ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅި ނަފްރަތު ބިލުގައި އަގީދާއާ ގުޅުވައިގެން އާންމު ތަނެއްގައި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ހުށަހެޅި އިސްލާހު އެބިލުން އުނިކޮށްފި އެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލްގައި ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް ގެނައުމަށް އޮތީ ހުށަހަޅާފަ އެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅުއްވާފަ އެވެ.

އިއްޔެ ބޭއްވި ޖުޑިޝަރީ ކެމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ކަނޑައެޅި މާއްދާ އުނިކުރަން ހުށަހަޅާފަ އެވެ. އެގޮތުން އެ މާއްދާ އުނިކުރަން އިސްލާމިކް މިނިސްޓްރީން ވެސް އެދިފައިވާ ކަމަށް އިންތި ވިދާޅުވި އެވެ.

ކޮމިޓީން ފާސްކުރީ ވަކި މައްސަލައަކާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާ ކަން އެނގެން އޮއްވާ އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހެދުމަށެވެ.

އިންތިގެ އެ ހުށަހެޅުންތައް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފާސްކުރީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.