ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ލައްވާ ނަފްރަތު މާނަކުރުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުން ރާވައިގެން ހިސާން އަވަހާރަކޮށްލަން ކަމަށް ވިދާޅުވެ މާފަންޑު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ސަރުކާރަށް ތުހުމަތު ކުރައްވައިފި އެވެ.

މަޖިލީހުގެ ޖަލްސާގައި އެ ބިލާ ގުޅޭގޮތުން މިއަދު ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ގާނޫނުލް އުގޫބާތަށް އެ އިސްލާހު ހުށަހެޅީ، ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ފެށުމުން އެ ވާހަކަތަކުގެ މިސްރާބު އަނބުރާ ލުމަށް ކަމަށެވެ.

އަދި ހިސާން ލައްވައި އެ ބިލް މަޖިލީހަށް ހުށަހެޅުމަށްފަހު ސަރުކާރުގެ ވުޒާރާތަކުގައި ތިބި ފަރާތްތަކުން މި ބިލާ އިދިކޮޅަށް ވާހަކަދައްކައި މުޅި މީޑިއާ ބޭނުންކޮށްގެން ހުރިހާ ބަދުނާމެއް ހިސާންގެ ބޮލުގައި އެޅުވީ ކަމަށް ބޮންޑެ ވިދާޅުވި އެވެ.

ބޮންޑެ ވިދާޅުވީ، ސަރުކާރުން އެ ބިލް ހުށަހެޅުމުުގެ މަގްސަދު ތެރޭގައި ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުގެ މިސްރާބު ބަދަލުކޮށް އެކަމުގައި ބައިވެރިވި މުޖުރިމުން ސަލާމަތްކޮށްދިނުން ހިމެނެ އެވެ.

"އަޅުގަނޑު ތުހުމަތުކުރަން މިހާރު ސަރުކާރު މިކަމުގައި ހިމެނޭކަމަށް. އަޅުގަނޑަށް ޝައްކުކުރެވޭ މިހާރު ސަރުކާރުގެ ކޯލިޝަންގަ ތިބި ބަޔަކު ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލާފައި، އެ ވާހަކަތަކާއި ތަހުގީގުތަކުގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލުމަށްޓަކައި، ތަހުގީގުކުރަމުން ބަލަން ހުރި އެންމެ މުއައްސަސާއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު ހިސާން ހުސައިން އަވަހާރަކޮށްލަން ދެވަނަ ރޭވުމެއްކަމަށް މިއޮތީ ރާވަފައި،" ބޮންޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން ނަފްރަތުގެ ބިލާ ދެކޮޅަށް ބަޔާން ނެރުނު ކައުންސިލްތަކަށް ވެސް ބޮންޑެ ވަނީ ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެ ބިލް އަނބުރާ ގެންދިޔުމަށް ކައުންސިލްތަކުން ގޮވާލާއިރު، އެއްވެސް ކައުންސިލަކުން ބިލްގައި އޮތްއެއްޗެއް ކިޔާފައިނުވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ވިދާޅުވެފަ އެވެ. ސަރުކާރަށް ފާޑު ވިދާޅުވެފައި ވަނީ ނަޝީދު ފެކްޝަނަށް ތާއިދު ކުރައްވާ މެމްބަރުންނެވެ. އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއިދު ކުރައްވާ ފެކްޝަނާއި ނަޝީދަށް ތާއިދު ކުރައްވާ ފެކްޝަނެވެ. މަޖިލީހުގެ ގިނަ އެމްޑީޕީ މެމްބަރުންގެ އިތުރުން ގިނަ މިނިސްޓަރުން ވެސް ތާއިދު ކުރައްވަނީ ރައީސް ސޯލިހު އަށެވެ. ނަޝީދަށް އެމްޑީޕީ ތެރެއިން އޮތީ ވަރަށް ކުޑަ ތާއިދެކެވެ.