"މާލޭގެ މުސްތަގުބަލް އަޅުގަނޑު ބިނާ ކުރާނީ، އިންސާފުވެރިކަމާއި ހިތްވަރުގަދަކަމުގެ ނަމޫނާއެއް ކަމުގައިވާ އިނގިރޭސީންގެ ވެރިރަށް ލަންޑަނަށް ބާވަ އެވެ. މުއްސަނދިކަމާއި މިނިވަންކަމުގެ އަހުލުވެރި އެމެރިކާނުންގެ ނިއުޔޯކްގެ މައްޗަށް ބާވައެވެ؟ ކުޅިވަރުތަކާއި ހިތާވުންތަކަށް ލޯބިކުރާ ފަރަންސޭސީންގެ ވެރި ރަށް، ޕެރިހުގެ މައްޗަށްބާވަ އެވެ."
މަތީގައި އެވަނީ ދިވެހި ރާއްޖޭގެ ތަރައްގީ އާއި ތަހުޒީބަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވިކަމަށް ތާރީޚު އިލްމުވެރިން ހެކިވާ، ސުމުއްވުލް އަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު، ނުވަތަ މުހައްމަދު އަމީން ދީދީ އެމަނިކުފާނު ލޯބިފުޅުވާ އަމިއްލަ ވަޒަން ކަމަށްވާ މާލޭގެ މުސްތަގުބަލާ މެދު ޚީޔާލީ ސިފަކުރެއްވުމަކަށް ފައްޓަވަމުން ލިޔުއްވި ލިއުންކޮޅެކެވެ.
އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މުސްތަގުބަލުގައި މާލެ އޮންނާނެ ގޮތުގެ ތަސައްވުރަކަށް ޔޫރަޕްގެ ބޮޑެތި ސިޓީތައް ނަމޫނާއަކަށް ބެލުމަކީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. ސަބަބެއް ކަމަށް 3 މޭ 1962 ވަނަ އަހަރު ނިކުތް "އައްރަފީގް" މަޖައްލާގައި އެމަނިކުފާނު ލިޔުއްވި ލިޔުއްވުމުގައި ވިދާޅުވެފައި ވަނީ އެއީ 100 އަހަރުން ވެސް ދިވެހިރާއްޖެ ފަދަ ގައުމަކަށް ދެވޭނެ ހިސާބެއް ކަމަށް ނުފެންނާތީ އެވެ.
އަމީނުގެ ލިޔުއްވުމަށް 100 އަހަރު ވާން 42 އަހަރު ބާކީ އޮތް އިރު މިއަދުގެ މާލޭގެ އުސް އިމާރާތްތަކާއި ވިޔަފާރީގެ ހަލަބޮލިކަމާއި ބްރިޖްތަކާއި ހައިވޭތަކާއި އެންމެ ޒަމާނީ ވެހިކަލްތަކަށް ބަލާއިރު މާލެ މިސްރާބު ހިފާފައި ވަނީ އަމީނު ސިފަ ކުރައްވަން ބޭނުންފުޅުވެވަޑައި ވެސް ނުގަތް ޔޫރަޕްގެ ކެޕިޓަލްތަކާއި ދިމާޔަށް ބާވައޭ ވެސް ހިތަށް އަރަ އެވެ.
އުމްރާނީ ތަރައްގީގައި އަމީނުގެ ވިސްނުންފުޅަށް ވުރެ ވެސް ހަލުވިކޮށް މާލެ ކުރިއަރައިގެން ދާއިރު އެމަނިކުފާނު ދެކެވަޑައިގެންނެވި ޚިޔާލީ މާލެ ވާން ޖެހެނީ ތައުލީމީ ތަހުޒީބީ ބަޔަކު ދިރި އުޅޭ މާލެއަކަށެވެ.
"އަޅުގަނޑުގެ ޚިޔާލުގެ މުސްތަގުބަލުގެ މާލޭގައި ތައުލީމު އުނގެނުމަކީ ކޮންމެ ކުއްޖަކުގެ މައްޗަށް ގާނޫނުން ވާޖިބު ކޮށްފައިވާ ކަމެކެވެ." ތައުލީމު އުނގެނުމުގެ މުހިންމުކަން މުޅިމާލޭގެ އެންމެހާ މީސްތަކުންނަށް ވިސްނިފައި އޮންނާނޭ ކަމުގައި ލިއުއްވުމަށްފަހު ދެން އެމަނިކުފާނު ވިދާޅުވަނީ މާލޭގައި ތަފާތު ކޮލެޖްތައް ހުރެ، އެ ކޮލެޖްތަކުން އެކި ބާވަތްތަކުގެ އިލްމު އުނގެނުމުގެ ފުރުސަތު ހުރިހާ ކުދިންނަށް ވެސް އޮންނާނެ ކަމަށެވެ.
