސް އެކަމާ މެދުގައި ނުރުހުން ފާޅުކުރައްވާ ޝަމީމް ވިދާޅުވީ މިއީ ޝަރީއަތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ދެން ވެސް އެކަމާ އިއުތިރާޒު ކުރައްވައި ޝަމީމް ވާހަކަ ދައްކަވަން ފެއްޓެވުމުން އަލީ ވަހީދު ވިދާޅުވީ ޝަމީމްއަކީ އެމްއެމްޕީއާރުސީ މައްސަލާގައި ކުރީގެ ނައިބު ރައީސް އަދީބުގެ ވަކީލު ކަމަށެވެ. އަދި، ޝަމީމު މަސައްކަތް ކުރައްވަނީ ގާޒީއަށް ބިރު ދައްކަން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ ޝަމީމަށް އުންސުރު ފެނިވަޑައިގަންނަވަނީ ވަކި މައްސަލަތަކެއްގައި އެކަނި ކަމަށެވެ. އެއް ގަޑިއިރަށްވުރެ ގިނައިރުވި އަޑުއެހުމުގައި ޝަމީމް ވަނީ އިސްގާޒީގެ ނިންމުން އިސްތިއުނާފުކުރަން ބޭނުންވާ ކަމާއި އެހެންވެ، އެ ނިންމުން ލިޔުމުން ދޭން އެދިވަޑައިގެންފަ އެވެ.
މި މައްސަލައިގެ އިތުރު އަޑު އެހުމެއް ޖުލައި 11 ވަނަ ދުވަހަށް ވަނީ ތާވަލުކުރެވިފަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އަލީ ވަހީދަށް ބޭސްފަރުވާއަށް ބޭރަށް ފުރުމުގެ ހުއްދަ ދިނީ ކްރިމިނަލް ކޯޓުންނެވެ. ރާއްޖެއިން ބޭރުގައި ހުންނެވުމަށް ދިން ހަތަރު މަހުގެ މުއްދަތު ހަމަވެފައިވާއިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެ އެވެ.
ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވޭ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ހުއްދަ ދިނުމުން ގިނަ ބަޔަކު ވަނީ އެއީ މިސަރުކާރުން ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިނުގަތް އަލީ ވަނީ އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފަ އެވެ.
އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ.