ކޮވިޑް ހާލަތާއި ގުޅިގެން ކެފޭ އަދި ރެސްޓޯރެންޓްތަކާއި ދިމާވެފައިވާ ދަތިތަކާއި ގުޅިގެން ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ސުލްހަވެރި އިހުތިޖާޖެއް ކުރުމަށް ނިންމައިފި އެވެ.

ރޭމް އިން ބުނީ "ކާންދޭ އަތުގައި ދަތް ނާޅާ"ގެ ނަމުގައި މާދަމާ ކާނިވާ ސަރަހައްދުގައި ސުލްހަވެރި އިހުތިޖާޖެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިހަރަކާތުގައި މިސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް ރޭމް އިން ވަނީ ދައުވަތު ފޮނުއްވާފަ އެވެ.

މި ސުލްހަވެރި އަޑުއުފުލުން ބާއްވަނީ ރެސްޓޯރެންޓު ހިންގުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުމާއި އާދޭސްތައް ސަރުކާރުގެ ހުރިހާ މުވައްސަސާތަކެއްގައި ދަންނަވައިގެން ވެސް އެ ކަންބޮޑުވުންތަކަށް އެކަށީގެންވާ އެހީތެރިކަމާ އިޖާބައެއް ދީފައި ނުވާތީ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

ކޮވިޑާއި ގުޅިގެން ކެފޭ އަދި ރެސްޓޯރެންޓް ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނާތީ މީގެ ކުރިންވެސް އެޖަމިއްޔާއިން އިސްނަގައިގެން ވަނީ އިހުތިޖާޖެއް ކޮށްފަ އެވެ.

ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ހިއްސާކޮށްފަ އެވެ.

މިވަގުތު އަޅާފައިވާ ފިޔަވަޅުތަކާއެކު ކެފޭ ރެސްޓޯރެންޓުތަކުން ހަމައެކަނި ފޯރުކޮށްދެވެނީ ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެވެ. ހެނދުނު އަށަކުން ހަވީރު ހަޔަކަށް ޓޭކްއަވޭގެ ހިދުމަތް ދެވޭއިރު ހަޔަކުން ފެށިގެން ރޭގަނޑު 12 އަށް ދެވެނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތެވެ.

މީގެ ކުރިންވެސް ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ކެފޭ ރެސްޓޯރެންޓުތަކުގައި ޑައިން އިން މަނާކުރުން ހިމެނެ އެވެ.