ތައުލީމީ ފުރުސަތުތަކާ މެދު އަމީނު އެ ދެކެވަޑައިގެންނެވި ހުވަފެންފުޅު ކިތަންމެހާ ވެސް ރީތިކޮށް މިހާރު ފުރިހަމަވެފައިވީ ކަމަށް ވިޔަސް ކިޔަވާ މާއްދާތަކާ ބެހޭ ގޮތުން އެމަނިކުފާނުގެ ޚިޔާލީ ތަސްވީރަށް އެހާ ރަނގަޅަކަށް ކުލަޖެހޭ ކަމަށް ނުދެންނެވޭނެ އެވެ.
އެމަނިކުފާނު ދެކެވަޑައިގެންނެވި ގޮތުގައި "ތައުލީމު ދޭ މަދަރުސާތަކުގައި އިނގިރޭސި ބަސް، އަރަބި ބަސް، އުރުދޫ ބަސް ފިސާރި ރަނގަޅަށް ދަސްކޮށް ދޭނެ އެވެ. ހިސާބު، ޖޯގްރަފީ، ތާރީޚު، އެލްޖެބްރާ، ޖިއޯމެޓްރީ ފަދަ އިލްމުތަކަށް އެކަށީގެންވާ ދަރަޖަ ލިބިފައި ވާނެ އެވެ." އެއީ އެމަނިކުފާނުގެ ނަޒަރުގައި ސްކޫލްތަކާއި ކޮލެޖްތަކުގައި އާންމުކޮށް ކިޔަވައި ދޭނެ މާއްދާތައް ކަމުގައި ވިޔަސް އެންމެ ޚާއްސަ ސަމާލުކަމެއް ދީގެން އެންމެން ވެސް ކިޔަވާނެ ކަމުގައި އެމަނިކުފާނަށް ގަބޫލު ކުރެވިފައި އޮތީ ދިވެހި ބަހާއި އިސްލާމް ދީނުގެ އިލްމެވެ. ދިވެހި ބަހާ ބެހޭ ގޮތުން އެމަނިކުފާނުގެ މަޒުމޫނުގައި ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައިވެ އެވެ. އެމަނިކުފާނުގެ ޚިޔާލުގެ މާލޭގެ ތަސައްވަރު ކުރައްސަވަމުން ލިޔުއްވި އެވެ. "
އެކަމަކު އިސްކޯލު ތަކުގައި، ކިޔަވައިދޭ ހުރިހާ މާއްދާ ތަކުގެ ތެރެއިން އެންމެ ފަޚުރުވެރި ދަރަޖަ ލިބިފައި ވާނީ ދިވެހި ބަހަށާއި ދިވެހި ތާރީޚަށާއި ދިވެހި ޖޯގްރަފީ އަށެވެ."
އަމީނު ދެކެވަޑާއިގެންނެވި ދިވެހި ބަހަށް އިސްކަމާއި ޝަރަފުދެވިފައިވާ މާލެއެއްގެ ބަދަލުގައި މިއަދުގެ މާލޭގައި ދިވެހި ބަހަށް އެހާ މުހިންމު ކަމެއް ދެވޭ ހެނެއް ހިޔެއް ނުވެ އެވެ. އެކަށީގެންވާ ވަރަކަށް އެ ބަސް ސްކޫލުތަކުގައި ކިޔަވައިދެވޭ ކަމަށް ވެސް ގަބޫލުކުރެވޭކަށް ނެތެވެ.
ދިވެހި ބަހާ އެއްފަދައިން މާތްވެގެންވާ އިސްލާމް ދީނުގެ އިލްމު ވެސް މާލޭގެ މަދަރުސާތަކުގައި ވަރަށް ގަދަޔަށް ކިޔަވައި ދެވޭނެކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ. ދީނާ ބެހޭގޮތުން އެމަނިކުފާނު ދެކެޥަޑައިގަންނަވާ ގޮތް ހާމަކުރައްވާފައި އޮތީ ވަރަށް ޖެހިލުން ކުޑަ ގޮތެއްގަ އެވެ. ދީނުގެ އިލްމު އުނގެނުމަކީ ކޮންމެ ދިވެހި ކުއްޖެއްގެ މައްޗަށް ވާޖިބުވެފައި އޮންނާނެ ކަމެއްކަމުގައި ވިދާޅުވަމުން ދެން ލިއުއްވީ އެ ދުވަސްވަރު މާލޭގެ އިލްމުވެރި ދަންނަ ބޭކަލުންނާ މެދު އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ނުތަނަވަސްކަން ހާމަވެގެންދާ އިބާރާތެކެވެ.
"އެ ދީނަކީ އަމިއްލަ އެދުންތަކާއި ޒާތީ ތައައްސަބުތަކުގެ މައްޗަށް ބިނާ ކޮށްގެން އަޒުހަރުގެ ބައެއް "ދަންނަ ބޭކަލުން"ނާއި ހިންދުސްތާނުގެ ކަޓު މުއްލާއިންތައް މިއުޅޭ އިސްލާމް ދީނެއް ނޫނެވެ."
