ރާއްޖޭގެ މުޖުތަމައުގައި ހުރި ނޭދެވޭ އާދަކާދަތައް ނައްތާލައި، މުޖުތަމައުގައި ހުރި ކަންތައްތައް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އިޖްތިމާއީ ފޭރާން ރަނގަޅުކުރުމަށް ހިންގޭނެ ޕްރޮގްރާމްތަކާ ބެހޭގޮތުން ސޯޝަލް އެތިކްސް ކޮމިޓީއާއެކު ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ސްކޫލް ތެރޭގައި ކުދިންނަށް ޚާއްޞަކޮށްގެން ހިންގޭނެ ޕްރޮގްރާމްތަކާއި ސްކޫލުން ބޭރުގައި ހިންގޭނެ ޕްރޮގްރާމްތަކަކީ ކޮބައިތޯ ބަލައި، ގައުމުގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރުމަށް އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެއީ އެންމެން ވެސް ގަބޫލުކުރާނެ ހަގީގަތެއް ކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ ދިމާލަކުން ވެސް ގައުމުގެ އިޖުތިމާއީ ކަންކަން ރަނގަޅުކުރުމަށް އެއްބާރުލުންދީ މަސައްކަތްކުރެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޚާއްސަ އެދިލެއްވުމެއްކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ބައިވެރިން މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ސްކޫލްތައް މެދުވެރިކޮށް، ކުދިންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ރިވެތި އަދަބު އަހުލާގާއި، ހަމަތަކާއި އުޞޫލުތައް ކުދިންގައިގައި އަށަގެންނެވުމަށް ކުރެވިދާނެ ކަންކަމާއި ހިންގިދާނެ ހަރަކާތްތަކާ މެދު ކަމަށް ރައީސް އޮފީހުން ބުންޏެވެ.