ދުނިޔޭގެ ޙަޔާތުގައި އަބަދުމެ އެދެވޭ، އެހެނަސް ހޯދަން އެންމެ އުނދަގޫ ކަމަކަށް ވެފައި އޮންނަނީ ޢަދުލު އިންސާފެވެ. ޢަދުލު އިންސާފު ހޯދުމަށް އެދޭ ކޮންމެ މީހަކު އެންމެ ފުރަތަމަ އޭނާގެ އަމިއްލަ ނަފުސަށް ޢަދުލުވެރި ވާންޖެހެއެވެ. ޢަދުލުވެރިކަމަކީ އިސްލާމީ ރިވެތި ޞިފައެކެވެ. އެ ޞިފައިން ޒީނަތްތެރި ވެއްޖެ މީހާއަށް ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބޭ ހުއްޓެވެ.
ޢަދުލުވެރިކަން ގެއްލިއްޖެ ކޮންމެ ތަނަކުން އަމާންކަން ގެއްލިދެއެވެ. ހަމަނުޖެހުމާއި ތަޅާފޮޅުން އިތުރުވެއެވެ. އެހެންވަނީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމިއްލަ ޙައްޤުތަކާމެދު މާބޮޑަށް ދަހިވެތިވެވި އަނެކާއާމެދު އިހުމާލު ވެވޭތީއެވެ. ވަކިން ޚާއްޞަ ގޮތެއްގައި ތިމާ އާއި ޢަދާވާތްތެރިކަމެއް އޮންނަ މީހުންނާމެދު މި ގޮތަށް ކަންތައް ކުރެވޭ ފަހަރު ވަރަށް ގިނައެވެ. މިފަދައިން ކަންތައް ނުކުރުމަށް ﷲ تبارك و تعالى ވަނީ މުސްލިމުންނަށް އަމުރު ކުރައްވާފައެވެ. ވަހީކުރައްވަނީ ﴿يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ﴾ (سورة المائدة: ٨) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهއަށް ޓަކައި އެކަލާނގެ حقތައް ފުރިހަމަޔަށް قائم ކުރާ، އަދި عدلއަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدلވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައި މީހުން عدلވެރި ވާށެވެ! އެގޮތް تقوىވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރި ވާށެވެ! ހަމަކަށަވަރުން، اللَّهއީ، ތިޔަބައިމީހުންކުރާ عملތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ދެ މީހަކު ކަމަކާ ދެބަސްވެ، ޚިޔާލު ތަފާތުވެ އެ މީހުންގެ މެދުގައި ފައިސަލާ ކޮށްދިނުމަށް އެދި ތިބާގެ ގާތަށް އަތުވެއްޖެނަމަ، އެ ދެ މީހުންގެ ދެމެދުގައި ޢަދުލުވެރިކަމާ އެކު ފައިސަލާ ކުރަންވާނެއެވެ. ޢަދުލުވެރި ނުވެވޭނަމަ އެކަމަށް ބަހެއް ނުކިޔާ ހަނުހުރުން މާ ބުއްދިވެރިއެވެ. އެއީ ތިމާގެ އަމިއްލަ ނަފުސަށް ޢަދުލުވެރިވުމަށް ޓަކައެވެ. ފަހަރެއްގައި އެ ދެ މީހުންގެ މައްސަލަ ރަނގަޅަށް ނޭނގުމުގެ ސަބަބުން، ނުވަތަ އެ ދެ މީހުންގެ ތެރެއިން އެކަކީ ތިމާ ރުޅިއަރާ މީހަކަށް ވާތީ، ނުވަތަ އެތަނުގައި ތިބާ ބިރުގަންނަ މީހަކު ހުރީތީ، ނުވަތަ ތިމާ މާ ގަޔާވާ މީހަކު އެ ދެ މީހުންގެ ތެރޭގައި ހުރީތީވެ، ދެ މީހުންކުރެ މީހެއްގެ ޙައްޤަކަށް އުނިކަން ލިބޭގޮތަށް، ޙުކުމެއް ކުރެވިދާނެއެވެ. އެހެން ވެއްޖެނަމަ، ދުނިޔޭގައި ވެސް އާޚިރަތުގައި ވެސް ތިމާގެ ކިބައިގައި އެކަމުގެ ފާފަ ދެމި އޮވެދާނެއެވެ.
ﷲ سبحانه و تعالى ކީރިތި ޤުރްއާނުގައި ވަޙީކުރައްވަނީ ﴿إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا﴾ (سورة النساء: ٥٨) މާނައީ: "ހަމަކަށަވަރުން، أمانةތައް، އޭގެ أهلވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدلއަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّهއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ."
މިއީ ކޮންމެ މީހަކަށް އޮތް ފަރުދީ ކަމެކެވެ. އެ ޒިންމާ އަދާ ކުރަންވީ އޭނާގެ އަމިއްލަ ނަފުސަށް ޢަދުލުވެރިވުމަށްޓަކައެވެ. އިމާމު މީހާއަށް އޭނާގެ ބެލުމުގެދަށުގައި ތިބި މީހުންނަށް އާދުލުވެރި ވުމެވެ. ޓީޗަރުންނަށް އޭނާގެ ބެލުމުގެ ދަށުގައި ތިބި ދަރިވަރުންނަށް ޢަދުލުވެރިވުމެވެ. ބަފައިންނަށް އޭނާގެ ބެލުމުގެ ދަށުގައި ތިބި އަހުލުންނަށް ޢަދުލުވެރި ވުމެވެ. ގާތްތިމާގެކަމާއި އެކުވެރިކަން ނުވަތަ އެނޫން ވެސް ގުޅުމެއް މީހަކާ މެދު އޮތުމަކީ އެބައިމީހުންގެ މެދުގައި ޢަދުލުން މުޢާމަލާތު ކުރަން އޮތް ހުރަހެއް ކަމުގައި އެކަން ނުހަދާށެވެ. އެ އެންމެންގެ މެދުގައި ބަސް ބުނާއިރު ޢަދުލުވެރިކަން އިސްކުރާށެވެ! މާތް ﷲ ވަހީކުރައްވަނީ ﴿وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰ ﴾ (سورة الأنعام: 152) މާނައީ: "އަދި ތިޔަބައިމީހުން ބަސް ބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، عدلއަށް (ތެދަށް) ބުނާށެވެ!"
އަޅަމެންނީ ޢަދުލަށް ބަސްބުނާ ޢަދުލަށް ލޯބިކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ! އަޅަމެންނީ ހެޔޮކަމުގެ މަގު އިސްކޮށް އަމިއްލަ ނަފުސުތަކަށް ޢަދުލުވެރިވާ ބަޔަކު ކަމުގައި ލައްވާނދޭވެ! އާމީން!
قال تعالى ((يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا الْهَوَىٰ أَن تَعْدِلُوا ۚ وَإِن تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا)) (135) النساء