ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ރަނގަޅަށް ތަހުގީގް ކުރިއަށް ގެންދެވޭނީ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މަގާމުން ދުރުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަށް މިދިޔަ މޭ މަހު ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގަން ބޭނުންވާނަމަ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިމްރާން އަބްދުﷲ މަގާމުން ދުކުރުކުރަން ޖެހޭ ކަމަށެވެ. ރައީސް ނަޝީދަށް ދިން ހަމަލާއަކީ މުޅި ރާއްޖޭގެ ސަލާމަތާއި ގުޅިފައިވާ ހަމަލާއެއް ކަމަށާއި އެހަމަލާ ރަނގަޅަށް ތަހުގީގް ކުރެވެން ޖެހޭ ކަމަށް ބޮންޑެ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން ވަކި ކުރަން ސަރުކާރުގައި "މެއި ހައެއް ކޮމެޓީ" އެދެން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މެއި ހައެއް ކޮމެޓީ" އަކީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ ތަހުގީގް ކައިރިން ބެލުމަށްޓަކައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮންގެން އުފައްދާފައިވާ ކޮމެޓީއެކެވެ.

މީގެ އިތުރުން ބޮންޑެ ވިދާޅުވީ މިނިސްޓަރު އިމްރާން އަކީ އަބަދުވެސް ރައީސް ނަޝީދާ ޒާތީ ކަމެއް އޮތް ބޭފުޅެކެވެ. އަދި މިމައްސަލާގައި ވަކި އެއްޗެއް މިނިސްޓަރު އިމްރާން ހާމަނުކުރާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ވަކި ބަޔަކު ދިފާއުގައި މިނިސްޓަރު އިމްރާން ޓްވީޓް ކުރައްވާތީވެސް ބޮންޑެ ނުރުހުން ފާޅުކުރެއްވި އެވެ.

ބޮންޑެ އެ އިޝާރާތް ކުރައްވަނީ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެ މަގާމުން ވަކި ކުރުމަށް ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ވިދާޅުވެ އިމްރާން ޓްވީޓްތަކެއް ކުރައްވާ ރޭ ދެއްކެވި ވާހަކަފުޅަށެވެ.