އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގެ މައްސަލަ ހޫނުވެފައި ވަނިކޮށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެ ޓުވީޓުތަކުގެ ހަގީގީ މަގުސަދު ބަޔާންކޮށްދީ އެކަމަށް މައާފަށް އެދިވަޑައިގެންފި އެވެ.

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރު ކަން ވެސް ކުރައްވާ ޑރ. އިޔާޒް މައާފަށް އެދިވަޑައިގަތްއިރު، އެމްއެންޔޫ އިން ވެސް ދިޔައީ އޭނާގެ މައްސަލަ ބަލަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީއަށްވެސް އެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

ޑރ. އިޔާޒް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، އަންހެނުން ހިތާނު ކުރުމާ ގުޅުވައި ކުރެއްވެވި ޓްވިޓަކާ ގުޅިގެން ގިނަ ބަޔަކުނަފުރަތު އުފައްދަމުން ގެންދާ ކަމަށާއި އަންހެނުން ހިތާނު ކުރުމަކީ އެއްވެސް އިރެއްގައި އޭނާ ވަކާލާތުކުރެއްވި އަދި ވަކާލާތުކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

އަންހެނުން ހިތާނު ކުރުމުގެ މައްސަލައިގައި އޭނާ ޓުވީޓު ކުރެއްވީ އެ ކަމަކީ އިސްލާމީ ޝަރީއަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އިސްލާމީ އިލްމަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން، އިލްމީ އަމާނާތަށް ރައްކާތެރިވުމުގެ ގޮތުން އިސްލާމްދީނުގައި އެކަމުގެ އަސްލެއް އޮތް ކަމަކީ ދެކޮޅު ނުހެދޭނެ މިންވަރަށް ހުއްޖަތް ހުރި މައްސަލައަކަށް ވާތީ އެކަން ބަޔާންކޮށްދިނުމަށް ކަމަށް ޑރ. އިޔާޒް ވިދާޅުވި އެވެ.

"އަންހެނުން ހިތާނުކުރުމުގެ މައްސަލައަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ހިލާފުއޮތް ފަރުއީ މައްސަލައެކެވެ. އަދި ފަހުގެ ބައެއް އިލްމުވެރިން ހަރާމް ކަމެއްކަމުގައި ވެސް ވިދާޅުވެއެވެ. ނަމަވެސް ހިލާފުއޮތް މައްސަލައެއްގައި އޮތީ އެންމެ ރައުޔެއްކަމުގައި ބަލައި، ދެންހުރި ހުރިހައި ރައުޔަކީ ނެތް ރައުޔުތަކެއްކަމުގައި ހެދުމީ އިލްމީ އަމާނާތްތެރިގޮތެއް ނޫނެވެ. އަންހެނުން ހިތާނުކުރުމުގެ މައްސަލަ އަކީ އިސްލާމް ދީނުގައި އޮތް ކަމެއްކަން ހަތަރު މަޒްހަބުގެ އިމާމުން އިއްތިފާގުވެ ވަޑައިގަންނަވައެވެ. އަދި ވަކިން ހާއްސަކޮށް ޝާފިއީ މަޒުހަބާއި ހަންބަލީ މަޒުހަބުގައި މިއީ ވާޖިބު ދަރަޖައަށް ދާ މައްސަލައެކެވެ. އަދި މާލިކީ މަޒުހަބުގައި މިއީ ސުންނަތެކެވެ. އަޅުގަނޑު ބަޔާންކޮށްދޭން ބޭނުންވި ނުކުތާއަކީ، މި ދަރަޖައަށް އިސްލާމީ ބޮޑެތި އިލްމުވެރިން ވާހަކަދައްކަވާފައިވާ މައްސަލައަކީ އިސްލާމް ދީނުގައި އަސްލެއް ނެތް ކަމެއް ކަމުގައި ބުނުމަކީ އިލްމީގޮތުން ސައްހަ ބުނުމަކަށް ވާނެކަމެވެ." ޑރ. އިޔާޒް ވިދާޅުވިއެވެ.

ބައެއް ގައުމުތަކުގައި އަންހެނުން ހިތާނު ކުރުމުގެ ނަމުގައި އަންހެނުންނަށް ލާއިންސާނީ އަނިޔާތައްދޭކަން ފާހަގަކުރައްވައި ޑރ. އިޔާޒް ވިދާޅުވީ އަނެހެނުނަށް ދޭ އަނިޔާއަކީ ކަނޑައެޅިގެން ހަރާމް އަދި އިސްލާމީ އެއްވެސް އަސްލެއް އޮތް ކަމެއް ނޫން ކަމަށެވެ.