ބޮލީވުޑް މަޝްހޫރު ފިލްމީތަރި ލިީސާ ހޭޑަން ވަނީ އޭނާ ތިންވަނަ ކުއްޖަކަށް މަރުހަބާ ކިޔާފައިވާކަން ވަރަށް އާދަޔާ ހިލާފު ގޮތަކަށް އިއުލާންކޮށްފި އެވެ. މިފަހަރު ލީސާ އަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ.

ދާދި ފަހުން ލީސާއާ އޭނާގެ ސަޕޯޓަރެއްކުރި ސުވާލެއްގައި "ލީސާގެ ތިންވަނަ ދަރިފުޅު ކޮބައިތޯ" އެވެ. އެ ސުވާލުގެ ޖަވާބުގައި ލީސާ ބުނެފައިވަނީ "ދަރިފުޅު މިއޮތީ އަތުގައި" ކަމަށެވެ.

2016 ވަނަ އަހަރު ޑިނޯ ލާލްވާނީއާ ކައިވެނި ކޮށްފައިވަނީ ބީޗް ތީމްއަކަށް ބޭއްވި ހަފްލާއެއްގަ އެވެ. 2017 ވަނަ އަހަރު ފުރަތަމަ ފިރިހެން ދަރިފުޅު ޒެކް ލިބުނުއިރު 2021 ވަނަ އަހަރު ދެވަނަ ފިރިހެން ދަރިފުޅު ލިއޯ ލިބުނެވެ. މިއަހަރު ފެބުރުއަރީ 8 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ދަރިފުޅު ޒެކްއާއެކު ފެނިގެންދިޔަ ވީޑިއޯއެއް ޝެއާކުރުމަށްފަހު އޭނާ ތިންވަނަ ކުއްޖަކަށް ބަލިވެއިންކަން ވަނީ އިއުލާން ކޮށްފަ އެވެ.

ޖޫން 22 ވަނަ ދުވަަހު ލީސާ ވަނީ އޭނާއަށް ލިބެން އުޅެނީ އަންހެން ކުއްޖެއްކަން ހާމަކޮށްފަ އެވެ. އަދި ލީސާ ބުނެފައި ވަނީ އަންނަ އަހަރުގެ މަންމައިގެން ދުވަސް އޭނާ ފާހަގަ ކުރާނީ އޭނާގެ އަންހެން ދަރިފުޅާއެކު ކަމަށެވެ.

ލީސާއަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކުން މަޖާބައިތަކުން ފެނިފައިވާ ބަތަލާއެކެވެ. ލީސާ ބޮލީވުޑަށް ތައާރަފްވެފައި ވަނީ 2010 ވަނަ އަހަރުގެ ލޯބީގެ ކޮމެޑީ މަޖާ ފިލްމެއް ކަމަށްވާ "އައިޝާ"އިންނެވެ.