ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ތުޅާދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ނަފުރަތުގެ އަމަލުތަކަކީ ޖިނާއި ކުށެއްގެ ގޮތުގައި ކަނޑައަޅަން ކަމަށް ބުނެ ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ބޭރުނުކޮށް އަނެއްކާ ވެސް ޖުޑިޝަރީ ކޮމިޓިއަށް ފޮނުވާލީ ބިލު އިތުރަށް ގޯސްކޮށް "ލާދީނިއްޔަތު" ޖާގަ ހޯދަން ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރައްވައިފި އެވެ.

ހިސާން ހުށަހެޅުއްވި އެ ބިލު ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް އަނބުރާ ކޮމިޓިއަށް ފޮނުވާލީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އައުލަބިއްޔަތުން ވެސް އެ ގޮތަށް ފާސްކޮށްގެނެވެ. ސަރުކާރުން ފޮނުވި ބިލު ސަރުކާރުގެ ބޭފުޅުން ދިފާއި ނުކުރައްވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މިއަދު މަޖިލީހުގެ ޖަލްސާގައި ނުރުހުން ފާޅުކޮށްފަ އެވެ.

މިއަދު މަޖިލިސް ޖަލްސާ ނިންމާލުމަށް އެ އިމާރާތް ކައިރީ ނޫސްވެރިންނާ ބައްދަލު ކުރައްވައި އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އިދިކޮޅު ކޯލީޝަނުން ތާއީދު ކުރަނީ ބިލު މަޖިލީހުން ބޭރުކޮށްލުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބިލު ބޭރުނުކޮށް ކޮމިޓީއަށް ފޮނުވާލީ އެމްޑީޕީގެ ލީޑާޝިޕްގައި އަދިވެސް ބިލު މެދުވެރިކޮށް "ލާދީނިއްޔަތު" ނިޒާމެއް ގެނައުމުގެ ވިސްނުން އޮތުމުން ކަމަށެވެ. ސަލީމް ވިދާޅުވީ ބިލު ކޮމިޓީއަށް ފޮނުވާލީ އިތުރަށް އެ ބިލު ގޯސް ކުރަން ކަމަށެވެ.

"މި ބޭނުމަކީ ލާދީނީ ދައުލަތުގެ ނިޒާމު ރާއްޖެއަށް ގެނައުން، އެ ކަން ކުރަން ވެގެން މަޑުމަޑުން މިފަދަ ގާނޫނުތައް ފުރަތަމަ މި ގެންނަނީ، ކޮމިޓީއަށް ފޮނުވާލީ ވެސް އިތުރަށް ބިލު ގޯސް ކުރަން،" ސަލީމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ބިލު ދިރާސާނުކޮށް "ލާދީނީ" ބިލްގެ ގޮތުގައި ސިފަ ކުރަނީ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވި ނަމަވެސް ޕީޕީއެމާއި ޕީއެންސީގެ ކޯލީޝަނުން ބިލު ފުރިހަމަ ދާއިރާއެއްގައި ދިރާސާ ކުރި ކަމަށެވެ.

އެގޮތުން ޕީޕީއެމް އާއި ޕީއެންސީގެ ހާއްސަ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދާދި ފަހުން ނަފުރަތުގެ ބިލަށް ކޮމިޓީ މަރުހަލާއިން ގެނައި އިސްލާހުތައް ދިރާސާކޮށް ދެއްކެވި ވާހަކަތައް ޝިޔާމް ފާހަގަކުރެއްވި އެވެ.

ޑރ. ޝަހީމްވިދާޅުވީ، އިސްލާމީ ފިގުހުގައި އުފެދިފަ ހުންނަ ކޮންމެ ހިލާފަކީ މުއުތަބުރު ހިލާފެއް ނޫން ކަމަށެވެ. އަދި މުއުތަބަރު ހިލާފަކީ ގަބޫލުކުރެވޭ ދަލީލުތަކުގެ މައްޗަށް ބިނާވެފަ ޡައްނިއްޔާތުގައި އުފެދިފަވާ ހިލާފުތައް ކަމަށެވެ. ބިލަށް ދެވަނައަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ޝަހީމް ވިދާޅުވީ، ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް މުސްލިމެއްގެ ކިބައިން ފާޅުވުމުން ޝަރުތުތަކަކާ މަވާނިއުތަކަށް ނުބަލައި އަދި ތަހުގީގުކުރުމެއް ނެތި ކާފަރެއް ނުކުރެވޭނެ ކަމަށެވެ.

މަވާނިޢުތަކަކީ، ޖާހިލުކަމާއި، ތައުވީލުކުރުން އަދި މަޖްބޫރު ހާލަތަށްވާއިރު އެފަދަ ހާލަތެއްގައި ހުރި މީހާ ކާފަރު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މީހަކު ބޭނުންހާ ގޮތަކަށް އަނެކާ މުރުތައްދެއް ނުކުރެވޭނެ ކަމަށާއި، އެއީ އަގީދާގައި ވަރަށް ބޮޑުކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.