މާލެގެ ބައެއް ސަރަހައްދުތަކުގައި ކާރާއި ވޭން އަދި ޕިކަޕް ޕާކުކުރަން ހަދާފައިވާ ޕާކިން ޒޯންތަކަށް ކުރިމަތިލުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މާލެ ސިޓީގެ ބައެއް މަގުތަކާއި ގޯޅިތަކާއި އަދި ބައެއް ސަރަހައްދުތަކުގައި ހަދާފައި ހުރި ޕާކިން ޒޯންތަކުން އަގުނަގައިގެން ވެހިކަލްތައް ޕާކްކުރުމަށް ކަނޑައަޅާފައިވާ ޖާގަތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ދިހަ ސަރަހައްދެއްގައި ހަދާފައިވާ ޕާކިން ޒޯންތަކުން ޖާގަ ދޫކުރާނީ 350 ކިލޯގެ ޕިކަޕް އާއި ކާރު އަދި ވޭންއަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
މުޅި ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު އެންމެ ގިނަ ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ހެންވޭރު ސަލްމާން މިސްކިތު ސަރަހައްދުންނެވެ.
އެގޮތުން ކުލި ނަގާގޮތަށް ދޫކުރުމަށް ހަމަޖެހިފައިވާ ޕާކިން ޒޯންތަކާއި ސަރަހައްދުތަކަކީ:
- މައްޗަންގޯޅި ވައިދެރިހިނގުން. (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) - 44 ޖާގަ
- މައްޗަންގޯޅި ރާދަފަތިހިނގުން. (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު) - 21 ޖާގަ
- މައްޗަންގޯޅި ކުރެދިގޯޅި - 10 ޖާގަ
- މައްޗަންގޯޅި ހުދުފަޅުހިނގުން - 8 ޖާގަ
- މާފަންނު ހިލާލީމަގު (އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅި) - 20 ޖާގަ
- މާފަންނު ހިލާލީމަގު (އަމީނީމަގު އިރުމަތީ ފަޅި ނުވަތަ ސްޓޭޑިއަމް ފަޅި) - 10 ޖާގަ
- ސަލާހުއްދީން ޕާކިން - 10 ޖާގަ
- ހެންވޭރު އާޓިފިޝަލް ބީޗް ޕާރކިންގ (ޗައިނާ އެމްބަސީ ކުރިމަތީގައި) - 24 ޖާގަ
- ހެންވޭރު އަލިމަސް ކާނިވާ ސަރަހައްދު - 6 ޖާގަ
- ހެންވޭރު ސަލްމާން މިސްކިތު ސަރަހައްދު - 58 ޖާގަ
ޗައިނާ އެމްބަސީ ކުރިމަތިން ހަދާފައިވާ ޕާކިން ޒޯނުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓް ކާރުތަކަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އަގުދީގެން ދޫކުރަން ނިންމާފައިވާ ޕާކިން ޒޯންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށެވެ. ޕާކިން ޒޯންތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާބެހޭ ބަޔަށް އެކަމަށް އެދި ސިޓީއާއިއެކު އައިޑީ ކާޑުގެ ކޮޕީ އާއި ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުއްވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ ޕާކިން ޒޯންގެ ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތަކުން ކަމަށެވެ.