ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ "ވެށިފަހި" ޕްރޮގުރާމުގެ ދަށުން މާލެއިން ބިމުގެ ވެރިން ދޫކޮށްލާފައިވާ ބިންތައް ވިއްކުމުގެ އުސޫލެއް ހައުސިން މިނިސްޓްރީން އެކުލަވާލައިފި އެވެ.

ހައުސިން މިނިސްޓްރީއިން "ވެށިފަހި" ޕްރޮގުރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލެއް ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުގައި ބުނެފައިވަނީ ބިންތައް ވިއްކުމަށްޓަކައި 3 މެންބަރުނާއި 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް "ވެށިފަހި ކޮމެޓީ" ނަމުގައި އުފައްދާނެ ކަމަށެވެ.

"ވެށިފަހި" ޕްރޮގުރާމް ދަށުން ދޫކޮށްފައިވާ ބިންތައް ވިއްކުމުގެ މަސައްކަތް ކުރިއަށްދާނީ މިކޮމެޓީގެ ބެލުމުގެ ދަށުން ކަމަށާއި ވިއްކާ ބިންތައް ކަނޑައެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މިކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް އެއުސޫލުގައި ބުނެފައިވެ އެވެ.

އަދި ބިންތައް ވިއްކުމާ ގުޅޭ އިދާރީ ކަންކަން ވިލަރެސްކުރުމާއެކު ބިން ގަންނަން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތްވެސް ކަނޑައަޅާނީ މި ކޮމިޓީން ކަމަށް އެއުސޫލުގައި ވަނީ ބުނެފަ އެވެ.

މި އުސޫލުގެ ދަށުން ބިމެއް ވިއްކުމަށް ކުރާ އިއުލާނުގައި އެ ބިމާ ގުޅޭ މައުލޫމާތާއި ބިމުގެ އަގާއި، ބިން ގަތުމަށް އެދި ހުށަހަޅަންޖެހޭ ފޯމާއެކު ހުށަހަޅުން ލާޒިމު ލިޔުންތަކާއި ބިން ގަންނަ ފަރާތުގެ ކިބާގައި ފުރިހަމަވުން ލާޒިމު ޝަރުޠުތައް ބަޔާންކުރާނެ އެވެ.

އެއުސޫލުގައި އިތުރަށް ބުނެފައިވަނީ ބިން ގަތުމަށް ހުށަހަޅާ ފަރާތރްތަކުގެ ތެރެއިން ބިން ގަތުމަށް ހޮވޭ ފަރާތަށް ނުވަތަ ފަރާތްތަކަށް ބިމާ ބެހޭ ޤާނޫނުގައި ބުނާ ގޮތުގެ މަތިން ޝަރުޢީ ކޯޓެއް މެދުވެރިކޮށް ބިން ގަނެވިއްކުމުގެ މުއާމަލާތް ފުރިހަމަކޮށް މާލެ ސިޓީ ކައުންސިލަށް ހުށަހެޅުމުން އެ ކައުންސިލުން ބިން އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީކޮށްދޭން ޖެހޭނެ ކަމަށެވެ.

ބިން ވިއްކުމުގައި އިސްކަންދޭނީ ވިއްކުމަށް އިއުލާނުކުރި ބިމާ އިންވެގެން އޮންނަ ބިމުގެ ބެހެނިވެރިންނަށް ނުވަތަ ބެހެނިވެރިޔާއަށާއި، އެ ވިއްކާ ބިން ހިމެނޭ ގޯތީގައި އޮތް އެހެން ބިމެއްގައި ތިބި އެ ނޫން ބެހެނިވެރިންނަށާއި، އެ ގޯއްޗާ އިންވެގެން ހުންނަ ބިންތަކުގެ ވެރިންނަށެވެ.

އިސްކަންދޭ ފަރާތްތައް އެއްވަރުވާ ހާލަތުގައި ބިން ވިއްކާނެ ފަރާތެއް ކަނޑައެޅުމުގައި އެންމެ ޙައްޤުވެރި ފަރާތް ކަނޑައަޅާނީ އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަކިން ވަޒަންކުރުމަށް ފަހުގައި ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

އަދި އޭގެ އިތުރަށް ބިން ގަތުމަށް ހުޅުވައިލުމުން އެކަމަށް އެއްވެސް ފަރާތަކުން ކުރިމަތިނުލާ ހާލަތުގައި ބީލަމުގެ އުސޫލުން ބިން ގަތުމަށް ހުޅުވައިލެވޭނެއެވެ. އެ ހާލަތުގައި ބިން ވިއްކާނެ އެންމެ ކުޑަ އަގު ސަރުކާރުން އިއުލާނުކުރަން ޖެހެ އެވެ.