ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ "ފިޔަވަތި"ގައި 8 ކުދިންނާއި ފަސް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) ން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފިޔަވަތީގެ މުވައްޒަފަކު ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އެ މުވައްޒަފު ޕޮޒިޓިވްވުމުން އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ދެނެގަނެ، އެ މީހުންގެ ތެރެއިން ބައެއް މީހުންގެ ސާމްޕަލް ނެގި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުންގެ ތެރެއިން 54 ކޮންޓެކްޓެއް ދެނެގަނެވި ވަނީ ކަރަންޓީން ކުރެވިފައި. އަދި 19 ސާމްޕަލްއެއް ވަނީ ނެގިފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނުން ސާމްޕަލް ނެގި މީހުންގެ ތެރެއިން އެއް ކެއާޓޭކަރަކާއި އެއް ކުއްޖެއް ޕޮޒިޓިވްވި ކަމަށެވެ. އަދި މިދިޔަ ހޯމަ ދުވަހު ރެންޑޮމް ސާމްޕަލް ނެގުމުން އިތުރު ހަތް ކުއްޖަކާއި ތިން ކެއާޓޭކާއެއް ޕޮޒިޓިވްކަން އެނގުނު ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި މިއަދު އިތުރު އެކަކު ޕޮޒިޓިވްކަން އެނގުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފިޔަވަތިން ކުދިންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި މިހާރު އެތަނުގެ ހާލަތު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.