މާފަންނުއާގޭގެ ބިމުން ދައުލަތަށް ކުރިން ނަގާފައި އޮތް ބައެއް އެގޭގެ ވެރި ފަރާތަށް އަނބުރާ ދިނުމަށްފަހު އެގެއިން އެހެން ބައެއް ދައުލަތަށް ނަގައިފި އެވެ.
އޯކިޑްމަގާއި ފަރީދީމަގަށް ވާ ގޮތަށް ފާތިމަތު ފަރީދުގެ ނަމުގައި އޮތް އެ ބިމުގެ އާބުރުހިނގުން (ޔުނިވާސަލް ގޯޅި) އާ ވީ ފަރާތުން 2،577 އަކަފޫޓްގެ ބިމެއް ދައުލަތަށް 2018 ވަނަ އަހަރު ނެގީ އެ މަގު ފުޅާ ކުރުމުގެ ގޮތުންނެވެ. އެ ބައި ދައުލަތަށް ނެގީ އޯކިޑްމަގާ ވީ ފަރާތުން މާފަންނުއާގޭގެ ބިމުން ކުރިން ދައުލަތަށް ނަގާފައި އޮތް 3،100 އަކަފޫޓްގެ ބިމުން ފާތިމަތު ފަރީދަށް އަލުން ދިނުމަށް ފަހު އެވެ.
އެހެން ނަމަވެސް ދައުލަތުން މިހާރު ވަނީ ސިވިލް ކޯޓު މެދުވެރިކޮށް އެ ދެ ބިން އަނެއްކާވެސް ބަދަލުކޮށްފަ އެވެ. އެގޮތުން އޯކިޑްމަގާ ވީ ފަޅީގެ 3،100 އަކަފޫޓްގެ ބިން ދައުލަތަށް މިލްކުވާ ގޮތަށް ނިންމުމަށް ފަހު އޭގެ ބަދަލެއްގެ ގޮތުން 2،577 ބިން ފާތިމަތު ފަރީދަށް އަލުން މިލްކުވާ ކަމަށް މިދިޔަ މަހުގެ މެދު ތެރޭގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ކުރިން 22،000 އަކަފޫޓްގެ ބިމެއް ކަމަށްވާ މާފަންނުއާގޭގެ ބިމުން 12،000 އަކަފޫޓްގެ ބައެއް އޭގެކުރިން ވެސް ދައުލަތަށް އޮތީ ނަގައިފަ އެވެ. ސުޕްރީމް ކޯޓު ކުރިމަތީގައި އޮތް ޕާކިން ޒޯނަކީ އޭރު އެ ބިން ދައުލަތަށް ނެގުމަށް ފަހު ދަންޑަހެލުގެ ކިޔާ ބިމެއްގެ ގޮތުގައި އެތަން ރަޖިސްޓްރީ ކުރުމަށް ފަހު ހެދި ޒޯނެކެވެ.