"ތިރީ އިޑިއަޓްސް" އަކީ ދިވެހިންގެ މެދުގައި ވެސް ގިނަ ބައެއްގެ ތަރުހީބެއް ލިބިގެން ދިޔަ ފިލްމެކެވެ.

"ތިރީ އިޑިއަޓްސް" ގައި ކުޅުނު ރޯލުގެ ސަބަބުން އެ ފިލްމުގައި ޖޯއި ލޯބޯގެ ރޯލުން ފެނިގެންދިޔަ ބޮލީވުޑް އެކްޓަރު އަލީ ފަޒަލް ޑިޕްރެޝަނަށް ދިޔަ ކަމަށް އޭނާ ބުނެފި އެވެ.

އޭނާ މިކަން ހާމަކޮށްފައި ވަނީ ޕީޕިންގް މޫންއަށް ދިން އިންޓަވިއުއެއްގަ އެވެ.

"ތިރީ އިޑިއަޓްސް" އަކީ ދިވެހިންގެ މެދުގައި ވެސް ގިނަ ބައެއްގެ ތަރުހީބެއް ލިބުނު ފިލްމެކެވެ.

2009 ވަނަ އަހަރު ނުކުތް "ތިރީ އިޑިއަޓްސް" އިން އަލީ ފަޒަލް ފެނިފައި ވަނީ އިންޖިނިއަރިން ކޮލެޖް ދަރިވަރެއްގެ ގޮތުގަ އެވެ.

އޭނާގެ ފައިނަލް އަހަރުގެ ޕުރޮޖެކްޓް ވަގުތަށް ނުނިންމުމުގެ ސަބަބުން ގްރެޖުއޭޓް ނުވެވުމުން އެކަމުގެ ހިތާމައިގައި އޭނާ ވަނީ މި ފިލްމުގައި ދަންޖެހި މަރުވެފަ އެވެ.

އަލީ ބުނެފައިވާ ގޮތުގައި ފިލްމު ރިލީޒްވުމަށްފަހު އެ ފިލްމު ބެލި ގިނަ އަދަދެއްގެ ކޮލެޖް ދަރިވަރުންތަކެއް އެމީހުންގެ އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ސަބަބުން އޭނާއަށް އެކަމުން އާންމުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވި އެވެ.

އިންޑިޔާގެ ނޫސްތަކުން ވެސް އޭނާއަށް ގުޅައި އޭނާ ކުޅުނު ރޯލްގެ ސަބަބުން އެ ގޮތަށް ކަންތައްތައް ވަމުންދާ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކުރި އެވެ. މިހެން މިކަންތައް ވުމުގެ ސަބަބުން އަލީ ފަޒަލް ޑިޕްރެޝަނާ ކުރިމަތިލާން ޖެހުނެވެ.