މިއަދުގެ ދުނިޔޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މީސްތަކުން ﷲގެ ދީން ދޫކޮށްލާފައިވުމެވެ. ﷲ ނޫން އެހެން އިލާހުންނަށް އަޅުކަން ކުރުން ކުރިޔެކޭ އެއްގޮތަށް މިއަދު ވެސް އެބައޮތެވެ. އަދި މުސްލިމުން ވެސް ތިބީ އަވަދިނެތިވުމުގެ ސަބަބުން ދީނީ ކަންކަމަށް ފަރުވާތެރި ނުވެވި ދުނިޔަވީ ޙަޔާތް ބާއްޖަވެރި ކުރަން މަޝްޣޫލުވެފައެވެ.
ވަކިން ޚާއްޞަ ގޮތެއްގައި މުސްލިމުން އެބައިމީހުންގެ މުޤައްދަސް ފޮތް، ޙަޔާތުގެ ދުސްތޫރު ކަމުގައިވާ ކީރިތި ޤުރްއާނާ ދުރުވެފައިވާކަމީ ކޮޅުނެތްކޮޅަށް ހިތާމަ ހުރިކަމެކެވެ. އެކިއެކި މަޝާއިޚުންނާއި މުފްތީން ގިނަވެ، ބަލާނީ، އަހާނީ ކާކުގެ އަޑެއްތޯ ނޭގި މުސްލިމު އަޚުންނާއި އުޚްތުން ދަނީ ހާވިޔާ ވަމުންނެވެ. ތިމާގެ ޖަޒުބާތުތަކަށް އެންމެ އަސަރުކުރާގޮތަށް ވާހަކަ ދައްކާ ޝައިޚަކީ ތެދުވެރި ރަނގަޅު މީހާކަމަށް ޤަބޫލު ކުރަމުން، ދެން ތިބި ޝައިޚުންގެ ބަސްތައް ބޮލައިލާޖެހޭ މައްސަލަ ވަނީ ދުނިޔޭގެ ހަތަރުބިތުގައި ދިރިއުޅޭ މުސްލިމުންނަށް ވެސް ދިމާވެފައެވެ.
މުސްލިމުންނަށް އޮތް މޮޅުގޮތަކީ ޤުރްއާނުގައި ގަދަޔަށް ހިފެހެއްޓުމެވެ. އެހެނީ އިންސާނިއްޔަތަށް ނަމޫނާ ދައްކަވަން ވަޑައިގެންނެވި މާތް ސާހިބާގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވީ ޤުރްއާނީ އަޚްލާޤުގެ މަތީގައެވެ. އެކަލޭގެފާނުގެ ޚުލުގުފުޅާ ބެހޭގޮތުން އުންމަތުގެ އެއް މައިކަމަނާ ކަމުގައިވާ ޢާއިޝާ (رضي الله عنها) އާ ސުވާލު ދެންނެވުނެވެ. އެ ކަމަނާ ޖަވާބުގައި ވިދާޅުވީ "كان خلقه القرآن" މާނައީ:- "އެކަލޭގެފާނުގެ ޚުލުޤުފުޅަކީ ޤުރްއާނެވެ." އެ މާތް ނަބިއްޔާ ﷺއަކީ ބިންމަތީގައި ހިންގަވައިއުޅުއްވި ޤުރްއާނެއްކަމަށް ދީނުގެ ދަންނަބޭކަލުން ސިފަކުރައްވައެވެ. އެކަލޭގެފާނަކީ މީސްތަކުންކުރެ އެންމެ ހެޔޮ އިންސާނާއެވެ. އެކަލޭގެފާނުގެ ޚުލުޤުފުޅާ ބެހޭގޮތުން ކީރިތި ﷲ އެ ކަލާންގެ ކަލާމްފުޅުގައި ވަޙީކުރަށްވަނީ ﴿وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ﴾ (القلم: 4) މާނައީ:- "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ." ކަންމިހެން އޮތްއިރު އަޅުގަނޑުމެނަށް ޙަޔާތުގައި ޤުރްއާން ތަޠްބީޤު ނުކުރެވޭކަން މިއީ ނުހަނު ހިތާމަ ހުރި ކަމެކެވެ. އަޅުގަނޑުމެންނަކީ ޤުރްއާން ދޫކޮށްލާފައިވާ ބަޔަކު ކަމުގައި ނުވަމާތޯއެވެ!
މާތްނަބިއްޔާ ﷺ ޤީޔާމަތް ދުވަހު ކުރައްވާ ޝަކުވާއަކީ އެކަލޭގެފާނުގެ އުންމަތުގެ މީހުން ޤުރްއާން ދޫކޮށްލާފައިވާ ކަމުގެ ޝަކުވާއެވެ. ﴿وَقَالَ الرَّسُولُ يَارَبِّ إِنَّ قَوْمِي اتَّخَذُوا هَذَا الْقُرْآنَ مَهْجُورًا﴾ الفرقان: 30. "رسولއާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ قومގެ މީހުން، މި قرآنއަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ."
ކަން މިހެން އޮތްއިރު ދީނީ ވާޖިބުތަކަށް ސަމާލުވެވޭތޯ މަސައްކަތްކުރާ އަޚުންނަށް ދޭން އޮތް ނަޞޭޙަތަކީ ތިބާއަށް ލިބޭ ހުރިހާ ޢިލްމަކީ ވެސް ޤުރްއާނާއި ސައްޙަ ޙަދީޘް ތަކާއި ފުށުނާރާ ޢިލްމާއި މައުލޫމާތުތޯ ރަނގަޅަށް ބަލާ ފާސްކުރާށެވެ! މިކަން އެނގޭނެ ގޮތަކީ ކޮބައިތޯއެވެ؟ މިކަން އެނގޭނެގޮތަކީ، މިއިން އެއްވެސް އެއްޗެއް (އެބަހީ ޤުރްއާނާއި ޞައްޙަ ޙަދީޘް) ފަހަރެއްގައި ވެސް އިންސާނީ ހަމަ ބުއްދިއާ ތަޢާރުޟް ނުވާނެވެ. ތިބާގެ ބުއްދި ހަމަ މަގުގައި ބެހެއްޓުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ގިނަގިނައިން ޤުރްއާން ކިޔެވުމެވެ. އަދި ވީއެންމެ ގިނައެއްކޮށް ޤުރްއާނުގެ މާނަ ކިޔާ އެއާމެދު ވިސްނާ ތަތައްބުރުކޮށް އުޅުމެވެ. އަދި އޭގެ އިތުރުން ވަގުތުވާނަމަ ޤުރްއާނުގެ ތަފްޞީރު ބަލާށެވެ! ގިނައިން ޤުރްއާން ކިޔަވާ އުޅޭނަމަ ތިމާއަށް ޢަރަބިބަސް ނޭނގުނު ކަމުގައިވިޔަސް، ތިމާގެ ނަފްސު ހެލާނެއެވެ. އަދި ޠަބީޢީގޮތުން ތިމާގެ ފިޠުރަތް ޙައްޤު ބަލައިގަތުމަށް ތައްޔާރުވާނެއެވެ.