ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މުވައްޒަފުންނަށް ރަށަށް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މުވައްޒަފުންނަށް ކަރަންޓީން ނުވެ ރަށަށް ދެވޭނެ ކަމަށެވެ. ނަމަވެސް ރިސޯޓުތަކުން މޮނިޓަރިންގައި އޮތް ރަށްތަކަށް ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭނީ ވެކްސިން ފުރިހަމަ ކުރިތާ 14 ދުވަސް ފުރިހަމަ ކުރުމަށް ފަހު ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއަކާއެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން އަޅާ އިތުރު ލުއިތައް މިއަދު ވަގުތެއްގައި އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަދު މެންދުރު 2:30 ގައި މިކަމަށްޓަކައި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ ހަފްތާގައި ވަނީ ލުއިތަކެއް ދީފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ރިސޯޓުތަކުގައި މަސައްކަތްކުރާ 71 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފަ އެވެ. އަދި 97 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފަ އެވެ.