ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަަލާ އާ ގުޅިގެން މަޖިލީހުގައި ކުރިއަށް ގެންދާ އިންކުއަރީއަށް ރައީސް ނަޝީދަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމު ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

މަޖިލީހުގެ 241 ކޮމެޓީއަށް މިއަދު ހާޒިރުކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް އާއި އެ ހޮސްޕިޓަލްގެ ސީނިއާ ދެ ޑޮކްޓަރުން ކަމަށްވާ ޑރ. އަބްދުﷲ ނިޔާފް އާއި ޑރ. އަހުމަދު ނިޝާނެވެ. އެއީ ރައީސް ނަޝީދަށް ފަަރުވާ ދެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެން ބޭފުޅުންނެވެ.

މިބޭފުޅުން ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު މީގެ ކުރިން ފުލުހުންނާއި ސިފައިން ވަނީ މިއިންކުއަރީ ކުރިއަށްގެންދާ 241 ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

މަޖިލީހުގެ ކޮމެޓީއަކުން ކުރިއަށްގެންދާ އެންމެ ބޮޑު އިންކުއަރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވެސް ވަނީ ހާޒިރުކޮށްފަ އެވެ. އަދި ފުލުހުންގެ އިސްވެރިންނާއި ސިފައިންގެ އިސްވެރިންވެސް އެކޮމެޓީއަށް ހާޒިރުކޮށްފައިވާއިރު އެހެނިއެހެން އިދާރާތަކުގެ ވެރިންވެސް އެކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ފަރުވާ ހޯދާފައިވާނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. ނަޝީދަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމުން އޭރު ބުނެފައިވަނީ އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރެވުނީ ހަމަ ކިރިޔާ ކަމަށެވެ.

އޭޑީކޭއިން ކުރި ކާމިޔާބު ފަރުވާތަަކަށް ފަހު ރައީސް ނަަޝީދު މިހާރު ހުންނެވީ ޖަރުމަންވިލާތުގައެވެ. ބޭރަށް ފެންނަން ހުރި ފާރުތަކުން ފައިގައި ހުރި ފާރުގަނޑެއް ނޫން އެހެން ފާރުތައް ވަނީ ފަސޭހަވުމާއި ގާތުގައެވެ. ނަމަވެސް އެމަނިކުފާނުގެ ވައަތުގެ އޮޅަނބޮށީގެ ހަރަކާތުގެ 50 ޕަސެންޓް ވަނީ ހުއްޓިފަ އެވެ. އަދި ކަނާއަތުގެ ތިން އިނގިއްޔެއްގެ ހަރަކާތް ވަރަށް ކުޑަ އެވެ.