ފުވައްމުލަކު ދެ ސްކޫލެއްގައި އިތުރު އިމާރާތް އަޅަން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ ރަށު ދެ ސްކޫލުގައި އިތުރު އިމާރާތް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރީ އިނޯކާ ޕްރައިވެޓް ލިމިޓެޑްއާ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަދި އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝަމީމެވެ.

މިއެއްބަސްވުމުގެ ދަށުން ފުވައްމުލަކުގެ މުހައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސްރޫމް އަދި ކޮމްޕިއުޓަރު ލެބްގެ އިމާރާތުގެ މަސައްކަތާއި ފުވައްމުލަކު ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެގޮތުން ޖަމާލުއްދީން ސްކޫލްގައި 16 ކްލާސްރޫމް އަދި ކޮމްޕިއުޓަރ ލެބް އިމާރާތުގެ މަސައްކަތަށް 12 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި އެ މިނިސްޓްރީން ބުނީ ފުވައްމުލަކު ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތަށް 8 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިފައިވާ ކަމަށެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް އަންނަ އަހަރުގެ ޖޫން މަހު މުޅިން ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރެ އެވެ.