އެމަނިކުފާނުގެ މި އިބާރާތުން ދޭހަ ވާގޮތުގައި އެޒަމާނުގައި ވެސް ދީނީ އިލްމުވެރިންގެ މެދުގައި މިއަދު ވެސް ހިނގަމުންމިދާ ފަދަ މައްސަލަތައް ހިނގަމުން ދިޔަކަން އެނގެ އެވެ. އަމިއްލަ އެދުމަށް ހުކުމް ނެރުމާއި ދީނުގެ ނަޒަރުގައި ކަޓުމުއްލާ ބައެއް ކަހަލަކަންތައް އޭރު މާލޭގެ މުޖުތަމައުގައި އޮތްކަން ހާމަވެ އެވެ. މިއީ މިއަދު ވެސް ދަންނަ ބޭކަލުންނާމެދު ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކެކެވެ.
ދިވެހި ބަހާ އިސްލާމް ދީނުގެ އިލްމު އުނގެނުމާމެދު ފާޅު ކުރެއްވި ޚިޔާލުފުޅު ފިޔަވައި އެމަނިކުފާނުގެ ޚިޔާލީ މާލޭގައި ކުރެއްސެވި މަންޒަރުގައި ކުލަޖެހެމުން ދަނީ ވަރަށް ވެސް ފުރިހަމަކޮށެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެ ހިއްސާ އޮންނާނެ ކަމާ މުނިފޫހިފިލުވުމާއި ކުޅިވަރުގެ މަރުކަޒުތައް ހުންނާނެ ކަމަށް އެމަނިކުފާގެ ސިފަކުރެއްވުން އެ ސިފަކުރެއްވި ވަރަށް ނުވަތަ އެއަށްވުރެ ވެސް ފުރިހަމައަށް ދަނީ ކުރިޔަށެވެ.
މާލޭގައި ދިރި އުޅޭ މީހުންގެ އަޚުލާގު ހުންނާނެ ގޮތާ މެދު ވެސް އެމަނިކުފާނު ގަލަން ހިންގެވި އެވެ. އެމަނިކުފާނުގެ ނަޒަރުގައި "އެކަކު އަނެކަކުގެ ދިރި އުޅުމަކާ ނުބެހޭނެ އެވެ. ގާނޫނީ ކުށެއް ނުކުރާހާ ހިނދަކު އެމީހަކަށް ފެންނަ ރަނގަޅު ގޮތުގެ މަތީން އުޅުމުގެ މިނިވަންކަން ކޮންމެ ދިވެއްސަކަށް އޮންނާނެ އެވެ."
މީގެ 59 އަހަރު ކުރިން އަމީނު ދެކެވަޑައި ގެންނެވި މާލޭގެ ހުވަފެނުގައި ކުލަޖެހެމުން އަންނަނީ އެ މަނިކުފާނު ހީފުޅުކުރެއްވި މިންވަރަށް ވުރެ ވެސް ބާރަށެވެ.
މިއަދުގެ މާލެއަކީ ހަރަކާތްތެރި ތަނެކެވެ. ތައުލީމާއި ސިއްހަތާއި އިޖުތިމާއީ ރޮނގުން މާލެ ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. ނަމަވެސް އެ މަނިކުފާނު އެންމެ ބޭނުންފުޅުވި ދިވެހި ބަހާއި ދިވެހި ތާރީޚާ ބެހޭ ތައުލީމު ދަރިވަރުންނަށް ދެވެމުންދާ ކަމަށް ދެންނެވޭކަށް ނެތެވެ. ހަމަ އެފަދައިން ދީނީ ތައުލީމު ވެސް އެމަނިކުފާނު ބޭނުންފުޅުވި ގޮތަށް ބައްޓަން ކުރެވިފައި ވާ ތަނެއް ނުފެނެ އެވެ. އެކަން އެހެން އޮތް ނަމަވެސް މާލޭގައި އަމީނުގެ ޚިޔާލީ ކުރެހުމަށް އަންނަނީ ކުލަޖެހި ފެވެމުންނެވެ.
ރައީސު އަމީނޫ ދީދީ ގެންނެވި ދިގު ރޯނު ހުރަހާއި ދިގަށް ދަމާލަ ދިން ރައްވެހި ތަރައްޤީ މާލެޔަކަށް ނާދޭ އެކަން މާލޭގެ ކޮޅުބެދިފައިވާ މަގުތަކުން ސާބިތުވޭ !
އަމީން ދީދީ އަކީ 100 އަހަރު އެއްފަހަރުވެސް މި ދިވެހި ކުޑަ މުޖުތަމައިން ނުފެންނާނެ ފަދަ ހިޔާލު ތަނަވަސް ނޭފަތު ކުރިޔަށާއި ރަަށުގެ ގޮނދު ދޮށާއި އަސްދަނި ބޭރަށް ދުރަށް ނަޒަރު ހިންގަވާ ބޭކަލެކެވެ. ލިޔުމުން އެންމެ އަޅައިގަތީ މި އުޅޭ ސަލަފިއްޔާ ރަމުޒުކޮށްދީފައިވާ ގޮތެވެ.