ވަޒީފާގެ ކުރިއެރުމާ ގުޅިގެން މުސާރައާއި އިނާޔަތް ދީފަައިވާ ޓީޗަރުންގެ މައުލޫމާތު ހިއްސާކުރުމަށް ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްއިން ސަރުކާރުގެ ހުރިހާ ސްކޫލުތަކަށް ފޮނުވި އެންގުމެއްގައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ ހަތަރު ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވަޒީފާގެ ކުރިއެރުންތައް ލިބިފައިވާ މުވައްޒަފުންގެ މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ. އެގޮތުން ދިވެހި ސިވިލް ސާވިސްގެ މަގާމުގެ އޮނިގަނޑު އެކުލަވާލެވިފައިވާ ގޮތުން މަތީ ރޭންކުގެ ޝަރުތު ހަމަވުމުން ދެވޭ ވަޒީފާގެ ރޭންކުގެ ކުރިއެރުން ލިބުނު މުވައްޒަފުންގެ މައުލޫމާތު ފޮނުއްވުމަށް އެދޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވަކި މުއްދަތެއްގައި އެ ރޭންކެއްގައި ހިދުމަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުން ވަކި އިންސައްތައަކަށް ވުރެ މަތިން މާކްސް ހޯދުމުން ދެވޭ މަގާމުގެ ގްރޭޑް ކުރިއެރުން ލިބުނު މުވައްޒަފުންގެ މައުލޫމާތު ވެސް އެ މިނިސްޓްރީއާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.

އެ ހުރިހާ މައުލޫމާތެއް އަންނަ ހޮނިހިރު ދުވަހުގެ 2:00 ގެ ކުރިން އެ މިނިސްޓްރީއަށް އީ-މެއިލްގައިވާ ގޫގަލް ފޯމް މެދުވެރިކޮށް ހިއްސާކޮށް ދިނުމަށް އެދޭ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސަރުކާރުގެ ސުކޫލުތަކަށް މިގޮތަށް އަންގަވާފައިވާއިރު، އަރަބި އަދި ގުރުއާން ކިޔަަވަައިދިނުމަށް އިންޑިއާ ޓީޗަރުން ގެންނަ މައްސަލާގައި މިނިސްޓްރީއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން އެ މިނިސްޓްރީން ބުނީ ބޭރު ޓީޗަރުން ގެނައީ ދިވެހި ޓީޗަރުން ނުލިބިގެން ކަމަށެވެ.