ކޮވިޑާ ގުޅިގެން އެހީގެ ގޮތުގައި އެކި ފަރާތްތަކުން މިހާތަނަށް 520 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ލޮޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ "ކޯވިޑް-19ގެ ޙާލަތާއި ލޯންގެ ގޮތުގައާއި ކޮންސެޝަނަލް އެހީގެ ގޮތުގައި އަދި އެހެން ގޮތްގޮތުން އަޅުގަނޑުމެންނަށް 520 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ވާހަކަ ދަންނަވަން" ކަމަށެވެ. އޭގެ ތަފުސީލެއް މިނިސްޓަރު އަމީރު ނުދެއްވަ އެވެ.
"ކޯވިޑް-19ގެ ޙާލަތާއި ލޯންގެ ގޮތުގައާއި ކޮންސެޝަނަލް އެހީގެ ގޮތުގައި އަދި އެހެން ގޮތްގޮތުން އަޅުގަނޑުމެންނަށް 520 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ވާހަކަ ދަންނަވަން" އިބްރާހީމް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓުގެ އަންދާޒާތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ހިލޭ އެހީ އާއި ލޯންގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި ކަމަށެވެ. ނަމަވެސް މިހާރު ލިބޭނެކަމަށް އަންދާޒާކުރަނީ 14 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވި އެވެ. އެއީ 15 ބިލިއަން ރުފިޔާގެ ދަށްވުމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކޮވިޑާ ގުޅިގެން މިހާތަނަށް ރާއްޖެއަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާ ސަރުކާރުންނެވެ. އިންޑިއާއިން ވަނީ ދިހަ އަހަރުން އަނބުރާ ދައްކާ ގޮތަށް 250 މިލިއަން ޑޮލަރު ބޮންޑެއް ވިއްކައިފަ އެވެ. މީގެ އިތުރުން އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވެ އެވެ. އެ ލޯނުގެ 50 ޕަސެންޓަކީ ހިލޭ އެހީ އެވެ. މީގެ އިތުރުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 22.6 މިލިއަން ޑޮލަރުގެ ލޯނަކާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ން 20 މިލިއަން ޑޮލަރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 28.9 މިލިއަން ޑޮލަރު އިންޓަރެސްޓް ފްރީ ލޯނެއް އަދި ޖައިކާ 47.5 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ދީފައިވެ އެވެ.
މީގެ ތެރެއިން ޖަޕާނުން ދިން ލޯނަކީ ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 15 އަހަރުން ދައްކާ ގޮތަށް، 0.01 ޕަސެންޓް އިންޓްރެސްޓް ރޭޓްގަ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދިމާވި ހީނަރުކަމުން އަރައިގަތުން ސަރުކާރުން ދަނީ ބައިނަލްއަގުވާމީ މާލީ އެހީދޭ ޖަމާއަތްތަކާއި ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުންނެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑާ ގުޅިގެން މިހާތަނަށް 2.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.