އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީފީއޭ) ހިންގުމަށް ބޭނުންވާ ވަރުގެ ބަޖެޓެއް ނުބިލޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ޝައުނާ އެގޮތަށް ވިދާޅުވީ، މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީޕީއޭއާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.އެ ބައްދަލަވުމުގައި ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ ރާއްޖޭގައި ހިންގަ ބައެއް މަޝްރޫއު ތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް މިނިސްޓްރީން އެދެވޭ ވަރަށް މޮނިޓާ ކުރަމުން ނުދާ ކަމަށެވެ. ފިރުޝާންގެ ވާހަކަތަކާ ގުޅިގެން ޝައުނާ ވިދާޅުވީ، އީޕީއޭގެ ކެޕޭސިޓީ ވަރުގަދަކޮށް، މަޝްރޫއުތައް މޮނިޓާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެ މުއައްސަސާގެ މަސައްކަތްތައް ކުރުމަށް އެކަށީގެންޗާ ބަޖެޓެއް ނުލިބޭ ކަމަށެވެ. ލިބޭ ބަޖެޓުން ހަމައެކަނި ކުރެވޭ ކަމަކީ މުވައްޒަފުންގެ މުސާރަ ދިނުމާއި ބައެއް އިދާރީ މަސައްކަތައް ކަމަށް ޝައުނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި މެންބަރުން ވަނީ އީޕީއޭ މިނިވަންކުރުމާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. އެކަމާ ގުޅިގެން ޝައުނާ ވިދާޅުވީ، އީޕީއޭ މިނިވަން ކަމާއެކު މަސައްކަތް ކުރާ އިދާރާ އަކަށް ހެދުމުގެ ކުރިން އެ އިދާރާގެ ގާބިލްކަން އިތުރުކޮށް އަމިއްލަ މަސައްކަތް ކުރެވޭނެ ތަނެއްގެ ގޮތުގައި އީޕީއޭ ތަރައްގީ ކުރަންޖެހޭނެ ކަމަށެވެ.

ފެންބޮޑުވުމާއި ރަށް ގިރުމުގެ މައްސަލަ އަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ފްލޭނިން މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން ކަމާ ގުޅޭ ދިރާސާއެއް ކުރިއަށް ގެންދާ ކަމަށެވެ. އެ ދިރާސާގައި ރަށްތައް ގިރާ ގޮތާއި އެކަން ހައްލު ކުރާނޭ ގޮތާއި ފެން ބޮޑުވުމުގެ މައްސަލައާއި ގުޅޭ މައުލޫމާތުތައް ހޯދައި ހިމަނާނެ ކަމަށެވެ.